ރާއްޖެއާއި، އިންޑިއާއާއި ސްރީލަންކާ ގުޅިގެން ހިންގާ އެކްސަސައިޒް ދޯސްތީ 15ގެ ޙަރަކާތްތައް މިއަދު ފަށައިފިއެވެ. ސިލްސިލާގޮތެއްގައި މި ތަމްރީނުތައް ކުރިއަށް ގެންދާތާ 30 އަހަރު ފުރިގެން ބާއްވާ ޙަރަކާތްތައް މިއަހަރު ކުރިއަށްދާނީ ނޮވެންބަރު 20އިން 24އަށެވެ.
އެކްސަސައިޒް ދޯސްތީ އަކީ 1991ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރުން އެއް އަހަރު އިންޑިއާއާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގަން ފެށި އެކްސަސައިޒެކެވެ. މި އެކްސަސައިޒުގައި ސްރީލަންކާ ބައިވެރިވާން ފަށާފައިވަނީ 2012ވަނަ އަހަރުން ފެށިގެންނެވެ. މި އެކްސަސައިޒްގެ އޮބްޒާވަރުއްގެ ގޮތުގައި މޮރިޝަސްއާއި ސީޝެލްސް އަދި ބަނގްލަދޭޝްގެ އަސްކަރިއްޔާއިން ދަނީ ބައިވެރިވަމުންނެވެ.
ތިން ޤައުމު ގުޅިގެން ހިންގާ އެކްސަސައިޒް ދޯސްތީގައި ކަނޑުމަތީގެ ރެސްކިއު އޮޕަރޭޝަނާއި ކަނޑުމަތިން ސަލާމަތްކުރާ މީހުންނަށް ފުރަތަމަ އެހީ ދޭނެ ގޮތްތަކާއި ހާލު ދެރަވެފައިވާ މީހުން އަވަސް ގޮތަކަށް އެންމެ ކައިރި ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ކަންކަން ކުރާނެ ގޮތްތައް ވަނީ ދައްކާލާފައެވެ. އަދި ހެލިކޮޕްޓަރުގެ އެހީގައި ކަނޑުމަތިން މީހުން ސަލާމަތްކުރާނެ ގޮތްތައްވެސް މި އެކްސަސައިޒްގައި ވަނީ ފަރިތަކޮށްފައެވެ.
މި އެކްސަސައިޒްގައި ހަރަކާތްތެރިވަނީ އިންޑިއާގެ ކޯސްޓްގާޑް ޝިޕް ވަޖްރާ، އަޕޫރްވާއާއި، ސްރީލަންކާގެ ކޯސްޓްގާޑް ޝްރަކްޝާއާއި އެމްއެންޑީއެފްގެ ކޯސްޓް ގާޑް ޝަހީދު ޙުސައިން އަލީއާއި، އިންޑިއާ އާއި ރާއްޖޭގެ ހެލިކޮޕްޓަރުތަކާއި ޑޯނިއަރ މަތިންދާބޯޓެވެ.
މި އެކްސަސައިޒަކީ ރާއްޖެ އާއި އިންޑިއާ އަދި ސްރީލަންކާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި، ކަނޑުމަތީގައި ދިމާވާ ހާދިސާތަކާއި އޮޕަރޭޝަންތަކުގައި ތިން ޤައުމު ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ފަރިތަކުރުމުގެ މަޤްޞަދުގައި ބާއްވާ ފަރިތަކުރުންތަކެކެވެ. މި އެކްސަސައިޒްގެ އަމަލީ ފަރިތަކުރުންތައް ކުރިއަށްދަނީ މާލެއާއި މާލެ ކައިރި ކަނޑުގެ ސަރަހައްދުގައެވެ.
ސަރަޙައްދީ ސަލާމަތަށް މީގެކުރިން ކުރިމަތިނުވާ ފަދަ ބޮޑެތި ގޮންޖެހުންތައް މިހާރު އިންޑިއާ ކަނޑުގެ ސަރަހައްދުން ފެންނަމުންދާއިރު، ކްރޮސް ބޯޑަރ ޓެރަރިޒަމާއި، ޕައިރެސީއާއި، މަސްތުވާތަކެތީގެ ވަގު ވިޔަފާރިއާއި، ހަތިޔާރުގެ ވަގު ވިޔަފާރި ފަދަ ކުށްތަކަކީ ސަލާމަތީގޮތުން މި ސަރަޙައްދުން ފެންނަމުންދާ އަންދާޒާ ނުކުރެވޭ ފަދަ ގޮންޖެހުންތަކެއްކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.
އެހެންކަމުން ތަމްރީނުގެ ތެރެއިން ލިބޭ ހުނަރާއި ޢިލްމުގެ އިތުރުން، ޤައުމުތަކުގެ ސިފައިންނާއި ސެއިލަރުންގެ މެދުގައި އުފެދޭ މުޅި ޢުމުރު ދުވަހު އެކުވެރިކަމުގެ ސިފަތަކަކީ، މި ތަމްރީނުން ހާސިލުވާނެ މުހިންމު ކަމެއްކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ. އަދި އަވަށްޓެރި ގައުމުތަކާ ގުޅުން އައުކޮށް ބަދަހި ކުރަމުން ގެންދަވާކަން ފާހަގަކުރައްވައި، މިފަދަ އެކްސަސައިޒްގެ ސަބަބުން އަވަށްޓެރި ޤައުމުތަކުގެ މެދުގައި، ގުޅުން އިތުރުވެ، ކުރިއެރުމަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.
މިއީ އެކްސަސައިޒް ދޯސްތީގެ 15ވަނަ އެކްސަސައިޒެވެ. މި ތަމްރީންތައް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއާއި، އިންޑިއާ އަދި ސްރީލަންކާގެ ކޯސްޓްގާޑުގެ އިސްވެރިން ވަނީ ބައްލަވާލައްވާފައެވެ.