ވިޔަފާރި

ކެނެރީފް އައިލޭންޑް ރިސޯޓު ހުޅުވަން ބޭނުންވާ މުވައްޒަފުން ނެގުމަށް އިއުލާންކޮށްފި


އައްޑޫގައި އޮންނަ ކެނެރީފް ރިސޯޓު ހުޅުވުމަށް އެތަނަށް ބޭނުންވާ މުވައްޒަފުން ނަގަން އެ ރިސޯޓުން ޢިއުލާންކޮށްފިއެވެ.

އެ ރިސޯޓުން ކުރި ޢިއުލާނުގައި ވަނީ ވަރަށް ގިނަ ދައިރާތަކުން މުވައްޒަފުން ހޯދަން ހުޅުވާލާފައެވެ. އެގޮތުން އިންޖިނިއަރިން، އެފްއެންބީ، ހައުސްކީޕިން، ބަދިގެ، ބަގީޗާ އަދި ފްރޮންޓު އޮފީސް، ސެކިއުރިޓީ އަދި ފައިނޭންސް ދާއިރާއިން ވަޒީފާގެ ފުރުސަތު ހުޅުވާލާފައިވެއެވެ. އެގޮތުން މިމަހުގެ 26 ކުރިން ފޮޓޯ އަކާއެކު، ސީވީ ފޮނުވުމަށް ރިސޯޓުން ވަނީ އެދިފައެވެ.

ކެނެރީފް ރިސޯޓުގެ މުވައްޒަފުން ވަކިކޮށް ރިސޯޓު ދެ އަހަރަށް ބަންދުކުރީ މިދިޔަ އަހަރު ޖޫންމަހުގައެވެ. ކޯވިޑާއި ގުޅިގެން ރިސޯޓު ބަންދުކުރިއިރު، ރާއްޖޭގެ ފަތުރުވެރިކަން ފެށިގެން އައިސް މިހާހިސާބަށްވެސް އައްޑޫގައި އޮތް 3 ރިސޯޓުގެ ތެރެއިން ދެ ރިސޯޓު ބަންދުކޮށް އަލުން ހުޅުވާފައިނުވެއެވެ. މިކަމާއި ގުޅިގެން ކައުންސިލާއި އެކު ބޭއްވި ބައްދަލުވުންތަކަށް މިދިޔަ މަހު 28 ވަނަ ދުވަހު ރިސޯޓު އަލުން ޑިސެމްބަރުމަހު ފަހުކޮޅު ހުޅުވާނެކަމަށް ރިސޯޓުން ވަނީ ހާމަކޮށްފައެވެ.

ކެނެރީފް ރިސޯޓު ބަންދުކޮށްފައިވާ ތަނަށް މިހާރު 17 މަސް ވެފައިވާއިރު، މި ރިސޯޓު ހުޅުވުމަށް މިހާރު ގިނަ މަސައްކަތް ކުރަމުންދާކަމަށް ސިޓީ ކައުންސިލުން ދާދި ފަހުން ވަނީ ހާމަކޮށްފައެވެ. ގާތްގަނޑަކަށް 4.5 ކިލޯމީޓަރުގެ މި ރިސޯޓަކީ ރާއްޖޭގައި މި ވަގުތު އޮތް އެންމެ ދިގު ރިސޯޓެވެ. މީގެކުރިން ހެރެތެރެ ރިސޯޓުގެ ނަމުގައި ހިންގި ރިސޯޓު ހިންގާފައިވާއިރު ރިސޯޓުގައި 271 ވޯޓާ ވިލާ ހުރެއެވެ.

ކެނެރީފްގެ އިތުރުން އައްޑޫގެ ޝަންގްރީއްލާ ވިލިނގިލި އައިލޭންޑް ރިސޯޓުވެސް އޮތީ ބަންދުކޮށްފައެވެ. މި ރިސޯޓުވެސް މުވައްޒަފުން ވަކިކޮށް ބަނދުކޮށްފައިވާއިރު، ރިސޯޓު އަލުން ހުޅުވުމަށް ބޮޑެތި މަރާމާތުތަކެއް ކުރަންޖެހޭކަމަށް މަޢުލޫމާތު ލިބެއެވެ. އައްޑޫގައި މި ދެ ރިސޯޓު ފިޔަވައި މިހާރުވެސް އޮޕަރޭޓްކުރާ ރިސޯޓަކީ ސައުތު ޕާމް ރިސޯޓެވެ.