ޚަބަރު

ކުޑަކުދިންގެ ޖަލުގެ މަސައްކަތް މި އަހަރު ނިމޭނެ: އިމްރާން


އެކިއެކި ކުށްކުށުގައި ޙުމްތަންފީޒުކުރަންޖެހޭ ކުޑަކުދިން ބައިތިއްބަން ހަދާ ޖަލުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިމޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ ހޯމް މިނިސްޓްރީގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް "ހޯމް ސެކްޓަރ"އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ކުޑަކުދިންގެ ޖަލާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ކުށްކުރާ ކުދަކުދިން ކުށުގެ ވެށިން ދުރުކުރުވުމަސް ސަރުކަރުން މުހިންމު ގިނަ މަސައްކަތްތަކެއް ފަށްޓަވާފައިވާކަމަށެވެ. ކުށްކުރާ ކުދިންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ އަމާޒަކީ ކުށުގެ ވެށިން ކުދިން ދުރުކުރުވުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަވަން ނިންމަވާފައިވާކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ކުށްކުރާ ކުދިން ކުށުގެ ވެށިން ދުރުކުރުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެމަސައްކަތް ކުރަން ތަމްރީނުކުރެވިފައިވާ މުވައްޒަފުން މުޅި ރާއްޖޭގައި ވެސް ނެތުންކަމަށާ، އެހެންނަމަވެސް ބައިނަލްއަޤުވާމީ އެހީތެރިކަމާއެކު މިހާރު ވަނީ އެކަމަށް ޓަކައި ރަނގަޅު މަގުތަކެއް ފެނިފައިކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ކުޑަކުދިންގެ ޖަލުގެ މަސައްކަތް މިއަހަރުގެ ޑިސެންބަރު މަހުގެކުރިން ނިމޭނެކަމަށާ، އެއަށްފަހު އަންނައަހަރު ފެށޭއިރު އެތަނުގައި ކުދިން ބޭއްތިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. މީގެއިތުރުން ދ.ކުޑަހުވަދޫގައި ޖުވެނައިލް ޖަސްޓިސްގެ ދަށުން ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.