ޚަބަރު

ބަޣާވާތަށްފަހު ސޫދާނުގެ ބޮޑުވަޒީރުގެ މަޤާމަށް އަނެއްކާވެސް ޙަމުދޫކު


ސޫދާނުގެ ބޮޑުވަޒީރުގެ މަޤާމު އަނެއްކާވެސް ޢަބްދުﷲ ޙަމުދޫކާ ޙަވާލުކުރުމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ނިންމައިފިއެވެ.

އޮކްޓޯބަރު މަހުގެ 25ވަނަ ދުވަހު ސޫދާނުގެ އަސްކަރިއްޔާއިން ބަޣާވާތްކޮށް އެ ޤައުމުގެ ސަރުކާރު އުވާލައި ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ޙަމުދޫކާއި ސަރުކާރުގެ އިސްވެރިންވަނީ ބަންދުކޮށްފައެވެ. އަދި ސޫދާނުގެ އަސްކަރިއްޔާއިން އެކުލަވާލި ވެރިކަންކުރާ ކައުންސިލުގެ އެންމެ އިސްވެރިޔާގެ ހުވައި އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް ޢަބްދުލް ފައްތާޙް އަލްބުރުހާނު ކުރެއްވިއެވެ. ނަމަވެސް ސުދާނުގެ އަސްކަރިއްޔާގެ ނިންމުން ބައިނަލްއަޤްވާމީ މުޖުތަމަޢުން ޤަބޫލުކޮށްފައެއް ނުވެއެވެ.

ސޫދާނުގެ އަސްކަރިއްޔާއިން ބަޣާވާތްކުރުމުން އެ ޤައުމުގެ ޢާއްމުންވަނީ މުޒާހަރާކުރަން ފަށައިފައެވެ، އެއާއެކު ސޫދާނުގެ އަސްކަރިއްޔާއިންވަނީ ޢާއްމުންނާ ދެކޮޅަށް ލާއިންސާނީ ޖަރިމާތައް ހިންގައިފައެވެ. އެ ގޮތުން ސޫދާނުގެ އަސްކަރިއްޔާގެ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން 16 މީހުން މަރުވެ، 300 މީހުން ޒަޚަމުވެފައިވާކަމަށް އެ ޤައުމުގެ މިނިވަން ޖަމުޢިއްޔާއެއްކަމަށްވާ ސެންޓުރަލް ކޮމިޓީ އޮފް ސޫދާނީސް ޑޮކްޓަރސުން ބުނެފައިވެއެވެ.

ސޫދާނުގެ ކުރިމަގާ ގުޅޭގޮތުން ހަމުދޫކާއި ބުރުހާނާ ދެމެދު ކުރި މަޝްވަރާތަކަށްފަހު ނިންމާފައިވަނީ ބޮޑުވަޒީރުގެ މަޤާމު އަނެއްކާވެސް ޙަމުދޫކާ ޙަވާލުކޮށް ވެރިކަންކުރާ ކައުންސިލެއް އެކުލަވާލުމަށެވެ. ނަމަވެސް އެ ކައުންސިލުގައި އަސްކަރިއްޔާގެ ބައިވެރިވުމެއް އޮންނާނެކަމެއް އަދި ސާފެއް ނުވެއެވެ. ބޮޑުވަޒީރުކަން އަލުން ޙަމުދޫކަށް ދިނުމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ސޫދާނުގެ އަސްކަރިއްޔާއަށް ވަރަށް ބޮޑަށް ބާރުއެޅި ކަމެކެވެ. އެ ގޮތުން ސޫދާނުގައި ބަޣާވާތްކުރުމުން އެ ޤައުމަށް ދެމުންދިޔަ އެތައް މިލިޔަން ޑޮލަރެއްގެ މާލީ އެހީތެރިކަން ބައިނަލްއަޤްވާމީ މުޖުތަމަޢުން ކަނޑައިލިއެވެ.

މިދިޔަ ސެޕުޓެންބަރު މަހުގެ ތެރޭގައިވެސް ސޫދާނުގެ އަސްކަރިއްޔާއިންވަނީ ބަޣާވާތެއް ކުރުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެ މަސައްކަތް ނާކާމިޔާބުވުމުން އެ ޤައުމުގެ އަސްކަރިއްޔާއާއި ޢާއްމުންނާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއްވަނީ ހިނގައިފައެވެ.

2019ވަނަ އަހަރުގެ ތެރޭގައި ސޫދާނުގައި ކުރި މުޒާހަރާތަކަށްފަހު އެ ޤައުމުގައި ދިގު ވެރިކަމެއް ކުރެއްވި ޢުމަރު އަލްބަޝީރު އިސްތިޢުފާދެއްވުމުން އެ ޤައުމުގެ އަސްކަރިއްޔާއާއި ޢާއްމުންގެ ބައިވެރިވުމާއެކުވަނީ ސަރުކާރެއް އެކުލަވާލައިފައެވެ. އަދި 2023ވަނަ އަހަރު ނިމުމުގެ ކުރިން އެ ޤައުމުގައި މިނިވަން އަދި އިންޞާފުވެރި އިންތިޚާބެއް ބޭއްވުމަށްވަނީ އެއްބަސްވެފައެވެ.