ޚަބަރު

"ދޯސްތީ"އަކީ ސަރަޙައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިންމު ޙަރަކާތެއް - މާރިޔާ


ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމައްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި އިންތިޒާމުތައް އެންމެ ފުރިހަމަކަމާއެކު ހަމަޖައްސައި އެކަމަށް މަގުފަހިކުރުމުގައި ރައީސް ޞާލިޙުގެ ސަރުކާރުން ދެމިތިބޭނެކަމުގެ ޔަޤީންކަން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ދެއްވައިފިއެވެ.

ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވީ، ރާއްޖެއާއި އިންޑިއާއާއި ސްރީލަންކާ ގުޅިގެން ކުރިއަށްގެންދާ ދޯސްތީ އެކްސަސައިޒް ފެށުމަށް ކްރޮސް ރޯޑްސް މޯލްޑިވްސްގައި ބޭއްވިރަސްމިއްޔާތުގައެވެ.

15ވަނަ ދޯސްތީ އެކްސަސައިޒް އިފްތިތަޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ ވިދާޅުވީ، ދޯސްތީ އެކްސަސައިޒް ކުރިއަށް ގެންދާތާ 30 އަހަރުވެފައިވާއިރު، ކަނޑުމަތީގެ ޞަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދޯސްތީގެ ތެރެއިންވެސް އިންޑިއާއާއި ސްރީލަންކާގެ ފުރިހަމަ އެއްބާރުލުން ރާއްޖެއަށް މިދިޔަ މުއްދަތުގެ ތެރޭގައި ލިބިފައިވާކަމަށެވެ. އަދި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް އެދެޤައުމުން ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި އެކަމަނާވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި ދޯސްތީ ފަދަ އެކްސަސައިޒްތަކުގެ ސަބަބުން އެއް ޤައުމު އަނެއް ޤައުމުގެ އަސްކަރިއްޔާތަކާއި، އޮފިސަރުންގެ ގުޅުން ނުހަނު ބޮޑަށް ބަދަހިވެގެންދާކަމަށެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެންމެ ފުރަތަމަވެސް އިސްކަންދެއްވީ ރާއްޖެއާ އަވައްޓެރި ޤައުމުތަކާދެމެދު އޮންނަ ގުޅުހުންތައް ހަރުދަނާކޮށް ރަނގަޅުކުރުންކަމަށާއި، ޤައުމުތަކުގެ އަސްކަރިއްޔާތައް ގުޅިގެން ކުރިއަށްގެންދާ ތަފާތު ތަމްރީނުތަކުގެ ސަބަބުން އެކިގޮތްގޮތުން ފައިދާތަކެއް ވަމުންދާކަމަށެވެ.

މިރަސްމިއްޔާތުގައި ބައިވެރިވި އިންޑިއާ ސްރީލަންކާ އަދި ރާއްޖޭގެ ކޯސްޓްގާޑްގެ އިސްވެރިންވަނީ 30 އަހަރު ވެފައިވާ ދޯސްތީ އެކްސަސައިޒްއަކީ ޤައުމުތަކުން ގުޅިގެން މިސަރައްދުގައި ކުރިއަަށްގެންދާ އެންމެ ގިނަދުވަސްވީ ކަނޑުމަތީގެ އަސްކަރީ ހަރަކާތްކަން ފާހަގަކުރައްވާ އެކަމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

މިފަހަރުގެ ދޯސްތީ އެކްސަސައިޒްގައިވެސް ރާއްޖޭއާ އިންޑިއާ އަދި ސްރީލަންކާގެ ކޯސްޓްގާޑް އޮފިސަރުން ބައިވެރިވިއިރު، ބަންގްލަދޭޝްއަދި ސީޝެލްސްއިންވެސް އޮބްޒާވަރުންގެ ގޮތުގައި އޮފިސަރުން ބައިވެރިވިއެވެ.

އެކްސަސައިޒް ދޯސްތީއަކީ މީގެ 30 އަހަރުކުރިން 1991ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު އިންޑިއާ އާއި ރާއްޖޭގެ ކޯސްޓްގާޑު ގުޅިގެން ހިންގަން ފެށި އެކްސަސައިޒެކެވެ. މި އެކްސަސައިޒުގައި ސްރީލަންކާ ކޯސްޓްގާޑުން ބައިވެރިވާން ފަށާފައި ވަނީ 2012ވަނަ އަހަރުން ފެށިގެންނެވެ. އޭގެ ފަހުން "ޓްރައިލެޓަރަލް އެކްސްސައިޒް ދޯސްތީ"ގެ ނަމުގައެވެ. މިއާއެކު ރާއްޖެއާ އިންޑިއާއާއި ސްރީލަންކާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ތަފާތު ހަރަކާތްތަކެއްދަނީ ހިންގަމުންނެވެ.