ޚަބަރު

ދަރަނި އަދާކުރުމަށް ދަތިތަކެއް އެބަހުރި: ރައީސް ނަޝީދު


ދައުލަތުން ނަގާފައިވާ ލޯނުތައް އަދާކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަމަށާ، ނަމަވެސް އެ ދަރަނިތައް އަދާކުރަން އަންނަ އަހަރުގެ ބަޖެޓްގައި ފައިސާ އެބަހުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް މުޙައްމަދު ނަޝިދު މިހެން ވިދާޅުވީ އެމްއެމްއޭގެ ޕަބްލިކް އެކައުންޓް އޯވާޑްރޯކުރުމުގެ ހުއްދަ ދިނުމަށް މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝިދު ވިދާޅުވީ ރާއްޖެއިން ނަގާފައިވާ ދަރަނިތައް ދެއްކުން ސަރުކާރަށް އިންތިހާއަށް އުނދަގޫކަމަކަށް ވެފައިވާކަމަށެވެ. ދައުލަތުގެ ދަރަނީގެ ޖުމްލަ ޢަދަދުތަކަށް ބަލާއިރު ދަރަނި ދެއްކޭ މިންވަރަށް ދައުލަތަށް ޢާމްދަނީ ނުލިބޭކަމަށާ، ކުރިއަށް އޮތްތަނުގައި ދައުލަތަށް ވަރަށްބޮޑު ޢާމްދަނީއެއް ލިބިގެން މެނުވީ ދައުލަތަށް މިކަން ފަސޭހަ ނުވާނެކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި ދަރަނި އަނބުރާ ދެއްކުމަށް ބަޖެޓް ކޮށްފައިވާ ޢަދަދަށް ފައިސާ ހުރިކަން ޔަގީންކުރުމާއި، ދަރަނި ދެއްކުމަށްފަހު ދައުލަތުގެ ޚަޒާނާގައި ފައިސާ ހުންނާނެ މިންވަރެއް ބެލުން މުހިއްމުކަމަށް ވިދާޅުވިއެވެ. އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަފައިވާ 37 ބިލިއަން ރުފިޔާގެ ބަޖެޓްގެ ޖުމްލަ ދަރަންޏަކީ 9.7 ބިލިއަން ރުފިޔާއެވެ. އަދި ސަރުކާރުން ނަގާފައިވާ ލޯންތަކަށް އަންނަ އަހަރު 2.9 ބިލިއަން ރުފިޔާ ދައްކަން ޖެހޭނެތީ، އެ ޢަދަދަށް ބަޖެޓްގައި ފައިސާ ވަނީ ހިމަނާފައެވެ.

"އަންނަ އަހަރުގެ ދަރަނީގެ ޢަދަދަކީ 2.9 ބިލިއަން ރުފިޔާއޭ. އެ ޢަދަދަށް ފައިސާ ހުރި ކަމުގެ އަންދާޒާއެއް އަޅުގަނޑަށް އެބަފެނޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އަންނަ އަހަރު ދައްކަންޖެހޭ ދަރަނި ބޮންޑެއްގެ ބޮޑުބައި މިއަހަރު ދައްކާފައިވީ ނަމަވެސް އަންނަ އަހަރަށްވިރެ 2023ގައި ދަރަި ދެއްކުމަށް ކުރަންޖެހޭ ހޭދަ މާބޮޑުވާނެކަމަށެވެ.

ރައީސް ނަޝިދު ވިދާލުވީ ރާއްޖޭގެ ދަރަނީގެ ހާލަތު ދެނެގަތުމަށް މަޖިލީހުން ރަނގަޅު ދިރާސާތަކެއް ކޮށްފައިވާކަމަށާއި، ދައުލަތަށް ލަފާތަކެއްވެސް ދެއްވާފައިވާނެކަަމަށެވެ. ނަޝީދު ވިދާޅުވީ، ދަރަނި ރީސްޓްރަކްޗާ ކުރުން މިވަގުތަށް ވަރަށް މުހިއްމުކަމަށެވެ.

ދަރަނި ރިސްޓްރަކްޗަރ ކުރުމަކީ ދަރަނި އަދާކުރަންޖެހޭ މުއްދަތު އިތުރުކުރުމާއި ދައްކަންޖެހޭ ފައިސާގެ ޢަދަދުތައް ކުޑަކުރުމާއި ބައެއް ޢަދަދުތައް މައާފްކުރުމެވެ. ރައީސް ނަޝީދު ވަނީ ދަރަނިތަކަށް ގްރޭސް ޕީރިއަޑެއް ހޯދައި ކުރިއަށް އޮތް ދެއަހަރު ލޯނު ނުދައްކައި ކުރިއަށްދެވޭނެ ގޮތްތަކެއް ހޯދުމަށް އެދިވަޑައިގަތެވެ.

ދައުލަތުގެ ދަރަންޏާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހުގައި ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްގެ ވެރިކަމުގެ ފާއިތުވި 3 އަހަރުދުވަހުގެ ތެރޭގައި ނަގާފައިވާ ދަރަންޏަށްވުރެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނަގާފައިވާ ދަރަނި އިތުރުކަމަށެވެ.

އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދަރަނި 39.6 ބިލިއަން ރުފިޔާއަށް އުފުލިގެން ދިޔަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ދަރަނި އެހާ މައްޗަށް އުފުލިފައިވަނީ ދުނިޔޭއާއި ރާއްޖޭގެ ވެސް އިގްތިޞާދު އެންމެ ރަނގަޅަށް އޮތް ދުވަސްވަރުކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ދަރަނި އުފުލިފައިވަނީ ދުނިޔެ ނުދެކޭފަދަ ބަލިމަޑުކަމެއްގެ ތެރޭގައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އަމީރު ވަނީ 2023 ވަނަ އަހަރު ދަރަނި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 105 އިންސައްތައަށް ތިރި ކުރުމަށާއި، ޕްރައިމަރީ ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 5 އިންސައްތައަށް ތިރިކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ.