ދުނިޔެ

ޔަމަނުގެ ހާލަތާ މެދު އދ. ގެ ސަލާމަތީ މަޖިލީހުން ކަންބޮޑުވޭ


ޔަމަނުގައި ކުރިއަށްދާ ދާޚިލީ ހަނގުރާމައިގައި ދެފަރާތުން ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ގޮވަލާ އެއްބަސްވުން ތަންފީޒުކުރުމަށް ދެ ފަރާތް ފެއިލްވެފައިވާ ކަމަށާއި މިކަމާއި މެދު ކަންބޮޑުވާކަމަށް އދ. ގެ ސަލާމަތީ މަޖިލީހުން ހާމަކޮށްފިއެވެ.ފަނަރަ މެމްބަރުން ހިމެނޭ އދގެ ސަލާމަތީ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޔަމަނުގެ ސުލްޙައިގެ ވާހަކަތައް ކުރިއަށް ދިޔައިރުވެސް ދެފަރާތުން އެކި ފަހަރުގެ މަތިން ހަމަލާތައް ބަދަލުކޮށްފައިވާ ކަމަށާއި މިއީ ސަލާމަތީ މަޖިލީހުން ޤަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކުގެ ދަށުން އެކުލަވާލާ އެއްބަސްވުންތަކަކީ ދާއީމީ ސިފައެއްގައި ތަންފީޒުކުރަން ޖެހޭނެ އެއްބަސްވުންތަކަކަށް ވާންޖެހޭ ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.ޔަމަނުގެ ދާޚިލީ ހަނގުރާމައަށް ސުލްޙަވެރި ހައްލެއް ހޯދުމުގެ ނަމުގައި އދން އިސްނަގައިގެން ކުރިއަށް ގެންދިޔަ ސުލްޙައިގެ ވާހަކަތައް އާދިއްތަ ދުވަހު ނިންމާލާފައިވަނީ އެއްވެސް ކޮޅެއްގައި ނުޖެހިއެވެ.