ޚަބަރު

ޕާސްޕޯޓްގެ ޚިދުމަތަށް މިހާރު 24 ގަޑިއިރު އެދެވޭނެ


ޕާސްޕޯޓް ޚިދުމަތަށް ކުރިއެކޭ އެއްގޮތަށް މިހާރު 24 ގަޑިއިރު ހުށަހެޅޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަންއިން ބުނެފިއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް "އިމުގަ" މެދުވެރިކޮށް ޕާސްޕޯޓަށް ހެދުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެކަމަށް އިމިގްރޭޝަނުން ވިދާޅުވިއިރު، ޕޯޓަލްގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި މީގެ މަހެއްހާ ދުވަހުގެ ކުރިން ޕާސްޕޯޓަށް އެދުމުގެ ވަގުތުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

އިމިގްރޭޝަނުން ވިދާޅުވީ ޕޯޓަލްގެ ފެންވަރު ރަނގަޅުކުރުމަށް ކުރި މަސައްކަތް ނިންމާލާފައިވާކަމަށެވެ. އަދި މިއަދުން ފެށިގެން ކޮންމެ ދުވަހަކު 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްެރޭޝަނުން ވިދާޅުވީ ޕާސްޕޯޓަށް ހެއްދުމަށް ހުށަހަޅާ އެޕްލިކޭޝަންތައް ކުރިއަށްގެންދާނީ ފޯމުތައް ލިބޭ ތަރުތީބުންކަމަށެވެ. އަދި ޕާސްޕޯޓަށް ފައިސާ ދެއްކުންވެސް އޮންލައިންކޮށް ކުރިއަށްގެންދެވޭނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އިމިގްރޭޝަނުން ވިދާޅުވީ ރައްޔިތުންނަށް ވީހާވެސް ފަސޭޙައިން އިމިގްރޭޝަންގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކެއްކަމަށެވެ.