ޚަބަރު

މާފަންނު އާޓިފިޝަލް ބީޗް ޖެނުއަރީމަހު ބޭނުންކުރަން ފެށޭނެ


މާލޭގެ ހުޅަނގު ފަރާތުގައި ހައްދަވާ އާޓިފިޝަލް ބީޗް ޖެނުއަރީމަހުގެ މެދެއްހާ ހިސާބުގައި ހުޅުއްވައި، ޢާއްމުންނަށް ބޭނުންނުކުރަން ފެށޭނެކަމަށް ހައުސިންގް
މިނިސްޓަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.



މިހާރު ހަދަމުންދާ އާ އާޓިފިޝަލް ބީޗްގެ މަސައްކަތް
ކުރިއަށްދާ ގޮތާބެހޭ ތަފްޞީލް ދެއްވަމުން މިނިސްޓަރ މުޢިއްޒު ވިދާޅުވީ، މާފާންނުގައި
ހައްދަވާ އާރޓިފިޝަލް ބީޗްގެ މަސައްކަތް މުޅިން ނިމޭއިރު، ދުރުން ފެންނާނީ ރާއްޖޭގެ
ހިތްގައިމު ރަށެއްގެ މަލަމަތި ސިފަވާގޮތަށްކަމަށެވެ. އެ ތާނގައި ގިނަ އަދަދެއްގެ ރުކާއި އިތުރު ގަސްތައް އިންދެވުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެކަމަށް މިނިސްޓަރ
ވިދާޅުވިއެވެ.



އާޓިފިޝަލް ބީޗު ސަރަޙައްދުގެ ބޮޑު ބައެއް މިހާރު ވަނީ
ނިންމާފައެވެ. މިވަގުތު އެންމެ ބާރަށް ކުރިއަށް ގެންދަވާ އެއް ކަމަކީ މޫދަށް އެރޭނެ ތަން
ހެެއްދެވުމުގެ މަސައްކަތެވެ. އެގޮތުން ތަނުގެ ވަށައިގެން ބޮޑު ހިލަޖެހުމުގެ މަސައްކަތް ކުރައްވަމުން
އެބަގެންދަވައެވެ. ބީޗެއްގެ ސިފަ ގެންނަވަން އެތަނަށް ވެލިއެޅުއްވުމުގެ މަސައްކަތްވެސް
މިހާރު ކުރިއަށް އެބަގެންދަވައެވެ.

 މާލޭގެ މަލަމަތި މުޅިން ބަދަލުކޮށްލާނެކަމަށް
ބެލެވޭ މި އާޓިފިޝަލް ބީޗް ސަރަޙައްދުގައި ދެކޮޅުގައި މަސް ބާނަން ޚާއްޞަ ތަނެއް ހެއްދެވުމުގެ
މަސައްކަތް ވެސް މިހާރު ކުރިއަށް އެބަގެންދަވައެވެ. އަދި ބާބަކިއު ހެދޭ ގޮތަށް ހަތަރު
ތަނެއް ހުންނާނެއެވެ. 

މީގެ އިތުރުން ބީޗް ސަރަޙައްދުގެ މެދުގައި ޕެވިލިއަނެއް ހެދިގެންދާނެއެވެ.
އެ ޕެވިލިއަންގައި ފެންވަރާ ތަނަކާއި ފާޚާނާއާއި ކުޑަކުދިން ބަލަހައްޓަން ޚާއްޞަ ތަނެއް
ހުންނާނެއެވެ. އަދި ކެފޭއަކާއި ރެސްޓޯރަންޓެއް ވެސް ހުންނާނެއެވެ. ބީޗް
ހުޅުއްވާއިރު، ބީޗުގެ ހުރިހާ ބައިތައް ނުނިންމެވުނުނަމަވެސް އަންނަ އަހަރުގެ މެއިމަހުގެ
ތެރޭގައި ހުރިހާ ބައިތަކެއް ނިންމޭނެކަމަށް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.



މި އާޓިފިޝަލް ބީޗްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
ދާއިރު ތަން ނިމޭއިރު އޮންނާނެ ގޮތް އަދި ތަޞައްވުރެއް ނުކުރެވެއެވެ. ކޮންމެ
ދުވަހަކު ކަހަލަގޮތަކަށް އެތަނުގެ މަލަމަތި ފެންނަމުންދަނީ ތަފާތުގޮތަކަށެވެ.