ޚަބަރު

ކުޑަކުދިންނަށް ޚާއްސަ ރައްކާތެރިކަމެއް ދެއްވުމަށް ނައިބް ރައީސް ގޮވާލައްވައިފި


ކުޑަކުދިންނަށް ޚާއްސަ ރައްކާތެރިކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމް ގޮވާލައްވައިފިއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަރިމައިވުމުގެ ސިއްޙަތާއި ބެހޭ މަރުކަޒު "އުފަންވެނި" އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނައިބްރައީސް ވިދާޅުވީ އަތޮޅުތަކުގައި ސިއްހީ ނިޒާމް ފުޅާކުރަމުން ކުރާ މަސައްކަތްތަކުގެ ސަބަބުން ރައްޔިތުން މިނިޒާމަށް ކުރާ އިތުބާރު ބޮޑުވެފައިވާކަމަށެވެ. އެގޮތުން ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން 3 ލައްކައާ ގާތްކުރާ އަދަދަކަށް މީހުން ޚިދުމަތް ހޯދާފައިވުމުގެ ސަބަބުން އެކަން ޔަޤީންވެގެންދާ ކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.

ނައިބްރައީސް ވަނީ ހޮސްޕިޓަލެއްގައި އާ ޚިދުމަތެއް ތަޢާރަފްވުމާއި ޖުމުލަކޮށް ހުރިހާ ޚިދުމަތްތަކެއްވެސް ރައްޔިތުންނަށް ފޯރުކޮށްދޭއިރު އެކަން ކުރާހިތުން ކުރުމަށް ގޮވާލައްވާފައެވެ. އެގޮތުން ޚާއްސަކޮށް ކުޑަކުދިންނަށް ޚިދުމަތް ފޯރުކޮށްދޭއިރު އެކުދިންގެ ޙައްގުތައް ރައްކާތެރިކޮށް އޯގާތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދެވޭނަމަ މި ދާއިރާވެސް މިއަށްވުރެ ބޮޑަށް ކުރިއަރާދާނެކަން ނައިބް ރައީސް ފާހަގަކުރެއްވިއެވެ. އަދި އެއްވެސް މީހަކު ތަފާތު ކުރުމެއްނެތި ޚިދުމަތް ފޯރުކޮށްދެއްވުމަށް ނައިބް ރައީސް ގޮވާލެއްވިއެވެ.

މި ރަސްމިއްޔާތުގައި ނައިބް ރައީސް ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި ބޭރުގެ ފަރާތްތަކުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި އެފަދަ އެހީތެރިކަން ބޭރުގެ ޤައުމުތަކުން ލިބިގެންދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ގެންގުޅުއްވާ ފުރިހަމަ ޚާރިޖީ ސިޔާސަތުގެ ސަބަބުން ކަމަށްވެސް ނައިބްރައީސް ފާހަގަކުރެއްވިއެވެ.

ދަރިމައިވުމުގެ ސިއްޙަތާއި ބެހޭ މަރުކަޒު "އުފަންވެނި" ސެންޓަރަކީ އޫއެންއެފްޕީއޭގެ ހިލޭ އެހީގެ ދަށުން ތަރައްޤީކޮށްފައިވާ ސެންޓަރެކެވެ. މާލެ ފިޔަވާ އަތޮޅުތެރޭގައި ހުޅުވި މީގެ ފުރަތަމަ ސެންޓަރުން މާބަނޑު މީހުންގެ ކްލިނިކާއި މަންމައާއި ތުއްތު ކުއްޖާގެ ކްލިނިކެއް ހުންނާނެއެވެ. އަދި އާއިލާ ރޭވުމާއި ފުރާވަރު ކުދިންގެ ކްލިނިކުންވެސް ޚިދުމަތް ލިބެމުންދާނެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ދުވާލަކަށް 630 އާއި 750 ދެމެދުގެ އަދަދަކަށް އަންހެނުން ޚިދުމަތް ހޯދައެވެ. އަދި 650 އާ ގާތްކުރާ އަދަދަކަށް ކޮންމެ ދުވަހަކު ކުޑަކުދިން ޚިދުމަތް ހޯދައެވެ. މީގެ އިތުރުން ވޭތުވެދިޔަ 2 އަހަރުދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލުގައި ވިހާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ކޯވިޑްގެ ކުރިން އެވްރެޖްކޮށް މަހެއްގެ މައްޗަށް 30 މީހުން ވިހާއިރު މިހާރު 45 މީޙުން މަހެއްގެ މައްޗަށް ވިހައެވެ. އަލަށް ތަޢާރަފްކުރި މިޚިދުމަތާއެކު އެއް ފުރާޅެއްގެ ދަށުން އެންމެ ގިނަ ޚިދުމަތްތައް ލިބިގެންދާ އެއް ހޮސްޕިޓަލަށް މިތަންވެގެންދާނެއެވެ.