ވިޔަފާރި

ލިވިންގ އެކްސްޕޯއަށް 10،000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރި: ހައިރައިޒް


މިއަހަރުގެ ލިވިންގ އެކްސްޕޯއަށް 10،000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް އިވެންޓް އިންތިޒާމްކުރި ހައިރައިޒުން ބުނެފިއެވެ. މިއަހަރުގެ ލިވިންގ އެކްސްޕޯ ބާއްވާފައިވަނީ މިމަހުގެ 18 އިން 20 އަށެވެ.

މޯލްޑިވްސް ލިވިންގ އެކްސްޕޯ މިއަހަރު ބާއްވާފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މިއަހަރުގެ ލިވިންގ އެކްސްޕޯގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ 35 އެގްޒިބިޓަރުން ވަނީ ބައިވެރިވެފައެވެ. ބޭރުގެ އެގްޒިބިޓަރުންގެ ތެރޭގައި ބައިވެރިވެފައިވަނީ މެލޭޝިއާ، އިންޑިއާ އަދި ސްރީލަންކާގެ ކުންފުނިތަކެވެ.

މިއަހަރުގެ ލިވިންގ އެކްސްޕޯގެ މައި އެގްޒިބިޓަރުންގެ ތެރޭގައި މެލޭޝިއާގެ ޕްރޮޕަޓީ އެންޑު ރެޒިޑެންސް ކުންފުނި ލިންބާގު، ރާއްޖޭގެ ރިއަލް އެސްޓޭޓު ކުންފުންޏެއް ކަމަށްވާ އެކުއާވިޓާ ރެޒިޑެންސާޒް އަދި އާރުސީސީ- ކްރީކް ވިއު ހިމެނެއެވެ.

މީގެ އިތުރުން އެސްޓީއޯ، ބީއެމްއެލް، މޯލްޑިވްސް އިސްލާމިކް ބޭންކް، އެލައިޑް އިންޝުއަރެންސް އަދި ރެއިންބޯ ފަދަ ކުންފުނިތައް މިއަހަރުގެ އެކްސްޕޯގައި ބައިވެރިވެއެވެ. އެކްސްޕޯގެ ތެރެއިން މި ކުންފުނިތަކުގެ ތަފާތު ޕްރޮޑަކްޓްސްތައް އާންމުންނަށް ވަނީ ދައްކާލާފައެވެ.

ހައިރައިޒްއިން ބުނީ މޯލްޑިވްސް ލިވިންގ އެކްސްޕޯގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޤާއިމްކޮށް ބިނާކުރެވެމުންދާ ރިއަލް އެސްޓޭޓް ވިޔަފާރީގެ އެންމެ ފަހުގެ އުފެއްދުންތަކުގެ މަޢުލޫމާތު ހިއްސާކުރުންކަމަށެވެ. އަދި ގެދޮރަށް ބޭނުންވާ އެންމެ ފަހުގެ ފަރުނީޗަރާއި، ޓެކްނޮލޮޖީ އަދި އެހެނިހެން ހިފާ ގެންގުޅޭ ސާމާނުގެ މައުލޫމާތުވެސް މިއެކްސްޕޯއިން ލިބޭނެކަމަށް ހައިރައިޒްއިން ބުނެއެވެ.

މިއީ ލިވިން އެކްސްޕޯ ބޭއްވި 9ވަނަ އަހަރެވެ. ލިވިން އެކްސްޕޯ އެންމެ ފުރަތަމަ ބޭއްވީ 2013ވަނަ އަހަރުއެވެ.