ޚަބަރު

ރާއްޖެ - އިންޑިއާ، އެއްބަސްވުންތަކުގައި ނުރައްކަލެއް ނެތް: އަސްލަމް


ރާއްޖެއާއި އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތަކުގައި ހިމެނޭ ހުރިހާ މަޢުލޫމާތެއް ހާމަވެއްޖެކަމަށާއި، އޭގައި ޤައުމީ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމެއް ނެތްކަމަަށް އެ އެއްބަސްވުންތައް ދިރާސާކުރެއްވި، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގެ މުޤައްރިރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތަކަކީ ރަނގަޅު އެއްބަސްވުމެއްކަމަށް ނިންމާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ (241)އިން ވަނީ ފާސްކޮށްފައެވެ.

ރާއްޖެއާއި އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތަކާއި ގުޅޭގޮތުން ސަލާމަތީ ޚދިމަތްތަކާބެހޭ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މުގައްރިރު، ހިތަދޫ އުތުރު ދައިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވީ، ރާއްޖެއާއި އިންޑިއާއެކު ހަދާފައިވާ 3 އެއްބަސްވުމެއް ދިރާސާކޮށްފައިވާކަމަށެވެ. އެއީ ކަނޑުގެ ޗާޓުތައް ކުރަހަން ސޮއިކޮށްފައިވާ ހައިޑްރޯގްރަފީ އެއްބަސްވުމާއި، ރާއްޖެއަށް އިންޑިއާއިން ދިން އަސްކަރީ ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓުކުރުމުގެ އެއްބަސްވުމާއި، އުތުރުތިލަފަޅުގައި އަސްކަރީ ބަނދަރެއް ތަރައްގީކުރުމުގެ އެއްބަސްވުމެވެ.

އަސްލަމް ވިދާޅުވީ އެ އެއްބަސްވުންތަކުގައި ހިމެނޭ ހުރިހާ ވާހަކަތަކެއް ލިޔުމުން މެންބަރުންނާއި ހިއްސާކޮށްފައިވާކަމަށެވެ. އެގޮތުން އެ އެއްބަސްވުމުގައި ހުރި ވާހަކަތައް ކޮމިޓީއަށް ހާމަވެފައިވާކަމަށާއި، އޭގައި ހިމެނޭ ހުރިހާ ވާހަކަތަކެއް މިހާރު މެންބަރުންނަށް އެނގިވަޑައިގަންނަވާނެކަމަށެވެ. އަސްލަމް ވަނީ އެ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ އެއްވެސްކަމެއް ނެތްކަމަށް ވިދާޅުވެފައެވެ.

"އެއްބސުންތަކުގައި ހިމެނޭ ހުރިހާ ވާހަކަތަކެއް ތިބޭފުޅުންގެ ފައިލްކޮޅުތަކުގައިވާނެ. އެ އެއްބަސްވުންތަކުގައި ހުރި ހުރިހ ވާހަކަތކެއް ހާމަވެފަ މިއޮތީ. އެހެންކަމުން މި އެއްބަސްވުންތަކުގައި އިތުރަށް ނުކުތާތަކެއް ފާހަގަކޮށްފިނަމަ ދިރާސާކުރެވިދާނެ ނަމަވެސް މި އެއްބަސްވުންތަކުގައި ލިޔެފުރީ ކޮން ވާހަކަތަކެއްކަން އަޅުގަނޑުމެންނަށް، އިއްޒަތްތެރި މެންބަރުންނަށް މިހާރު އެނގިވަޑައިގަންނަވާނެ." އަސްލަމް ވިދާޅުވިއެވެ.

ކޮމިޓީ ބައްދަލުވުމުގައި ރާއްޖޭގެ ކަނޑުގެ ޗާޓުތައް ކުރެހުމަށް ވެފައިވާ ހައިޑުރޯގްރަފީ އެއްބަސްވުމާއި ގުޅޭގޮތުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޢަލީ ޙުސައިންގެ ކަންބޮޑުވުމަކީ ރާއްޖޭގައި އެކަންކުރެވޭނެ ޤާބިލް މީހުން ތިބެ އެހެންބަޔަކު އެކަންކުރުމެވެ. އަލީ ހުސައިން ވަނީ މީގެ ކުރިންވެސް ރާއްޖޭގައި ކަނޑުގެ ދިރުންފަދަ ކަންކަމާގުޅޭ ދިރާސާތައް ހެދި ފަރާތަކުން އެކަމުގެ ފައިދާ ނަގާފައިވާކަމަށާ، ރާއްޖެއަށް އެކަމުން މާބޮޑު ފައިދާއެއް ނުކުރިކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ރާއްޖޭގެ ކަނޑުގެ ޗާޓުތައް ކުރަހަން އެކަމުގެ ޤާބިލް ދިވެހިންނަށް ދިނުން ރަނގަޅުކަން އޭނާ ފަހަގަކުރެއްވިއެވެ.

މި އެއް ބަސްވުންތަކާ ގުޅޭގޮތުން ކޮމިޓިން ކުރި ދިރާސާގައި ވަނީ ބައެއް ހޯދުންތައްވެސް ހޯދާފައެވެ. އޭގެތެރޭގައި އިންޑިއާއާއެކު މި ސަރުކާރުން އަސްކަރީ 3 އެއްބަސްވުން ގާއިމްކުރީ 2016ގައި އޭރުގެ ރައީސް ޢަބްދުﷲ ޔާމީން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިން ސޮއިކުރި އެކްޝަން ޕްލޭނެއްގެ ދަށުންކަމަށް ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ. އަދި ޑޯނިއާ މަތިންދާބޯޓު ބޭނުން ކުރާނީ ހަމައެކަނި ރެސްކިއު އޮޕަރޭޝަންތަކާއި ސާޗު އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމަށްކަމަށް ކޮމިޓިން ވަނީ ފާހަގަކޮށްފައެވެ. އަދި އިތުރު ކަމެއްގައި ޑޯނިއާ މަތިންދާބޯޓު ބޭނުންކުރުމަށް އެއްބަސްވެފައިނުވާކަމަށް ކޮމިޓީއަށް ހާމަވެފައިވެއެވެ.

މީގެ އިތުރުން ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓް ކުރެވޭނީ ދިވެހި ސިފައިންގެ ހުއްދަ ލިބިގެން ކަމަށާއި، އޮޕަރޭޝަންތަކުގައި ދިވެހި ސިފައިން ބައިވެރިކުރުމަށް އެއްބަސްވެފައިވާކަމަށްވެސް ކޮމިޓީން ހޯދި ހޯދުންތަކުގައިވެއެވެ. އަދި ހައިޑުރޯގްރަފީ އެއްބަސްވުން އެކުލަވާލާފައިވަނީ ރާއްޖޭގައި މިހާރު ހުރި ޗާޓުތައް ވަރަށް ދުވަސްވެފައިވާތީ މިހާރު އެކަން ނުކޮށްފިނަމަ މުސްތަގުބަލުގައި އެކަމުގެ ގެއްލުން ބޮޑުވެދާނެތީކަމަށްވެސް ކޮމިޓީގެ ހޯދުންތަކުގައިވެއެވެ.

މި މައްސަލަ ދިރާސާކޮށް ކޮމިޓީން ފާސްކުރި ރިޕޯޓްގައި ވަނީ މައިގަނޑު 3 ނިންމުމެކެވެ. އޭގެތެރޭގައި ރާއްޖެއާއި އިންޑިއާއެކު ހަދާފައިވާ ތިން އެއްބަސްވުމުގައި ވެސް ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސްކަމެއް ހިމެނިފައިވާކަމާއި، އެ އެއްބަސްވުންތަކަކީ ރާއްޖޭގެ މަސްލަހަތުތައް ހިމާޔަތްވާ ގޮތަށް ސޮއިކޮށްފައިވާ އެއްބަސްވުންތަކެއްކަމެވެ. އަދި އެއީ ރާއްޖެއަށް ބޭނުންވެފައިވާ މުހިންމު ކަންކަމާ ގުޅޭ، ރަނގަޅު އެއްބަސްވުންތަކެއްކަން ކޮމިޓީގެ ނިންމެވުމުގައިވެއެވެ.

ރާއްޖެއާއި އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތަކުގައި ޤައުމީ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމެއް ނެތްކަމަށް ކޮމިޓީން ނިންމާފައިޥާއިރު، އެ މައްސަލަ ކޮމިޓިއަށް ހުށައެޅުއްވީ އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. ނަމަވެސް ޤައުމީ ސަލާމަތަށް ނުރައްކާވާ އެއްވެސް ކަމެއް ހިމެނިފައި ނުވާކަމަށް ކޮމިޓީން ފާސްކުރި ބައްދަލުވުމަށް ޕީޕީއެމްގެ މަޖިލިސް މެމްބަރުން ހާޒިރު ވެވަޑައިގެންފައެއް ނުވެއެވެ.