ޚަބަރު

ރާއްޖެއާއި ޓުވާލޫއާއި ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝަވަރާކުރައްވައިފި


ޓުވާލޫގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ކްލައިމެޓް ޗޭންޖް ސެވޭ ޕިނިއުއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރައްވާފައިވަނީ، ޓުވާލޫގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ކްލައިމެޓް ޗޭންޖް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.

މިއަދު މެންދުރުކުރި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޓުވާލޫގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ކްލައިމެޓް ޗޭންޖް އަށް މަރުޙަބާ ވިދާޅުވެ މިއަހަރު ގްލާސްގޯގައި ބޭއްވި ކޮޕް26 ސަމިޓުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ކަންތައްތަކާއި ގުޅޭގޮތުން، އަޑުއުފުލުމުގައި ޓުވާލޫ ސަރުކާރުން ކޮށްދެއްވާފައިވާ ގިނަގުނަ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޓުވާލޫގެ ކޯވިޑް-19ގެ ޙާލަތު އޮޅުންފިލުއްވައި، މޫސުމަށް އަންނަ ބަދަލުތަކާއި، ފަތުރުވެރިކަމާއި، މަސްވެރިކަން ފަދަ ތަފާތު މައުޟޫޢުތަކަށް މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޓުވާލޫގެ މިނިސްޓަރ ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިވެހި ސަރުކާރުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތަށް ތަޢުރީފުކުރައްވައި، ކޮޕް26 ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ އަދާކުރެއްވި މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ޓުވާލޫގެ މިނިސްޓަރ ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.