ޖިންސީ އަނިޔާގެ ތުހުމަތުމަތުގެ މައްސަލައެއްގެ ޝަރީޢަތް ހިނގަމުންދަނިކޮށް ރާއްޖެއިން ބޭރަށް ވަޑައިގެންފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު ރާއްޖެ ގެނެވޭނެ އެއްވެސް ގޮތެއް ނެތްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނަސް ޢަލީވަޙީދު ރާއްޖެ ގެނެވޭނެ ގޮތެއް ނެތްކަމަށެވެ.
ޢަލީ ވަހީދުގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލާގައި އޭނާގެ މައްޗަށް މިހާރު ކޮށްފައިވާ ދަޢުވާތަކުގެ ޝަރީޢަތަށް އޭނާ ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުންވަނީ އަމުރެއްވެސް ނެރެފައެވެ. ސީޕީ ވިދާޅުވީ އެއަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ނެރުމުން އެއަމުރު ތަންފީޒުކުރުމުގެ މަސައްކަތް ހިނގާނެކަމަށާ، އެހެންނަމަވެސް އިންޓަޕޯލުގެ ރެޑް ނޯޓިސްތަކަކީ އެކި ޖުރިސްޑިކްޝަންތަކުގައި އެކި ޤައުމުގައި އެކިގޮތްގޮތަށް އެއަށް އަމަލުކުރާ އެއްޗެއްކަމަށް ސީޕީ ވިދާޅުވިއެވެ. އެހެންކަމުން އިންޓަޕޯލު ރެޑް ނޯޓިސް ނެރުނަސް ކޮންމެ މައްސަލައެއްގައި ހިމެނޭ ކޮންމެ މީހަކު ހައްޔަރުކޮށްގެން ރާއްޖޭގެ ޖުރިސްޑިކްޝަންގެ ތެރެއަށް ނުގެނެވޭނެކަމަށް ސީޕީ ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް 7 ދައުވާއެއް ވަނީ އުފުލާފައެވެ. މިމައްސަލައިގެ ޝަރީޢަތް ހިނގަމުންދަނިކޮށް ޢަލީ ވަހީދު ވަނީ ރާއްޖެއިން ބޭރަށްގޮސްފައެވެ. އޭނާ ފުރީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަސްހަދު ޢަލީ ޖާމިނު ކުރުމަށްފަހުއެވެ. އޭގެފަހުން އޭނާ އެނބުރި ރާއްޖެ އައިސްފައެއް ނުވެއެވެ.