ޚަބަރު

ހޯރަފުށީ މަގުތައް ޒަމާނީ ފެންރަށް ތަރައްޤީކުރުމުގެ މަޝްރޫޢު އިފްތިތާޙުކޮށްފި


ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިފްތިތާޙްކޮށްދެއްވައިފިއެވެ.

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ހޯރަފުށީގެ 11 މަގެއް ތާރުއަޅައިގެން ހެދުމަށްވަނީ ހަމަޖެހިފައެވެ. ހޯރަފުށީ މަގު ހެދުމުގެ ރަސްމިއްޔާތު އިފްތިތާޙު ކުރެވިގެންދިއުމާއެކު މިމަޝްރޫޢު ވެފައިވަނީ ހޯރަފުށީގައި ސަރުކާރުންފެށި ތަރައްޤީގެ 10 ވަނަ މަޝްރޫއެވެ.

މަގުހެދުމުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަޞީމް ވިދާޅުވީ، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އިސްކަން ދޭނީ ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށްކަމަށާއި، އެކަމުގައި ކުޑަ އާބާދީއެއް ބޮޑުއާބާދީއެއް ތަފާތު ނުކުރާނެކަމަށެވެ. ހޯރަފުށީގައި މި ފެށުނީވެސް ރަށްޔިތުންނަށް އެހާމެ ބޭނުންވެފައިވާ ބޮޑު މަޝްރޫޢެއްކަމަށާއި، އިސްކަންދެނީ ދަތިހާލުގައިވެސް ރައްޔިތުންނަށްވީ ވަޢުދުތައް ފުއްދުމައްކަމަށެވެ.

"ކޯވިޑްގެ ދަތިހާލަތުގައި، އިޤްތިސާދު ދަށަށްގޮސްފައިވާއިރުވެސް ސަރުކާރުން މިފަދަ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާނުލައި މިދަނީ ކުރިއަށް. ކިތަންމެ ދަތިވިނަމަވެސް ސަރުކާރުން ރައްޔިތުންގެ ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރުންމަތީ ދެމި ތިބޭނަން" ނާއިބު ރައީސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ޝާހިދު ޙުސައިން މޫސާ ވިދާޅުވީ، އެކުންފުނިން މަސައްކަތްކުރަނީ ސަރުކާރުން ހަވާލުކޮށްފައިވާ މަޝްރޫޢުތައް ވީހާވެސް އަވަހަށް ނިންމުމަށްކަމަށެވެ. އަދި ރައްޔިތުން އެކުންފުންޏަށްކުރާ އިތުބާރު ދެމެހެއްޓުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެމްޓީސީސީއަކީ ރައްޔިތުންނާއި ސަރުކާރުގެ އިތުބާރުލިބިފައިވާ ކުންފުންޏެއް ދެންވެސް އެގޮތުގައި ދެމިތިބުމަށް މުޅި އެމްޓީސީސީން މަސައްކަތްކުރާނެ. މިރަށާއި އަދި މިއަތޮޅުގައިވެސް އަޅުގަނޑުމެން މަޝްރޫޢުތައް އެބަހިންގަން. އެކަންކަންވެސް ހުއްޓުމެއްނެތިދަނީ ކުރިއަށް" އެމްޓީސީސީގެ ސީއީއޯ ވިދާޅުވިއެވެ.

71.9 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ ހޯރަފުށީ މަގުހެދުމުގެ މި މަޝްރޫޢުގެ ދަށުން، 5303 މީޓަރުގެ މަގު ތާރުއަޅައިގެން ތަރައްޤީކުރާއިރު، މި މަޝްރޫޢުގެ ދަށުން، 25,909 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ތައްޔާރު ކުރުމާއި، 25,909 އަކަ މީޓަރުގެ ސަރަޙައްދެއްގައި އޭބީސީ ފަށަލަ އެޅުމުގެ އިތުރުން 11,113.80 އަކަ މީޓަރުގެ ސަރަޙައްދެއްގައި ފުޓްޕާތް ހެދުމަށްވަނީ ހަމެޖެހިފައެވެ.

އަދި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުތަކުގައި ނިޝާން ހަރުކުރުމާއި، ސްޕީޑްބްރޭކަރު ހަރުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރުމަށްވަނީ ހަމަޖެހިފައެވެ.