ޚަބަރު

ރައްޔިތުން މިއަދު މިތިބީ ބިރުވެރިކަމެއްނެތި ހަމަޖެހިގެން - ނާއިބު ރައީސް

މަގުތަކަށް ނިކުމެ ބަޔަކު ބޭރުކުރަން ގޮވުމަށްވުރެ މިއަދު ރައްޔިތުންނަށް ލިބިފައިވާ ހަމަޖެހުމުގެ ވާހަކަދެއްކުން މުހިއްމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އިފްތިތާޙްކުރުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ، މީގެ 3 އަހަރު ކުރިން، ގިނަ ބަޔަކު ގުޅިގެން ރައީސުލއޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމަށް ގެންނަން ކުރި މަސައްކަތުގެ ހެޔޮ ނަތީޖާ ރާއްޖޭގެ ކޮންމެ ދިމާއަކުންވެސް ފެންނަމުންދާކަމަށެވެ.

މީގެ 3 އަހަރުކުރިން ރާއްޖެ އޮތް ހާލަތާއި މިހާރު ހާލަތު އޮތްގޮތް ތަފާތުކަން ފާހަގަކުރައްވައި ނާއިބު ރައީސް ވިދާޅުވީ، ޚުދު އެމަނިކުފާނަކީ މީހަކަށް އަނިޔާއެއް އަދި ބާރަށް ބަހެއްވެސް ބުނާމީހަކަށް ނުވާއިރު، އެމަނިކުފާނުގެ މައްޗަށްވެސް ކުރީގެ ސަރުކާރުން ޓެރަރިޒަމްގެ ދަޢުވާ އުފުލިކަމަށެވެ. އަދި އޭރު ސަރުކާރާދެކޮޅަށް ކިރިޔާވެސް އެއްޗެއް ބުނެލި ޤައުމަށް އެތައް ޚިދުމަތްތަކެއްކޮށްފައިވާ ޚިދުމަތްތެރިންނާއި، ކުރީގެ ރައީސުން ދާންޖެހުނީ ޖަލަށްކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

ނަމަވެސް މިއަދު ފެންނަމުންދަނީ އެކަން ބަދަލުވެފައިވާ މަންޒަރުކަމަށާއި، މިހާރު ބިރުވެރިކަމެއް ނެތި ކޮންމެ މީހަކަށްވެސް ހަމަޖެހިގެން އުޅެވޭއިރު، މިއީ ދެއްކުން މުހިއްމު ވާހަކަތަކެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކާކުތޯ ޖަލުގައި ހުރީ. ކޮން ސިޔާސީ ދަޢުވާއެއްތޯކުރީ، ހަމަޖެހިގެން މިއުޅެނީ ބިރުވެރިކަމެއް ނެތި މިއުޅެނީ. އަޅުގަނޑުމެންގެ އޮންނަ ހުދޫދުގެ ތެރެއިން ބޭނުންވާހަކައެއް އެބަދެއްކޭ. މަގުތަކަށް ނިކުމެވޭ. ބޭނުންވާ ބަސް ބުނެވޭ، ޓުވީޓުކުރެވޭ، ފޭސްބުކްގައި ލައިކް ކުރެވޭ. މިނިވަންކަން އެބައޮތް. މިއީ ދިވެހި ރައްޔިތުން ބޭނުންވި ކަންތައްތައް" ނާއިބު ރައީސް ވިދާޅުވިއެެވެ.

ރައްޔިތުން ބޭނުންވާ ތަރައްޤީއާއި ކުރިއެރުން އެރަށެއްގައި ތިބެގެން ލިބޭނެ ފަސޭހަ އިންތިޒާމު ސަރުކާރުން ދަނީ ހުއްޓުމެއްނެތި ކުރަމުންކަމަށާއި، ކޯވިޑާއި ގުޅިގެން ދިމާވި ދަތި ހާލަތުގައިވެސް އެމަސައްކަތްތައް ސަރުކާރުން ހުއްޓާލާފައިިނުވާކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

ޚާއްސަކޮށް ކޯވިޑާއި ގުޅިގެން ތަޢުލީމީ ދާއިރާއާއި، އިޤްތިޞާދީ ދާއިރާގެ އިތުރުން އިޖްތިމާޢީގޮތުން ދިމާވި އެތައް މައްސަލަތައް ރައީސުލްޖުމްހޫރިއްޔާގެ ޙިކުމަތްތެރިކަމާއެކު ޙައްލުކޮށްދެއްވާފައިވާކަން ނާއިބު ރައީސް ފާހަހަގކުރެއްވިއެވެ. އެގޮތުން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ތަޢުލީމީ ދާއިރާއާއި ފަތުރުވެރިކަމުގެ ޞިނާއަތްފަދަ ކޮންމެހެން މުހިއްމު ދާއިރާތަކާއި ޞިނާޢަތްތަކުން ދައުލަތަށް ބޮޑެތި ކާމިޔާބީ ލިބެމުންދާކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

"ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކޮންފަދަ ބޮޑެތި މަސައްކަތްތަކެއްތޯ ކުރަމުން މިދަނީ. ރައްޔިތުންނަށް މިކަންކަން އެބަފެނޭ. މިއީ މިއަދު ދައްކަންޖެހޭ ވާހަކައަކީ، އަޅުގަނޑުމެން މަގުމައްޗަށް ނިކުމެ ދައްކަންވީ ކޮންމެވެސް ބަޔަކު ބޭރުކުރާ ވާހަކައެއްނޫން. ފިތުނަ ފަސާދައިގެ ވާހަކައެއްނޫން" ނާއިބު ރައީސް ވިދާޅުވިއެވެ.

ނާއިބު ރައިސް ވިދާޅުވީ ރާއްޖެއަކީ ގިނަ ރަށްތަކެއްގެ މައްޗަށް ހިމެނޭ ޤައުމަކަށްވުމުން އެމްޑީޕީގެ ސަރުކާރުން ކުރިންވެސް އަދި މިހާރުވެސް އެންމެ ބޮޑަށް މަސައްކަތްކުރަނީ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ޤާއިމްކުރުމަށްކަމަށާއި، އެފަދަ ނިޒާމަކީ ތަރައްޤީއަށް ކުރެވިގެންދާ އެންމެ މުހިއްމު މަސައްކަތްކަމަށް ސަރުކާރުން އުތުރުގައި މިހާރު ފަށާފައިވާ ހައިސްޕީޑް ފެރީ ނިޒާމަށް އިޝާރާތްކުރައްވަމުން ނާއިބު ރައީސް ވިދާޅުވިއެވެ.

ނާއިބު ރައީސްގެ ވާހަކަފުޅުގައި ޤައުމުގައި ކަންކަން ކުރިއަށްދާގޮތް ރައްޔިތުން ވަރަށް ގާތުން ބަލަންވާނެކަމަށާއި، މިއަދު ޤައުމުގައިއޮތް ހަމަޖެހުމާއި ހޯދަމުންދާ ކުރިއެރުމާއި ތަރައްޤީ ރައްޔިތުން ދޫކޮށްލައިގެން ނުވާނެކަމަށް ވަނީ ވިދާޅުވެފައެވެ.