ޚަބަރު

ތަރައްޤީއާއި ރަށަށް ހެޔޮގޮތްތައް ހޯދުމުގެ ވިސްނުން އިސްކުރެއްވުމަަށް ނައިބު ރައީސް އެދިވަޑައިގެންފި


ތަރައްޤީއާއި ރަށަށް ހެޔޮގޮތްތައް ހޯދުމުގެ ވިސްނުން އަބަދުވެސް އިސްކުރެއްވުމަަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެދިވަޑައިގެންފިއެވެ. ނައިބު ރައީސް މިކަމަށް އެދިވަޑައިގަތީ ނެއްލައިދޫ ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިބައްދަލުކުރެއްވުމުގައި ނެއްލައިދޫ ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންވަނީ ސަރުކާރުން ނެއްލައިދޫގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްގެންގޮސްދެއްވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

ނެއްލައިދޫ ސްކޫލްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ނެއްލައިދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ބިމުގެ ދަތިކަމަށް ޙައްލެއް ހޯދުމާއި ގުޅޭގޮތުންނާއި ރަށުގެ އިޤްތިޞާދީ އިޖްތިމާޢީ ކުރިއެރުމަށް މުހިންމުކަންކަން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ނެއްލައިދޫ ސްކޫލާއި ޞިއްޙީ މަރުކަޒުގެ ފަރާތުން ވަނީ އެތަންތަނަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިތައް ފާހަގަކުރައްވާފައެވެ. ޞިއްޙީ މަރުކަޒުގެ ފަރާތުން ވަނީ އެ މަރުކަޒުގެ ޚިދުމަތް ފުޅާކޮށް ތަރައްޤީކުރުމަށް އިތުރު އިންސާނީ ވަޞީލަތްބޭނުންވާކަމާއި ޚިދުމަތުގެ ފެންވަރުމަތިކުރުމަށް ބޭނުންވާ އިތުރުކަންކަން ވެސް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ނެއްލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީންވެސް ވަނީ އެކޮމެޓީގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ވެސް އެންމެބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަންކަމުގައި ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި މިފަދަ ބައްދަލުވުންތައް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮންނަ ގާތްގުޅުން ދަމަހައްޓައި ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ކަންކަން ކޮށްދިނުމަށް މަގުފަހިކޮށްދިނުންކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އެ ސަރަޙައްދުގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރިޔަށް ގެންދާ ބޮޑެތި ބައެެއް މަޝްރޫޢުތަކުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ޚާއްޞަ ގޮތެއްގައި ކުުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތްތައް ޓާޝަރީ ފެންވަރަށް މަތިކުރުމާއި މިހާރު ފެށުމަށް މަސައްކަތް ކުރަމުންގެންދާ މި ސަރަޙައްދުގެ ހައި ސްޕީޑް ފެރީ ނެޓްވޯކްގެ މަސައްކަތަކީ މުޅިސަރަހަދުގެ ރައްޔިތުންނަށް އޭގެ ލުއިފަސޭހަކަން ލިބިގެންދާނެ ކަންތައްތައް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތަރައްޤީއާއި ރަށަށް ހެޔޮގޮތްތައް ހޯދުމުގެ ވިސްނުން އަބަދުވެސް އިސްކުރެއްވުމަަށް މި ބައްދަލުކުރެއްވުމުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ނެއްލައިދޫ ސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލުގައި އަލަށް އިމާރާތްކުރަމުންގެންދާ 2 ކްލާސްރޫމާއި ސްކޫލް ބައްލަވާލެއްވުމުގެ އިތުރުން ނެއްލައިދޫ ޞިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތުވެސް ބައްލަވާލައްވާފައެވެ.