ޚަބަރު

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ކުރިއަށްގެންދިޔަ ކޯސްތަކުން 1 ވަނަ 6 ދަރިވަރަކަށް

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ކުރިއަށްގެންދިޔަ ކޯސްތަކުން އެއްވަނަ ހޯދި 6 ދަރިވަރަކަށް އިނާމާއި ޕްލާކް ހަވާލުކޮށްފިއެވެ. ކޯސްތަކުން އެންމެ މަތިން މާކްސް ހޯދި ދަރިވަރުންގެ ތެރެއިން އެއްވަނައަށް އައި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ދެއްވާ އިނާމާއި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ދެއްވި ޕްލާކް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްއެވެ.

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ކުރިއަށް ގެންދިޔަ ކޯސްތަކުގެ ތެރެއިން އެއްވަނައިގައި ހިމެނުނީ ގުރުއާން މުދައްރިސްކަމުގެ ޑިގްރީ ހާސިލް ކުރި 3 ދަރިވަރަކާއި އިމާމުކަމުގެ ޑިގްރީން އެއްވަނަ ހާސިލް ކުރި 2 ދަރިވަރެއްގެ އިތުރުން ޤުރުއާން މުދައްރިސްކަމުގެ ޑިޕްލޮމާ ކޯހުން އެއްވަނަ ހާސިލް ކުރި ދަރިވަރެކެވެ.

މި ކޯސްތަކުން ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑޜ.އަޙްމަދު ޒާހިރު އަލީ ވަނީ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އަތޮޅުތެރޭގައި ހުރި ގޮފިތައް އިތުރަށް ހަރުދަނާ ކުރުމަށާއި އިތުރު ގޮފިތައް ހުޅުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ ހާފިޒު ކަމުގެ ސަނަދު ހާސިލް ކުރުމަށް މާލެއަށް އައުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ތެރެއިން އައްޑޫއާއި ފުވައްމުލަކު ސިޓީގައި އެކަމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާކަމަށެވެ. އަދި ކޯވިޑްގެ ކުރިން މިސްކިތްތަކުގައި ކުރިއަށްގެންދިޔ ޤުރުއާން ކްލާސްތައްވެސް ކުރިއަށް އޮތްތާގައި ފަށާ އެކަމުގެ ފައިދާ ރައްޔިތުންނަށް ލިބިގެންދާނެކަމަށެވެ.

" މިއިލްމަކީ އޭގެ ބޭނުން ހިފަންޖެހޭ އެއްޗެއް. ޢިލްމުގެ ފައިދާ އަމިއްލަ ނަފްސަށް ކުރަން ޖެހޭނެ. ޤައުމަށާއި މުޅި މުޖުތަމަޢަށް އެކަމުގެ ފައިދާ ލިބެންވާނެ" މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވިއެވެ.

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ފޯރުކޮށްދޭ ޚިދުމަތް މިހާރަށްވުރެ ބޮޑަށް ފުޅާކުރުމުގެ ގޮތުން ފަލަކީ ޢިލްމުން މަތީ ސަނަދު ހާސިލް ކުރުމުގެ ކޯހެއް ފެށުމަށް ވަނީ ނިންމާފައެވެ. މި ވޭތުވެ ދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ހިންގި ޤުރުއާން މުދައްރިސުންގެ ޑިގްރީ ކޯހުން 71 ދަރިވަރުން އިމާމް ޑިގްރީ ކޯހުން 23 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ. އަދި މިއަހަރު ވަނީ ޤުރުއާން މުދައްރިސުންގެ ޑިގްރީ ކޯހުން 58 ދަރިވަރުންނާއި އިމާމް ޑިގްރީ ކޯހުން 6 ދަރިވަރެއްގެ އިތުރުން ޤުރުއާން މުދައްރިސުންގެ ޑިޕްލޮމާ ކޯހުން 20 ދަރިވަރަކު ދަސްވެނިވެފައެވެ.