ޚަބަރު

ވިލާތުގައި ވެކްސިން ނުޖަހާ މީހުންނަށް ފުރަބަންދުގެ އުޞޫލުތަކެއް


ކޯވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ވެކްސިން ނުޖަހާ މީހުންނަށް ފުރަބަންދުގެ އުޞޫލުތަކެއް ތަންފީޒުކުރަން ވިލާތުގެ ބައެއް ޤައުމުތަކުން ފަށައިފިއެވެ.

ކޯވިޑް-19ގެ ވެކްސިން ނުޖަހާ މީހުންނަށް ފުރަބަންދުގެ އުޞޫލުތަކެއް ތަންފީޒުކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި އޮސްޓުރިޔާއާއި ގުރީސާއި ސުލޮވޭކިޔާއާއި ޗެކް ރިޕަބްލިކާއި ޖަރުމަންވިލާތުގެ ބައެއް ސަރަޙައްދުތައް ހިމެނެއެވެ. ފާއިތުވި ދުވަސްތަކުގައި ކޯވިޑް-19 އެންމެ ހަލުވިކަމާއެކު ފެތުރެނީ ވިލާތުގެ ޤައުމުތަކުގައެވެ.

ކޯވިޑް-19ގެ ވެކްސިން ނުޖަހާ މީހުންނަށް ފުރަބަންދުގެ އުޞޫލުތަކެއް އެންމެ ފުރަތަމަ ތަންފީޒުކޮށްފައިވަނީ އޮސްޓުރިޔާގައެވެ. އެ ގޮތުން އޮސްޓުރިޔާގައި ވެކްސިން ނުޖަހާ ޢުމުރުން 12 އަހަރުން މަތީގެ މީހުންނަށް ބޭރަށް ނުކުމެވޭނީ ޒާރޫރީ ތަކެތި ގަތުމަށާއި ވަޒީފާއަށާއި ވެކްސިން ޖެހުމަށް އެކަންޏެވެ. އަދި އެ އުޞޫލުތަކާ ޚިލާފުވާ މީހުން 1،450 ޔޫރޯއިން ޖޫރިމަނާކުރުމަށްވެސް އެ ޤައުމުގެ ސަރުކާރުންވަނީ ނިންމައިފައެވެ. ބެލެވޭ ގޮތުގައި 8.9 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އޮސްޓުރިޔާގެ 2 މިލިޔަން މީހުންނަށް އެ އުޞޫލުތަކުން އަސަރުކުރާނެއެވެ.

ގުރީސްގެ ސަރުކާރުން ނިންމާފައިވާ ގޮތުގައި ކޯވިޑް-19ގެ ވެކްސިން ނުޖަހާ މީހުންނަށް ރެސްޓޯރެންޓުތަކާއި ސިނަމާތަކާއި މިޔުޒިޔަމުތަކާއި ޖިމުތައް ބޭނުމެއް ނުކުރެވޭނެއެވެ. 11 މިލިޔަން މީހުން ދިރިއުޅޭ ގުރީސްގެ އާބާދީގެ 62 އިންސައްތަ މީހުންވަނީ ވެކްސިންގެ ޑޯސްތައް ފުރިހަމަކޮށްފައެވެ. އެ ޤައުމުން މަސައްކަތްކުރަނީ އަހަރު ނިމުމުގެ ކުރިން އާބާދީގެ 70 އިންސައްތަ މީހުންނަށް ވެކްސިންގެ ޑޯސްތައް ދިނުމަށެވެ.

ޗެކް ރިޕަބްލިކުގެ ސަރުކާރުން ނިންމާފައިވަނީ ޢާއްމު ތަންތަނުން ޚިދުމަތް ހޯދޭނީ ކޯވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނާއި ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި ބަލިން ފަސޭހަވެފައިވާ މީހުންނަށް އެކަނިކަމަށެވެ. 11 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޗެކް ރިޕަބްލިކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 22,585 މީހުންނަށް ބަލިޖެހި 73 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި ޖުމުލަ 1.93 މިލިޔަން މީހުންނަށް ބަލިޖެހި 31,000 މީހުންވަނީ މަރުވެފައެވެ.

ސުލޮވޭކިޔާގައިވެސްވަނީ ޗެކް ރިޕަބްލިކުގައި އަޅާފައިވާފަދަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެ ޤައުމުގެ ސަރުކާރުން ބުނެފައިވަނީ އެ ފިޔަވަޅު އަޅަނީ ވެކްސިން ނުޖަހާ މީހުންނަށް ފުރަބަންދުކުރުމަށްކަމަށެވެ. 5.5 މިލިޔަން މީހުން ދިރިއުޅޭ ސުލޮވޭކިޔާގައި ވެކްސިން ފުރިހަމަކޮށްފައިވަނީ އާބާދީގެ 45 އިންސައްތަ މީހުންނެވެ. ވިލާތުގެ ޤައުމުތަކުގެ ތެރެއިން އެންމެ މަދުން ވެކްސިން ޖަހާފައިވަނީ ސުލޮވޭކިޔާގައެވެ.