ކުޅިވަރު

ސޯލްޝެއަރއަށް އިތުރު ޕްރެޝަރާ ކުރިމަތިލާން ޖެހިއްޖެ


އިންގްލިޝް ޕްރިމިއަރ ލިގުގައި ވޮޓްފަޑް އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރިމެޗުން ވޮޓްފަޑް މޮޅުވުމާއެކު ޔުނައިޓެޑްގެ ކޯޗް އޮލެ ގަނަރ ސޯލްޝެއަރ އޮތް ޕްރެޝަރު އިތުރުވެއްޖެއެވެ. މިހާރު އުފެދޭ ސުވާލަކީ މިބައްޔާއެކުވެސް ސޯލްޝެއަރ މަގާމްގައި ދެމިހުރެވޭނެތޯއެވެ.

ވޮޓްފަޑްގެ ދަނޑުގައި ކުޅުނު މިމެޗް ވޮޓްފަޑް ކާމިޔާބުކުރީ ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު 4 ލަނޑު އެއްލަނޑުންނެވެ. މިމެޗްގައި ޔުނައިޓެޑްގެ ސަޕޯޓަރުން ހިތްހަމަ ޖެހޭ މޮޅު ކުޅުމެއް ފެނިގެންދާނެކަމަށް މެޗްގެ ކުރިން ސޯލްޝެއަރ ހާމަކުރިނަމަވެސް އެއަށްވުރެ ރަނގަޅަށް މިމެޗަށް ވޮޑްފަޑްގެ ކުޅުންތެރިން ތިބީ ތައްޔާރު ވެގެންނެވެ. ޚާއްސަކޮށް މިމެޗްގެ ފުރަތަމަ ހާފްގައި ވޮޓްފަޑުން ޔުނައިޓެޑަށް ހިންދެމިލާނެ ވަގުތު ކޮޅެއްވެސް ނުދެއެވެ. މިމެޗްގައި ވޮޓްފަޑުން ވަނީ އެންމެ ފުރަތަމަ މިނެޓުން ފަށައިގެން ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރަން ފަށާފައެވެ. މިގޮތުން މެޗްގެ 11 ވަނަ މިނެޓްގައި ވޮޓްފަޑްގެ ޖޯޝުއާ ކިންގ އަށް ޔުނައިޓެޑްގެ ސްކޮޓް މެކްޓޮމިނޭ ފައުލް ކުރުމާއެކު ރެފްރީވަނީ ވޮޓްފަޑަށް ޕެނަލްޓީއެއް ދީފައެވެ. މި ޕެނަލްޓީ ދެފަހަރަށް އިސްމައިލާ ސާ ޖަހަން ޖެހުނު އިރު ދެފަހަރުވެސް މިޕެނަލްޓީވަނީ ޔުނައިޓެޑްގެ ކީޕަރ ޑޭވިޑް ޑެހެއަރ މަތަކޮށްފައެވެ. ނަމަވެސް މިކަމުން ޔުނައިޓެޑަށް ހިތްވަރު ލިބުމުގެ ބަދަލުގައި ދެންވެސް ފެނިގެންދިޔައީ ވޮޓްފަޑުން މިމެޗްގައި ނުރައްކާ ކޮށް ލީޑު ނެގި ތަނެވެ. މިލަނޑު މެޗްގެ 28 ވަނަ މިނެޓްގައި ޖަހައިދިނީ ޖޯޝުއާ ކިންގެވެ. އަދި ފުރަތަމަ ހާފް ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ސާ ވަނީ ވޮޓްފަޑްގެ ލީޑު ފުޅާކޮށްދީފައެވެ.

މިމެޗްގެ ދެވަނަ ހާފަށް ޔުނައިޓެޑް ނިކުތީ މެކްޓޮމިނޭގެ ބަދަލުގައި ޑޮނީ ވެންޑަރ ބީކް އަރުވައިގެންނެވެ. އަދި އޭނާވަނީ މެޗްގެ 50 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ޔުނައިޓެޑަށް ހިތްވަރު އާކޮށްދީފައެވެ. ނަމަވެސް މިމެޗްގައި ޔުނައިޓެޑަށް އިތުރު މައްސަލަ ތަކާއި ކުރިމަތިވީ އެޓީމުގެ ކެޕްޓަން ހެރީ މެގުއަރއަށް ހަތް ނިމެޓްތެރޭ ދެއްކި ދެ ރީނދޫ ކާޑާއެކު އޭނާ އަށް ރަތް ކަޑު ދެއްކުމުންނެވެ. މިމެޗްގައި ވޮތްފަޑްގެ ތިންވަނަ ލަނޑު މެޗްގެ އިތުރު ވަގުތުގެ ދެވަނަ މިނެޓްގައި ޖާއޮ ޕެޑްރޯ ޖަހައިދިން އިރު އެޓީމްގެ ފަހު ލަނޑު އިތުރު ވަގުތުގެ ފަސްވަނަ މިނެޓްގައި ޖަހާދިނީ އެމަނުއެލް ޑެނިސްއެވެ.

މިކާމިޔާބީއާއެކު ވޮޓްފަޑް މިހާރުވަނީ ކުޅުނު 12 މެޗުން ލިބިފައިވާ 13 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ޔުނައިޓެޑް އުޅެނީ ކުޅުނު 12 މެޗުން ލިބިފައިވާ 17 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައަށް ވެއްޓިފައެވެ.