ޚަބަރު

ރީޖަނަލް ހޮސްޕިޓަލުތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: ނައިބް ރައީސް

ރީޖަނަލް ހޮސްޕިޓަލުތަކުގެ ޚިދުމަތްތަކުގެ ފެންވަރުމަތިކޮށް މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކުރުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ކުޅުދުއްފުށީ ސިޓީގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައިވަނީ ކުޅުދުއްފުށި ސިޓީއަށް ކުނި މެނޭޖްކުރުމުގައި ކުރިމަތިވާ ދަތިތަކާއި ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތައް ބާރު ސްޕީޑްގައި ކުރިޔަށްގެންދިއުމާ ގުޅޭގޮތުންނާއި ސިޓީގެ ޢުމްރާނީ އަދި އިޖުތިމާޢީ ތަރައްޤީއަށް މުހިންމު ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކުޅުދުއްފުށި ސިޓީގެ ސްކޫލްތަކުގެ ފަރާތުން ވަނީ އެ ސްކޫލްތަކުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ކުރިމަތިވާ ދަތިތައް ފާހަގަކުރައްވާފައެވެ. އެގޮތުން ސްކޫލްތަކުގައި ހިންގުމަށް ހަމަޖެހިފައިވާ ޢުމްރާނީ ބައެއް މަޝްރޫޢުތައް ފެށުން ލަސްވެގެންދިއުމާއި އަދި ކުރިޔަށްދާ ބައެއް މަޝްރޫއުތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ވެސް މި ބައްދަލުކުރެއްވުމުގައި ސްކޫލްތަކުގެ ފަރާތުން ނައިބް ރައީސްއާ ޙިއްޞާކުރައްވާފައިވެއެވެ. މީގެ އިތުރުން ބައެއް ސްކޫލްތަކުން ވަނީ މުހިންމު މަޤާމުތަކަށް ބޭނުންވާ މީހުން ހޯދުމުގައި ދިމާވާ ދަތިތައްވެސް ހިއްސާކުރައްވާފައެވެ.

މި ކަންކަމުގެ އިތުރުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ކުރިމަތިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް މިހާރު ކުރިޔަށްދާ އަދި ރޭވިފައިވާ މަޝްރޫޢުތައް އަވަހަށް ނިންމުމަށް ބޭނުންވާކަން ރީޖަނަލް ހޮސްޕިޓަލުގެ ފަރާތުން ފާހަގަކުރެއްވިއެވެ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާޝަރީފެންވަރަށް މަތިކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރިޔަށްގެންދަވާ ކަމަށާ ޚާއްޞަކޮށް ފާއިތުވި 3 އަހަރަކީ އެ ހޮސްޕިޓަލަށް އެންމެގިނަ ކުރިއެރުންތައް ލިބިގެންދިޔަ މުއްދަތުކަން ރީޖަނަލް ހޮސްޕިޓަލުގެ ފަރާތުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ޞިއްޙީ ޚިދުމަތް ކުރިއަރުވައި ތަރައްޤީކުރުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއްދެއްވާކަމަށާއި ވަކިން ޚާއްޞަކޮށް ރީޖަނަލް ހޮސްޕިޓަލުތަކުގެ ޚިދުމަތްތަކުގެ ފެންވަރުމަތިކޮށް މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކުރުމަށް މަސައްކަތްކުރަމުން ގެންދާކަމަށެވެ. ނައިބްރައީސް ވިދާޅުވީ ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކުނީގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެކަމަށާއި އަދި ކައުންސިލާއި މުއައްސަސާތަކުގެ ވެރިން ފާހަގަކުރެެއްވި ކަންކަންމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.