މިހާރު މާލޭގެ ދެކުނު ފަރާތު ބޮޑުތަކުރުފާނު މަގުގައި ހުންނަ މާލޭ ޖަލު އަންނަ އަހަރު ހުޅުމާލެއަށް ބަދަލުކުރަން ސަރުކާރުން ނިންމަވައިފިއެވެ.
ހޯމްމިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މިއީ ރާއްޖޭގެ ޖަލުތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަތައް ހައްލުކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން އަޅުއްވާ ފިޔަވަޅެއްކަމަށެވެ. އެގޮތުން މާލޭ ޖަލު ހުޅުމާލެއަށް ބަދަލުކުރައްވާއިރު ޖާގަ އިތުރުވާނެކަމަށްވެސް މިނިސްޓަރ ވިދަޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިސަރުކާރުގެ ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ ޖަލުތަކުގެ ޙާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ. އެހެންކަމުން ޖަލުތަކުގެ ޙާލަތު ރަނގަޅުކުރައްވަން ގިނަ މަސައްކަތްތަކެއް ސަރުކާރުން މިހާތަނަށްވެސް ކުރައްވާފައިވާކަމަށެވެ. ޖަލުތަކަށް ދިމާވެފައިވާ އެންމެބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަމަށާ، އެމައްސަލަ ޙައްލުކުރުމަށް މިހާތަނަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.