ކުޅިވަރު

ލިވަޕޫލާއި އާސެނަލް ބައްދަލުކުރިމެޗް ލިވަޕޫލް ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލިގުގައި ލިވަޕޫލާއި އާސެނަލް ބައްދަލުކުރިމެޗް ލިވަޕޫލް ކާމިޔާބުކޮށްފިއެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ފަސޭހަ ކަމާއެކު 4 ލަނޑު ސުންލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލް. މިމެޗްގައި ލިވަޕޫލުން ޖެހި ފުރަތަމަ ލަނޑު މެޗްގެ 39 ވަނަ މިނެޓްގައި ޖަހައިދިނީ ސާޑިއޯ މާނޭއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 52 ވަނަ މިނެޓްގައި ޖަހައިދިނީ ޑިއެގޯ ޖޮޓާއެވެ. އަދި އެޓީމްގެ ތިންވަނަ ލަނޑު މެޗްގެ 73 ވަނަ މިނެޓްގައި ޖަހައިދިނީ މުހައްމަދު ސަލާއެވެ. އަދި ފަހު ލަނޑު މެޗްގެ 77 ވަނަ މިނެޓްގައި ޖަހައިދިނީ ޓަކުމީ މިނަމީނޯއެވެ. މިމެޗްގައި އާސެނަލްއަށް ލަނޑެއް ނުޖެހުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު ލިބިގެން ގޮސްފައިވެއެވެ.

މިމެޗްގެ ފުރަތަމަ ހާފްގެ ވަކި ހިސާބަކުން އާސެނަލްގެ ކޯޗް މިކެލް އާޓެޓާ އާއި ލިވަޕޫލްގެ ކޯޗް ޔަރގެން ކްލޮޕްގެ މެދުގައި ހޫނުގަދަ ބަހުސެއް ހިނގިއެވެ. އަދި ނަތީޖާއަކަށްވީ ރެފްރީއަށް މިދެ ކޯޗުންނަށްވެސް ރީނދޫ ކާޑު ދެއްކުމެވެ.

މިކާމިޔާބީއާއެކު ލިވަޕޫލް މިހާރު ވަނީ ކުޅުނު 12 މެޗުން ލިބިފައިވާ 25 ޕޮއިންޓާއެކު ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. ނަމަވެސް މިރޭ މެންޗެސްޓަރ ސިޓީ ކުޅޭ މެޗުން އެޓީމް މޮޅުވެއްޖެނަމަ އަލުން ދެވަނަ މަގާމް ސިޓީއަށް ލިބޭނެއެވެ. ތާވަލްގެ އެއްވަނައިގައި މިވަގުތު އޮތީ 29 ޕޮއިންޓާއެކު ޗެލްސީއެވެ. ރޭގެ މެޗުން ބަލިވުމާއެކު އާސެނަލް އަށް ލިބިފައިވަނީ 12 މެޗުން 20 ޕޮއިންޓެވެ. އަދި އޮތީ ތާވަލްގެ ފަސްވަނައިގައެވެ.