ވިޔަފާރި

އެމްޕީއެލްގެ މެރިން އަދި ޕައިލަޓޭޖްގެ ޚިދުމަތްތަކަށް މިހާރު އޮންލައިންކޮށް އެދެވޭނެ


މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން ފޯރުކޮށްދެމުންދާ މެރިން އަދި ޕައިލަޓޭޖްގެ ޚިދުމަތަށް މިއަދުން ފެށިގެން ރިކުއެސްޓް ކުރެވޭނީ އޮންލައިންކޮށް ކަމަށް އެމްޕީއެލްއިން ހާމަކޮށްފިއެވެ.

އެމްޕީއެލްއިން ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން، "ބަނދަރު ޕޯޓަލް" ގައި މެރިން އަދި ޕައިލަޓޭޖް ސަރވިސް އަށް ޚާއްސަކޮށްފައިވާ "މެރީން މޮޑިއުލް"ވެސްވަނީ ތައާރަފްކޮށްފައެވެ.

އަދި "މެރިން މޮޑިއުލް"ގެ މައުލޫމާތު ހިއްސާކުރުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު އެމްޕީއެލްގެ ޕައިލަޓޭޖް އެންޑް މެރީން ސަރވިސް ޑިޕާޓްމަންޓާއި އައި.ޓީ ޑިޕާޓްމަންޓުން ވަނީ ބައްދަލުވުމެއްވެސް ބާއްވާފައެވެ. މި ބައްދަލުވުމުގައި ވަރަށް ގިނަ ޝިޕިން އެޖެންޓުން ވަނީ ބައިވެރިވެފައެވެ. ކުންފުނިން މި ބައްދަލުވުން ބޭއްވުމުގެ މަގްސަދަކީ ގެނެވުނު ބަދަލަށް ޝިޕިން އެޖެންޓުން އަހުލުވެރިކުރުވުމެވެ.

މެރިން އަދި ޕައިލަޓޭޖްގެ ޚިދުމަތްތައް އޮންލައިންކޮށް ދެވެން ފެށުމުން މިޚިދުމަތްތަކަށް ރިކުއެސްޓްކުރުމާއި، އީޓީއޭ ހުށަހެޅުމާއި ފައިސާ ބަލައިގަތުމަށް އިތުރު ފަސޭހައެއް ލިބިގެންދާނެއެވެ. އަދި މިގޮތަށް މިޚިދުމަތް ދެވެންފެށުމަކީ އެމްޕީއެލްގެ ކަސްޓަމަރުންނަށް ޚިދުމަތް ހޯދުމަށްޓަކައި ލިބިގެންދިޔަ ލުއިފަސޭހައެއްގެ ގޮތުގައި އެމް.ޕީ.އެލް އިން ދެކެއެވެ. އަދި ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް މިހާރަށްވުރެވެސް އިތުރަށް ކުރިއަރުވައި ހަރުދަނާކުރުމަށް އެކުންފުނިން މަސައްކަތް ކުރާނެކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.