ވިޔަފާރި

ދ.ވޮށްމުލީގައި ތަރައްޤީކުރާ ރިސޯޓް ސެޕްޓެމްބަރ 1 ގައި ހުޅުވަނީ


ނިލަންދެއަތޮޅު ދެކުނުބުރި ވޮށްމުލީގައި ތަރައްޤީކުރާ ރިސޯޓް އަންނަ އަހަރުގެ ސެޕްޓެމްބަރ
މަހުގެ 1ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް އެ ރިސޯޓް ތަރައްޤީކުރާ ސެއިންޓް ރީޖެރސުން
ހާމަކޮށްފިއެވެ.



ދުނިޔޭގެ އެންމެ ލަގްޒަރީ އެއް ހޮޓާ ބްރޭންޑް
ކަމުގައިވާ ސެއިންޓް ރީޖެރސްއިން "ސެއިންޓް ރީޖެރސް
މޯލްޑިވްސް ވޮށްމުލި ރިސޯޓް" ގެ ނަމުގައި ހުޅުވާ މި ރިސޯޓް ގައި އެންމެ
މަތީ ފަންތީގެ 77 ވިލާ އާއި އިންފިނިޓީ ޕޫލަކާއި 6 ކޮޓަރީގެ ސްޕާ އަކާއި
ޔޯގާ އަދި ފިޓްނެސް ސެންޓަރަކާއި ޑައިވް ސެންޓަރެއްގެ އިތުރުން 4
ރެސްޓޯރަންޓް ހުންނާނެއެވެ. އަދި ސެއިންޓް ރީޖެރސް ބްރޭންޑުގެ
އެންމެ ޙާއްސަ އެއް ސިފަ ކަމަށްވާ، އެ ބްރޭންޑުގެ ސިގްނޭޗާ ބާރ ގެ ޙިދުމަތްވެސް އެ
ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލިބޭނެ ކަމަށް ސެއިންޓް ރީޖެރސުން
ހާމަކުރެއެވެ.



ސެއިންޓް ރީޖެރސްއަކީ ދުނިޔޭގެ
އެކި ކަންކޮޅުތަކުގައި 1،200 އަށް ވުރެ ގިނަ ހޮޓަލާއި ރިސޯޓު ހިންގާ އެމެރިކާގެ ސްޓާވުޑްގެ
ބުރޭންޑެކެވެ. ސްޓާވުޑަކީ ދުނިޔޭގެ އެންމެ ބޮޑު ހޮސްޕިޓެލިޓީ ކުންފުނިތަކުގެ
ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. ސެއިންޓް ރީޖެރސް ބްރޭންޑް
ހާއްސަކޮށްފައި ވަނީ އެ ކުންފުނިން ހިންގާ އެންމެ މަތީ ފަންތީގެ ހޮޓާތަކާއި
ރިސޯޓުތަކަށެވެ. ސްޓަރވުޑްއިން އަންނަނީ  ސެއިންޓް
ރީޖެރސް ބްރޭންޑުގެ ދަށުން މިހާރުވެސް 50ށް ވުރެ ގިނަ ހޮޓަލާއި ރިސޯޓު ހިންގަމުންނެވެ.



ސްޓާވުޑުން ރާއްޖޭގައި މިހާރުވެސް 3 ރިސޯޓެއް
ހިންގައެވެ. މި 3 ރިސޯޓަކީ ޑަބްލިއު ރިޓްރީޓް އެންޑް ސްޕާ މޯލްޑިވްސް އާއި ޝެރަޓަން މޯލްޑިވްސް
އަދި ފުލް މޫން ރިސޯޓު އެންޑް ސްޕާއެވެ.