ޚަބަރު

ޤައުމީ ޝިޕިންގ ކުންފުނީގެ އަމިއްލަ ބޯޓު، މުދަލާއެކު ރާއްޖެއަށް!


ސަރުކާރުގެ ޝިޕިންގ ކުންފުނި، މޯލްޑިސް ސްޓޭޓް ޝިޕިންގއިން ގެނައި އެކުންފުނީގެ ފުރަތަމަ އަމިއްލަ ބޯޓު، "އެމްއެސް ގަލޭނާ" ފުރަތަމަ ފަހަރަށް މުދަލާއެކު ރާއްޖެ އައިސްފިއެވެ.

އެމްއެސްއެސްގެ "އެމްއެސް ގަލޭނާ" މިއަދު ހެނދުނު މާލޭ ކޮމާޝަލް ހާބަރަށް ބަނދަރުކުރުން ފާހަގަކުރުމަށް އެމްޕީއެލްގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތުގައި މޯލްޑިވްސް ސްޓޭޓް ޝިޕިންގ، އެސްޓީއޯ، އެމްޕީއެލް އަދި ޓްރާންސްޕޯޓް އޮތޯރިޓީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ

އެމްއެސްއެސްގެ ފުރަތަމަ ބޯޓު "އެމްއެސްއެސް ގަލޭނާ"ގެ ކާގޯ ދަތުރުތައް ފެށުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ، ކެޕްޓަން މުހައްމަދު ނާޒިމް ވިދާޅުވީ އެކުންފުނީގެ އަމާޒަކީ މާލޭއާއި ކޮލޮމްބޯއާއި ދެމެދު ކޮންމެ 8 ދުވަހަކުން ދަތުރެއް ބޭއްވުންކަމަށެވެ. މީގެއިތުރުން މި ބޯޓަކީ 780 ކޮންޓެއިނާގެ ޖާގައާއި 60 ޓަނުގެ ކްރޭން އަދި 60 ފީފާ އުފުލޭވަރުގެ ބޮޑު ބޯޓެއްކަންވެސް ކެޕްޓަން ނާޒިމް ވަނީ ފަހަގަކުރައްވާފައެވެ.

ކޯވިޑް19ގެ ދަތި ހާލުގައި މުދަލުގެ އަގުތައް އުފުލެމުން އައި ދުވަސްވަރު އަވަސް ހައްލެއްގެ ގޮތުން ރާއްޖޭގެ ވިޔަފާރިވެރިންނަށް ލިބިގެންދިޔަ މި ފަސޭހައަކީ ވަރަށް ބޮޑު ލުޔެއްގެ ގޮތުގައި އެ ކުންފުނިން ވަނީ ފާހަގަކުރައްވާފައެވެ. ޕެންޑެމިކްގެ ދުވަސްވަރު ދިމާވި ދަތިތަކާއިއެކު ވެސް ދިވެހިންގެ މަދު ފަޅުވެރިންކޮޅަކާއި އެކު ފެށުނު މި ދަތުރު ފާހަގަކުރެވެނީ ކުންފުންޏަށް ލިބުނު ބޮޑު ކާމިޔާބެއްގެ ގޮތުގައިވެސް މޯލްޑިވްސް ސްޓޭޓް ޝިޕިންގއިން ފާހަގަކުރެއެވެ.

އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މޯލްޑިވްސް ސްޓޭޓް ޝިޕިންގ ލައިނުގެ އަމާޒަކީ އެކުންފުނިން މިހާރު ބޭނުންކުރަމުން އަންނަ ޗާޓަރު ބޯޓުތައް އެއްކޮށް ދޫކޮށްލުންކަމަށެވެ. އަދި އެގޮތުން މިހާރު ގެނެސްފައިވާ އެމްއެސްއެސް ގަލެނާގެ އިތުރުންވެސް ބޯޓެއް ހޯދުމަށް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންކަމަށް ސައީދު ވިދާޅުވިއެވެ.

އެމްއެސްއެސްގެ ފްލީޓުގައި މުދާ އުފުލާ ކޮންޓެއިނަރ ބޯޓުގެ އިތުރުން ޖެނެރަލް ކާގޯ އުފުލުމަށްވެސް އިތުރު ބޯޓުތައް އަންނަނީ ބޭނުންކުރަމުންނެވެ. އެ ކުންފުނިން ބުނާ ގޮތުގައި މިހާރު މި ބޯޓުތައް ދަތުރުކުރަމުން އަންނަނީ އިންޑިއާގެ ޓުޓިކޮރިންއިން ސީދާ އައްޑޫ ސިޓީއަށް މުދާ ގެންދިޔުމަށެވެ. މި ދަތުރުތަކުގެ ސަބަބުން އައްޑޫ ސިޓީއަށް ގެންދެވޭ މުދަލުގެ އަގު 50 އިންސައްތަ ކުޑަވެގެންދާކަން ވަނީ ފާހަގަކުރައްވާފައެވެ.

އެމްއެސްއެސްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހުގެތެރޭ ޚިދުމަތްދޭން ފަށާފައިވާ މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ އެސްޓީއޯގެ 99.99 އިންސައްތަ އޮންނަ ކުންފުންޏެކެވެ. ބާކީ އޮތް 0.01 އިންސައްތައަކީ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާއެވެ.