ޚަބަރު

މެއި 6ގެ ހަމަލާއާ ގުޅޭ ބަޔާނެއް ނަޝީދު ފުލުހުންނަށް ދެއްވައިފި


މިއަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާއި ގުޅޭ ބަޔާނެއް ފުލުހުންނަށް ދެއްވައިފިއެވެ.

އަވަހާރަކޮށްލުމަށް ދިން ހަމަލާއަށްފަހު، ފަރުވާއަށް ބޭރުގައި ހުންނެވި ދުވަސްވަރު ރައީސް ނަޝީދު ވަނީ އެމަނިކުފާނު ދެއްވަން އޮތް ބަޔާނަކީވެސް އަދި ވިދާޅުވާން އޮތް ބަހަކީވެސް އެމަނިކުފާނުގެ ޖާނާއި، ހިތާމޭ ކަމުގައި ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދު އިނގިރޭސިވިލާތުގައި ހުންނެވިއިރު، ޕީޖީ އޮފީހާއި ތަހުގީގީ އިދާރާތަކުގެ ވަފްދެއް އެ ގައުމަށް ވަޑައިގެން އެމަނިކުފާނުގެ ބަޔާން ނަގަން މަޝްވަރާ ކުރެވުނެވެ. ނަމަވެސް އެމަނިކުފާނު މިއަދު ފުލުހުންނަށް ލިޔުމުން ބަޔާނެއް ދެއްވާފައިވާ ކަމަށް ރައީސް ނަޝީދުގެ ޤާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ވަކީލް އަދި އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް ޞައްތާރު ވިދާޅުވިއެވެ.

ރައީސް ނަޝީދު ބަޔާން ދެއްވިއިރު އެމަނިކުފާނު މިވަގުތު ހުންނެވީ ކޮޕް26 ސަމިޓަށް ވަޑައިގެންނެވި ގޮތަށް އިނގިރޭސިވިލާތުގައެވެ.

މޭއި 6 ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނިކުމެވަޑައިގެން ހިންގަވާފައި މަޖީދީމަގުގައި ޕާކުކޮށްފައިއޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލައިގެން ދިން ޙަމަލާގައި އެމަނިކުފާނަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންފައެވެ. އެމަނިކުފާނަށް އެންމެ ފުރަތަމަ ފަރުވާދެއްވި އޭޑީކޭގެ ސްޕެޝަލިސްޓުންގެ ޓީމުންވެސް ވަނީ އެކަން ހާމަކުރައްވާފައެވެ.

މިދިޔަ މެއި މަހުގެ 6ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ތައްޔާރުކުރި އިންކުއަރީ ރިޕޯޓުގައިވާ ކަންކަމަށް ބަލައި އަވަސް ފިޔަވަޅު ނާޅައިފިނަމަ ދިވެހި ރައްޔިތުންނަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަަމަލާގެ ތަހުޤީޤުގައި ދެން އަމާޒުކުރާނީ މިކަމަށް ފައިސާ ޚަރަދުކޮށްފައިވާ ގޮތް ބެލުމަށް ކަމަށް، ޙަމަލާގެ ތަޙުޤީޤު ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި ޚާއްސަ މަންދޫބު، އައްބާސް ފާއިޒްވަނީ ވިދާޅުވެފައެވެ.