ގ.ދ. ތިނަދޫގައި ޒަމާނީ ކޮންސެޕްޓަކަށް މިއުޒިއަމް ޕާރކަކާއި އިންޑޯރ ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީ ކުރުމަށް ހައުސިން މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އަދި އެމްޓީސީސީ އާއި އެމްއާރުޑީސީ އާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަޝްރޫއާއިބެހޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ދަރުބާރުގޭ ހިރިޔާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ގދ ތިނަދޫގައި މިއުޒިއަމްއަކާއި އިންޑޯރ ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ، އެ ރަށުގައި މީހުން އާބާދުވިތާ 50 އަހަރު ފުރުން ފާހަގަކުރާ މުނާސަބަތާއި ގުޅުވައިގެން ކުރިޔަށްގެންދާ މުހިއްމު މަޝްރޫއެކެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި މަޝްރޫއަކީ 2016 ވަނަ އަހަރު ކުރިޔަށް ގެންދިއުމަށް ކަނޑައެޅިފައިވާ މަޝްރޫއުތަކުގެ ތެރެއިން މުހިންމު އެއް މަޝްރޫއުކަމަށެވެ. އަދި ތިނަދޫގެ ތާރީޚާއި ރާއްޖޭގެ ތާރީޚު ގުޅިފައިވާގޮތް ރަމްޒުކޮށްދޭ މި ދާރުލްއާޘާރު ހެދިގެންދިއުމަކީ ކުޑަކުދިންނާއި މުސްތަޤުބަލުގެ ޖީލުތަކަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމެއްކަންވެސް ޑރ.މުޢިއްޒު ފާހަގަކުރެއްވިއެވެ.މި މަޝްރޫއަށް ގާތްގަޑަކަށް 25 މިލިޔަށް ރުފިޔާ ޚަރަދުވާނެއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހު ފަށާ، ޖުލައި މަހުގެ ފަހުކޮޅުގައި ނިންމާލެވޭނެކަމަށް ހައުސިން މިނިސްޓްރީން ލަފާކުރައްވައެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒާއި އެމް.ޓީ.ސީ.ސީ.ގެ ސީ.އީ.އޯ. ޢަބްދުލް ރައްޒާގު ޙަލީމް، އަދި އެމް.އާރް.ޑީ.ސީ.ގެ ޗެއާމަން މުޙައްމަދު ރިޔާޒެވެ. އިންޑޯ ސްޕޯޓްސް ކޮމްޕްލެސް ތަރައްޤީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމް.ޓީ.ސީ.ސީ.ގެ ސީ.އީ.އޯ. ޢަބްދުލް ރައްޒާގު ޙަލީމާއި، ޔޫތު މިނިސްޓަރ އަޙުމަދު ޒުހޫރެވެ. މި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަޙްމަދު ޒުހޫރުވަނީ، ޢުމްރަނީ ތަރައްޤީއާއި ޒުވާނުންގެ ކުރިއެރުމާއި ގުޅިފައިވާ މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވާފަވެއެވެ. އަދި، 2016 ވަނަ އަހަރަކީ ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި ގިނަ ޕްރޮޖެކްޓްތަކެއް ހިންގޭނެ އަހަރަކަށް ވެގެންދާނެކަމަށްވެސް ޒުހޫރު ވިދާޅުވިއެވެ.