ޚަބަރު

ޠާލިބާނުންގެ ވެރިކަން ބަލައިގަނެވޭނީ ޝަރުތުތައް ފުރިހަމަކުރުމުން: އެމެރިކާ


އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާނު ޖަމާޢަތުގެ ވެރިކަން ބަލައިގަނެވޭނީ ޝަރުތުތައް ފުރިހަމަކުރުމުންކަމަށް އެމެރިކާއިން ބުނެފިއެވެ. އެމެރިކާއިން އެހެން ބުނެފައިވަނީ އެ ޤައުމުން ހިފަހައްޓާފައިވާ އަފްޣާނިސްތާނުގެ މުދަލާއި ފައިސާ ދޫކުރުމަށް ޠާލިބާނުން އަނެއްކާވެސް ގޮވައިލުމުންނެވެ. އެ ޖަމާޢަތުން ބުނެފައިވާ ގޮތުގައި އަފްޣާނިސްތާނު އިންދަޖެއްސުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ހިތިވާނެކަމަށާއި އެ ކަމުގެ އަސަރު އެހެން ޤައުމުތަކަށްވެސް ކުރާނެކަމަށެވެ.

އެމެރިކާއިން އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ ޚާއްޞަ މަންދޫބު ތޯމަސް ވެސްޓު ވިދާޅުވީ އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާނުން އައުމުގެ ކުރިން އެ ޖަމާޢަތުގެ ކިބައިން އެމެރިކާ ބޭނުންވާ ކަންކަން ވަރަށް ސާފުކޮށް ބުނެފައިވާނެކަމަށެވެ. އެ ގޮތުން ބާރުގެ ބޭނުންކޮށްގެން އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާނުން އަތުވެއްޖެނަމަ އެ ޤައުމަށް ދެމުންދާ އެހީތެރިކަން ކަނޑައިލާނެކަން އެ ޖަމާޢަތަށް އަންގާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭރު އަފްޣާނިސްތާނުގައި އޮތް އެމެރިކާއިން ވާގިވެރިވާ ސަރުކާރާ އެއްވެސް މަޝްވަރާއެއް ނުކޮށް ބާރުގެ ބޭނުންކޮށްގެން ޠާލިބާނުން އެ ޤައުމުގެ ވެރިކަމަށް އަތްގަދަކުރީކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެމެރިކާއިން ހިފަހައްޓާފައިވާ އަފްޣާނިސްތާނުގެ މުދަލާއި ފައިސާ ދޫކުރުމަށް އެދި އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހަށް ފޮނުވި ސިޓީއާ ގުޅިގެން ވެސްޓު ވިދާޅުވީ އެމެރިކާގެ ޝަރުތުތައް ޠާލިބާނުން ފުރިހަމަކުރަން ޖެހޭކަމަށެވެ. އެ ގޮތުން އެންމެންގެ ބައިވެރިވުން އޮންނަ ސަރުކާރެއް އަފްޣާނިސްތާނުގައި ޤާއިމުކުރުމަށާއި ބައިމަދު ނަޞްލުތަކަށް ނިޞްބަތްވާ މީހުންގެ ޙައްޤުތައް ކަށަވަރުކުރުމަށާއި އަންހެނުންނަށް ތަޢުލީމާއި ވަޒީފާގެ ފުރުޞަތު ފަހިވާން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާނުން އައުމާއެކު އެ ޤައުމުގެ ސެންޓުރެލް ބޭންކުގައި ހުރި 9.5 ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި މުދަލާއި ފައިސާ އެމެރިކާއިންވަނީ ހިފަހައްޓައިފައެވެ. އެއާއެކު އަފްޣާނިސްތާނުގެ ސަރުކާރުގެ މުވައްޒަފުންނަށް ދޭން ޖެހޭ މުސާރަ ނުދެވި އެ ޤައުމަށް ބޭނުންވާ މުދާ އެތެރެނުކުރެވި އެ ޤައުމުގެ އިޤްތިޞާދުވަނީ ބޮޑު އަނދަވަޅަކަށް ވެއްޓިފައެވެ.

ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނު ގެންގޮސްފައިވަނީ އެ ޤައުމުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙާލަތު ވަރަށް ގޯސް ދަނޑިވަޅެއްގައިކަމަށް ވެސްޓު ޤަބޫލުކުރައްވައެވެ. އޭނާ ވިދާޅުވީ އަފްޣާނިސްތާނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން އެމެރިކާއިން ފޯރުކޮށްދޭނެކަމަށާއި މި އަހަރުގެ ތެރޭގައި 474 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން އެ ޤައުމަށް ފޯރުކޮށްދީފައިވާނެކަމަށެވެ.