ޚަބަރު

"ގްރޭޑް 10 ނިމުމުން ކިޔެވުން ނިންމާނުލާ، ކަތި ފިޔަވަޅަކުން ގެއްލޭނީ މުސްތަޤްބަލް"


ގްރޭޑް 10 ނިންމުމުން ކިޔެނުން ނިންމާ ނުލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދަރިވަރުންނަށް އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ 2019ވަނަ އަހަރުގެ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ސާނަވީ އިމްތިހާނު ނިންމައި މަތީ ސާނަވީ އިމްތިހާނާ ކުރިމަތިލާ ކުދިންގެ ޢަދަދު މަދުވެފައިވާކަމަށެވެ. ފާއިތުވި 5 އަހަރު ތެރޭގައި ކޮންމެ އަހަރަކު އެވްރެޖުކޮށް 5600 ދަރިވަރުން ސާނަވީ އިމްތިާން ނިންމާކަމަށާ، އޭގެ ތެރެއިން މަތީސާނަވިއަށް ވަންނަނީ އަހަރަކު އެވްރެޖުކޮށް 2040 ކުދިންކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ސާނަވީ އިމްތިޙާން ހަދާ ކުދިންގެ %35ކަމަށް ރައީސް ވިދާޅުވިއެވެ.

"މީގެ މާނައަކީ ގާތްގަނޑަކަށް %64 ކުދިން މަތީ ސާނަވީ އިމްތިހާން ހަދާކަށް ބޭނުން ނުވާކަން. މިއީ ކިހިނެއްވެގެން ކޮންސަބަބަކާހުރެ ކުރިމަތިވާ ކަމެއްތޯ ބަލަންޖެހޭކަމަށް އަޅުގަނޑު ދެކެން. ދައުލަތުގެ މުއައްސަސާތަކުންވެސް އަދި ބެލެނިވެރިންވެސް ދަރިވަރުންނަށް ހިތްވަރުދޭންވީ މަތީ ސާނަވީ ފުރިހަމަކުރަން. ގްރޭޑް 10 ނިމުނީމާ ކިޔަވާ ނިމުނީކަމަށް ޤަބޫލުކުރެވޭނަމަ އެ ވިސްނުން އަވަހަށް ސިކުނޑިން ފުހެލުމަށް އަޅުގަނޑު އިލްތިމާސްކުރަން." ރައީސް ވިދާޅުވިއެވެ.

އެފަދަ ކަތި ފިޔަވަޅަކުން ގެއްލިގެންދާނީ އެކުއްޖެއްގެ މުސަތަގްބަލް އެކަނި ނޫންކަމަށާ، އެއީ މުޅި ޤައުމަށް ލިބޭ ގެއްލުމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ. އެންމެ ކުއްޖަކުވެސް ތަޢުލީމީ ހަޔާތް ފުރިހަމަނުކޮށް ދޫކޮށްލުމަކީ ޤައުމަށް ގެއްލޭނެ ވަރަށްއަގުބޮޑު ރައުސުލްމާލެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެއީ ޤައުމު ކުރިއެރުވުމަށާއި، ޤައުމު ބިނާކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޤައުމަކީ އޭގެ ޒާތުގައި އަމިއްލައަށް ކުރިއަރައިދާ ތަނެއް ނޫންކަމަށާއި، ޤައުމު ތަރައްޤީވަނީ ޤައުމުގައި އުޅޭ މީހުން ތަރައްޤީވެގެންކަމަށެވެ. ޤައުމު ކުރިއަރަނީ ތިމާ ހުރި ހާލަތުން އެއަށްވުރެ ރަނގަޅު ހާލަތަކަށް ބަދަލުވުމުގެ ވިސްނުން ޤައުމުގެ ދަރީންގެ ސިކުނޑީގައި އުފެދި އެ ޢަޒުމުގައި އެކަމަށް މަސައްކަތްކޮށްގެންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ތިޔަކުދިންނަށްވެސް އެނގޭނެ ވަރަށް ދަތި އުނދަގުލުގެ ތެރޭގާ އަޅުގަނޑުމެން ދޮޅު އަހަރެއްހާ ދުވަސް ހޭދަކޮށްފިން. ތިކުދިންގެ އެއް އަހަރެއްހާ ދުވަހުގެ ކިޔެވުން ދޮޅު އަހަރެއްހާ ދުވަހަށް ދެމިގެން ދިޔައީ. ކޯވިޑްގެ ދަތިކަމުގެ ތެރޭގައި ތިކުދިން އޮންލައިން ކޯސްތައް ނަންގަވައިދެއްވި ޓީޗަރުންގެ އަގު އަޅުގަނޑުމެން އަބަދުވެސް ވަޒަންކުރަން ޖެހޭނެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސްކޫލަށް ހާޒިރުވެގެންވެސް ޓީޗަރުން ކުރެއްވީ ވަަރަށް މުހިންމު ޤައުމީ މަސައްކަތެއް." ރައީސް ވިދާޅުވިއެވެ.

ކޯވިޑް-19ގެ ދަތިތައް އަދިވެސް ފިލައިގެން ނުދާކަން ތަކުރާރުކުރައްވަމުން ރައީސް ވިދާޅުވިީ، ހިތްވަރާއެކު މަސައްކަތްކުރައްވަނީ އެ ދަތިތަކުން އަރައިގަނެ ޤައުމު ބިނާކުރެވޭތޯކަމަށެވެ. ހަމަ އެއަޒުމުގައި ދުނިޔޭގެ މިސްރާބުވެސް މިހާރު ހުރީ ވަރަށްބޮޑެތި ބަދަލުތަކާ ދިމާއަށްކަމަށާ، އެއީ މިއިން ޒަމާނަކުވެސް ދުނިޔެ ނުދެކޭ ޒަމާނީ ޓެކްނޮލޮޖީގެ ބަދަލުތަކެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން ސާނަވީ އިމްތިހާނު ނިންމި ދަރިވަރުގެ ވިސްނުންވެސް ދުނިޔެއަށް އަންނަ ބަދަލުތަކާއި ދިމާއަށް އަމާޒުކުރުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ. އެގޮތުން މާދަމާ ކުރާނެ މަސައްކަތަކާ ދޭތެރޭ ފިކުރު ހިންގުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

"ވަކި ދާއިރާއަކުން ކުރިއަށްދާން ކުދިންނަށް މަޖުބޫރު ކުރުމަކީ، ބައެއްފަހަރަށް ވަރަށް ހިތި ނަތީޖާވެސް ނުކުމެދާނެ ކަމެއް. އެ ކުއްޖަކު ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިޔުމުގެ ފުރުޞަތު ފަހިކޮށްދިނުމުން، ހާޞިލްކުރެވޭ ނަތީޖާ މާ ރަނގަޅުވާނެ. އެ ކުއްޖާއާއި ޢާއިލާއަށް ލިބޭ އުފާވެރިކަންވެސް މާބޮޑުވާނެ." ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ތަޢުލީމީ ސިޔާސަތަކީ، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މީހުން ބިނާކުރުމާއި، ދަރިވަރުންނަށް ފާގަތި މުސްތަޤްބަލެއް ހޯދައިދިނުންކަން ފާހަގަކުރައްވައި ފާއިތުވި 3 އަހަރުގެ ތެރޭގައި، ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނެވިއްޖެކަމަށް ރައީސް ވިދާޅުވިއެވެ. ތަޢުލީމީ ދާއިރާއަށް ޚާއްޞަކޮށްގެން، ޔުނެސްކޯގެ އެހީގައި އެކުލަވައިލި އައި.ސީ.ޓީ. މާސްޓަރ ޕްލޭންވެސް މިހާރު ނިމިފައިވާކަމަށާ، އަންނަ ޖެނުއަރީ މަހުންފެށިގެން އެ މާސްޓަރ ޕްލޭނަށް ޢަމަލުކުރަން ފެށޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަހަރުގެ ދެވަނަ ޓާމުގައި ތެރޭގައި ސެޓެލައިޓް ސްކޫލް މަފްހޫމުގެ ދަށުން ކިޔަވައިދޭން ފެށޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. މިއާއެކު ސްކޫލްގައި ކިޔަވާ ޢުމުރުގެ ކުދިން މަދުވުމުން، ސްކޫލް ނެތް ތިން ރަށްކަމަށްވާ، ބ. އަތޮޅު ފެހެންދުއާއި، ވ. ތިނަދުއާއި، އެ އަތޮޅު ރަކީދޫގެ ދަރިވަރުން، ކިޔެވުމަށްޓަކައި ފެރީއެއްގައި އެހެން ރަށަކަށް ދިޔުމަށްޓަކައި އުފުލަންޖެހޭ ބުރަ ފިލައިގެންދާނެއެވެ. އެ ތިން ރަށުގެ ދަރިވަރުންނަށް ކިޔަވައިދޭނީ، މާލޭގެ ހުރަވީ ސްކޫލްގައި ޤާއިމުކޮށްފައި ހުންނަ ސެޓެލައިޓް ހަބްގައި ތިއްބަވާ ޓީޗަރުންކަމަށް ރައީސް ވިދާޅުވިއެވެ.

މި ބަދަލު ތަޢުލީމީ ދާއިރާއަށް ގެނައުމުގެ ބޭނުމަކީ، ޤައުމު ތަރައްޤީ ކުރާނެ މީހުން ބިނާކުރުމާއި ޢިލްމީ އަދި ޖިސްމާނީ ޤާބިލްކަން ދަރިންނަށް ހޯދައިދިނުންކަން ހާމަކުރައްވާ އެކަން ކާމިޔާބު ކުރެވޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.