ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައު އޯޕީޑީ އިމާރާތް ހަދަން އެމްޓީސީސީއަށް

ހދ.ޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައު އޯޕީޑީ އިމާރާތް ހެދުމުގެ މަސައްކަތްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ޙަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިއެއްބަސްވުމުގައި އެމިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލެވެ. އަދި އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޝަންސް އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ޙަވާލު ކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 20.2 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން 21 ކޮންސަލްޓޭޝަން ކޮޓަރި އާއި ކާޑިއެކް ސެންޓަރަކާއި ރިސެޕްޝަން އޭރިއަކާއި ވެއިޓިން އޭރިއާއެއް ހެދުމަށް ވަނީ ނިންމަފައެވެ.

އެމްޓީސީސީން މިހާރުވެސް އަންނަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ޖާގަ އިތުރުކުރުމަށް އައު އިމާރާތެއް އެޅުމުގެ މަސައްކަތްތައް ކުރައްވަމުންނެވެ. އަދި އެ މަސައްކަތް ނިންމައި އަންނަމަހު ބޭނުންކުރަން ވަނީ އަމާޒު ހިފާފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ސިއްޙީ ޚިދުމަތް ހޯދުމަށް އެތައް ބަޔަކު ބަރޯސާވާ ހޮސްޕިޓަލެކެވެ. ކުޅުދުއްފުށީ ސިޓީގެ އާބާދީ 10000އިން މަތީގައި އުޅޭއިރު، ހދ.އަތޮޅުގައި ދެން ހިމެނޭ 12 ރަށުގެ އާބާދީ 16000އިން މައްޗަށް އަރައެވެ. މީގެއިތުރުންވެސް ކައިރި އަތޮޅުތަކާއި އަދި ކޯވިޑް ޙާލަތާ ގުޅިގެން ދުރު އަތޮޅުތަކުންވެސް ކުޅުދުއްފުށީ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން އާދެއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި މިވަގުތު އެޑްމިޓްކޮށްގެން ފަރުވާދެވޭ ކެޕޭސިޓީއަކީ 36 އެނދެވެ. މީގެތެރޭގައި ޖެނެރަލް ވޯޑް 12 އެނދާއި ސަރޖިކަލް ވޯޑްގެ 8 އެނދާއި އެމަޖެންސީ ރޫމް އަދި އެންއައިސީޔޫގެ 12 އެނދު ހިމެނެއެވެ. ހޮސްޕިޓަލުން ޚިދުމަތް ހޯދާ މީހުންގެ ޢަދަދަށްބަލާއިރު، ނިސްބަތުން މިއީ ވަރަށް ކުޑަ އަދަދެކެވެ. ނަމަވެސް އާ އިމާރާތުގައި 36 އެންދުގެ ކެޕޭސިޓީ ހުންނައިރު އަލަށް ހަދާ އިމާރާތާއެކު މިހާރު ހޮސްޕިޓަލްގެ ބެޑް ކެޕޭސިޓީ ދެ ގުނައަށް އިތުރުވާނެއެވެ. އެއާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް ލުއިފަސޭހަ ވެގެންދާނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.