ކުޅިވަރު

އެތުލެޓިކްސް ޗެންޕިއަންޝިޕްގެ އެންމެ މޮޅު އެތުލީޓަކަށް ހިމްނާ އާއީ ސާއިދު


30ވަނަ ގައުމީ އެތުލެޓިކްސް ޗެންޕިއަންޝިޕްގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި އަންހެން އެތުލީޓަކަށް ޢާއިޝަތު ހިމްނާ ހަސަން ހޮވިއްޖެއެވެ. ހިމްނާއަކީ މިހާރު އެތުލްޓިކްސްގައި އަރަމުން އަންނަ އެންމެ ޒުވާން އެތުލީޓެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މިމުބާރާތުގައި ސާއިދާއި ހިމްނާ އެންމެ މޮޅު އެތުލީޓުގެ މަގާމް ހޯދިއިރު މިއީ ދެ އެތުލީޓުން މިމަގާމު ޖެހިޖެހިގެން ހޯދި ދެވަނަ ފަހަރެވެ. 2019ވަނަ އަހަރު ކުރިއަށް ގެންދިޔަ ގައުމީ އެތުލެޓިކްސް ޗެންޕިއަންޝިޕްގެ އެންމެ މޮޅު ދެ އެތުލީޓުންނަކީވެސް ހިމްނާ އާއި ސާއިދެވެ. ކޯވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރު ގައުމީ މުބާރާތް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

މިމުބާރާތުގައި ސާއިދުވަނީ 4 މެޑަލްއާއި 2 ލޯ މެޑަލް ހޯދާފައެވެ. ސިވެހި ސިފައިންގެ ކުލަބުގެ ފަރާތުން ސާއިދު މިމުބާރާތުގައި ވާދަކޮށްފައިވާއިރު، އޭނާ ވަޒީފާވެސް އަދާ ކުރަމުންދަނީ ޤައުމީ ދިބާއީ ބާރުގައެވެ. ޤައުމީ އެތްލެޓިކްސް ޗެންޕިއަންޝިޕްގައި ސާއިދު ރަން މެޑަލް ހޯދާފައިވަނީ ފިރިހެނުންގެ 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުގެ އިތުރުން ދިވެހި 4 ގުނަ 400 މީޓަރު ދުވުމުންނެވެ. އޭނާ ލޯ މެޑަލް ހޯދާފައިވަނީ 4 ގުނަ 100 މީޓަރު ދުވުމުންނެވެ. ސާއިދަކީ ރާއްޖެއަށް ބައިނަލްއަޤުވާމީ މުބާރާތްތަކުގެ އިތުރުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއަށް އެންމެ ފުރަތަމަ ރަން މެޑަލް ހޯދައިދިން އެތުލީޓެވެ.

އުމުރުން 18އަަހަރުގެ ޒުވާން ތަރި ހިމްނާ ވަނީ މިމުބާރާތުގައި 4 ރަން މެޑެއްޔާއި 1 ރިހި މެޑަލް ހޯދާފައެވެ. ހިމްނާ ރަން މެޑަލް ހޯދާފައިވަނީ އަންހެނުންގެ 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުގެ ބައިގެ އިތުރުން 4 ގުނަ 400 މީޓަރު ދުވުމުންނެވެ. އަދި ރިހި މެޑަލް ހޯދާފައި 4 ގުނަ 100 މީޓަރު ދުވުމުންނެވެ. ހިމްނާ މިފަހަރުގެ މުބާރާތުގައި ވާދަކޮށްފައިވަނީ ކުލަބު ރާވެރިޔާގެ އެތްލީޓެއްގެ ގޮތުގައިއެވެ.

މިމުބާރާތުގެ އެހެން ވަނަތަކަށް ބަލާއިރު، ފިރިހެނުންގެ 800 މީޓަރާއި 1،500 މީޓަރުގެ ރޭހުން ރަން މެޑަލް ހޯދީ ހުސައިން ރިޒާއެވެ. 5،000 މީޓަރާއި 10،000 މީޓަރު ދުވުމުން ރަން މެޑަލް ހޯދީ މުޙައްމަދު ރަޝީދެވެ. އަންހެނުންގެ 800 މީޓަރު، 1،500 މީޓަރު އަދި 5،000 މީޓަރުގެ ދުވުންވެސް ކާމިޔާބުކޮށްފައިވަނީ އާމިނަތު ޖާއިޝާ ޖުނީޒެވެ.

މި ފަހަރުގެ މުބާރާތުގެ އެންމެ މޮޅު ފިިރިހެން ކުލަބަކީ ދިވެހި ސިފައިންގެ ކުލަބެވެ. 2005ވަނަ އަަހަރުގެ ޤައުމީ މުބާރާތުގައި އެންމެ މޮޅު ފިިރިހެން ކުލަބްގެ މަގާމު ދިވެހި ސިފައިންގެ ކުލަބް ހޯދިފަހުން، މިއަދާއި ހަމަޔަށް މިމަގާމް ދަމަހަައްޓަމުން އައިސްފައިވަނީ އެކުލަބުންނެވެ. މި މުބާރާތުގެ އެންމެ މޮޅު އަންހެން ކުލަބަކީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނެވެ. މިއީ މާލެ އެކުވެނި ޓްރެކްގައި ސިންތަޓިކް އެޅިފަހުން ގައުމީ މުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ.