ހޯރަފުށީ އެއަރޕޯޓާއެކު ހޯރަފުއްޓަށް އެތައް ގޮތަކުން ފާގަތިކަން ލިބިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ. ސަލީމް ވިދާޅުވީ އެއަރޕޯޓަކީ ހޯރަފުއްޓާއެކު މުޅި އިހަވަންދިއްޕޮޅަށްވެސް ހުޅުވިގެންދިޔަ ތަރައްޤީގެ ދޯރޯއްޓެއްކަމަށެވެ.
ހޯރަފުށީ އެއަރޕޯޓަށް އެއްއަހަރުފުރުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވީ އެއަރޕޯޓާއެކު ރަށަށް ފާގަތިކަމާއި އާރޯކަން ލިބިފައިވާކަމަށެވެ. އެގޮތުން އިތުރު ވަޒީފާތައް އުފެދި، މާލޭގައި ދިރިއުޅެމުން އައި އެތައް ބަޔަކު ވަނީ ރަށަށް ބަދަލުވެފައިކަމަށް ސަލީމް ވިދާޅުވިއެވެ.
ވިއްސާރަ މޫސުމުގައި ދަތުރުކުރުމަކީ މީގެކުރިން ހޯރަފުށީ ރައްޔިތުން ބިރުގަންނަ ކަމެއްކަމަށާއި އެހެންނަމަވެސް މިއަދު މިޙާލަތު ބަދަލުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ މީގެކުރިން ޙަގީގަތަކަށް ވާނެކަމެއްކަމަށް ބަޔަކު ޤަބޫލުނުކުރި އެހެންނަމަވެސް މިއަދުގެ ހަގީގަތްކަން ސަލީމްވަނީ ފާހަގަކުރައްވާފައެވެ.
ހޯރަފުށީ އެއަރޕޯޓު ބޭނުންކުރަންފެށިތާ އެއް އަހަރުވެފައިވާއިރު މިއީ ރީޖަނަލް އެއަރޕޯޓްސްގެ ދަށުން ހިންގަމުން އަންނަ އެއަރޕޯޓްސްގެ ތެރެއިން ފުރަތަމަ ސެޓިފައިޑް އެއަރޕޯޓެވެ. މީގެއިތުރުން ރާއްޖޭގައި ފުރަތަމަ ތަރައްޤީކުރާ ފަޔަރ ޓްރެއިނިންގ އެކަޑަމީ ހޯރަފުށީ އެއަރޕޯޓުގައި ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ހއ.ހޯރަފުށީގައި އެއަރޕޯޓު ތަރައްޤީކޮށް ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 19ވަނަ ދުވަހުގައެވެ. 1200 މީޓަރުގެ ދިގު 35 މީޓަރު ފުޅާ މިރަންވޭއާއެކު ޒަމާނީ ޑޮމެސްޓިކް އެއަރޕޯޓެއްވަނީ ތަރައްޤީކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ އެއަރޕޯޓަކުންވެސް 30 މިނިޓުގައި ލޯންޗުން ކޮންމެ ރަށަކަށްވެސް ދަތުރުކުރެވޭ ރޭންޖުގައި އެއަރޕޯޓުތައް ތަރައްޤީކުރުމެވެ. ސަބަބކީ ގުދުރަތީގޮތުން ރާއްޖެ އުފެދިފައިވާގޮތުން ތަރައްޤީއަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ދަތުރުފަތުރުގެ ރަނގަޅު ނިޒާމެއް ނެތުމުގެ ދަތިކަމަށްވާތީ ސަރުކާރުން އަންނަނީ މިކަން ނައްތާލުމަށް މަސައްކަތް ކުރަމުންނެވެ.