ކުޅިވަރު

އެންމެ ފަހުގެ ޗެންޕިއަން ބީއެމްއެލްގެ މައްޗަށް އެޗްޑީސީއިން ކުރި ހޯދައިފި


ސަރުކާރުގެ އޮފީސް ކުންފުނިތަކަށް ޚާއްޞަކޮށްގެން ބާއްވާ އެންމެ ބޮޑު ފުޓްސެލް މުބާރާތް ކްލަބް މޯލްޑިވްސް ފިރިހެންބައިގެ އެންމެ ފަހުގެ ޗެންޕިއަން ޔުނައިޓެޑް ބީއެމްއެލް ބަލިކޮށް ކްލަބް އެޗްޑީސީން ފެށުން ރަނގަޅުކޮށްފިއެވެ. ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ފެށި މިމުބާރާތުގައިވަނީ ފިރިހެން 2 މެޗްއާއި ވުމެން ފުޓްސެލް ފިއެސްޓަރގެ 2 މެޗް ކުޅެފައެވެ.

އެންމެ ފަހުގެ ޗެންޕިއަން ޔުނައިޓެޑް ބީއެމްއެލް އާއި ދެކޮޅަށް ކްލަބް އެޗްޑީސީންވަނީ ރޭގައި މޮޅު ކުޅުމެއް ދައްކާފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެ ޓީމަށްވެސް މެޗްގެ ފުރަތަމަ ހާފްގައި ގޯލް ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް އެއްވެސް ޓީމަކަށް މެޗްގެ ފުރަތަމަ ހާފްގައި ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ. ބީއެމްއެލްގެ ކެޕްޓަން އަދި ގޯލްކީޕަރު މުޙައްމަދު ޝަފީއު (ޗެކް)ވަނީ ކްލަބް އެޗްޑީސީގެ ގިނަ ހަމަލާތަކެއް ދިފާޢުކޮށްފައެވެ. މެޗްގެ ދެވަނަ ހާފްގައި ކްލަބް އެޗްޑީސީންވަނީ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށްފައެވެ. އެގޮތުން މެޗްގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ އެޗްޑީސީއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔާމީން މުޙައްމަދު (ޔާންޓެ)އެވެ. މެޗްގެ ދެވަނަ ހާފްގައި ބީއެމްއެލްއަށް ގޯލް ޖެހުމަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އެޓީމްގެ އިބްރާހީމް ހަމްދާން އާއި އިޝާން އިބްރާހީމް (ސައްޓު)އަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޢަބްދުﷲ ޝާފިއުވަނީ އެޗްޑީސީއަށް ދެ ގޯލް ޖަހާފައެވެ.

މުބާރާތުގައި ރޭ ކްލަބް އިމިގްރޭޝަނާއި ދިރާގް ބައްދަލުކުރި މެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ފޯރިގަދަ އަދި އަވަސް ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ފައުލްތަކެއް ފެނިގެންދިޔައެވެ. ދިރާގުގެ ގިނަ ހަމަލާތަކުގެ ހުރަކަށް ވެފައިވަނީ ކުލަބް އިމިގްރޭޝަންގެ ކީޕަރު ހަސަން ތޮލާލް (ޓޮޕްލަކް)އެވެ. އިމިގްރޭޝަންގެ ގިނަ ހަމަލާތައްވެސް ދިރާގުގެ ކީޕަރު މުހައްމަދު އައިމަން ވަނީ ދިފާޢުކޮށްފައެވެ. މިމެޗްގައި ދެ ޓީމްގެ ކީޕަރުންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އިމިގްރޭޝަންގެ ކީޕަރު ތޮލާލެވެ. މިމުބާރާތުގެ ކުޅުން މީރޭވެސް ކުރިއަށްދާނެއެވެ.