ޚަބަރު

ޔާމީން ރަޝީދު މަރުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައި، ޙުކުމް އަންނަމަހު


ބްލޮގަރ ޔާމީން ރަޝީދު މަރުގެ މައްސަލައިގެ ޝަރީއަތްތް ނިންމައި މަހެއްހާ ދުވަހުގެ ތެރޭގައި ޙުކުމް އިއްވާނެކަމަށް ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ ނިންމަވައިފިއެވެ.

ރަހުމްކުޑަ ގޮތަކަށް ތޫނު އެއްޗަކުން ހަމަލީ ބްލޮގަރ ޔާމީން ރަޝީދު މަރާލިތާ ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ޔާމީން ރަޝީދު މަރުގެ މައްސަލައިގެ ޝަރީއަތްތައް ވީހާވެސް އަވަހަކަށް ނިންމުމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީގުކުރާ ކޮމިޝަނުން މިދިޔަ އޭޕްރީލް މަހުގެތެރޭގައިވަނީ ގޮވާލާފައެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި މިއަދު ކްރިމިނަލް ކުރިއަށްދިޔައީ ދަޢުލަތުގެ ފަރާތުން އަދި ދަޢުވާ ރައްދުވާ ފަރާތުގެ ޚުލާސާ ބަޔާން އިއްވުމެވެ. މި ޝަރީއަތުގެ އަޑުއެހުމުގައި މައްސަ ބައްލަވާ ޤާޟީ ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން މައްސަލަ ކޮޅެއްގައި ޖައްސަން ކުރިއަށްއޮތް 30 ދުވަހުގެ ތެރޭގައި ޙުކުމާހަމައަށް ދެވޭނެކަމަށެވެ.

2017ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23ވަނަ ދުވަހުގެ ރޭ ދަންވަރު ޔާމީން ރަޝީދު މަރާލާފައިވަނީ އޭނާ ދިރިއުޅުނު މ.ސްޕެޓިއުލާގޭގެ ސިޑިގޮޅި ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީގެންނެވެ. މި މައްސަލާގައި ދައުލަތުން ދަޢުވާ އުފުލާފައިވަނީ، ހ.އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ.އިރަސްމިކުގޭ އަޙްމަދު ޒިހާން އިސްމާއިލާއި، ގދ.ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ.ކުދެހިގޭ ހަސަން ޝިފާޒާއި، މ.ތާއިފް އިސްމާއިލް ރަޝީދާއި މ.ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. މި 6 މީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.


ދައުލަތުން ކޯޓުގައި ބުނެފައިވަނީ ޔާމީން ރަޝީދު މަރާލީ އޭނާއަކީ އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރާ މީހެއް ކަމަށް ދެކިގެންކަމަށާއި، އޭނާއަށް ހަމަލާ ދީފައިވަނީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ބައެއްކަމަށެވެ.

ޔާމީން ރަޝީދު ދިރިއުޅޭ ގޭގެ ސިޑި ގޮޅީގަ އޭނާގެ ގައިގެ 30 ތަނަކަށް ވަޅި ޖަހާ މަރާލީ ހައިޝަމާއި ޒިހާން ކަމަށާއި، އެވަގުތު އެގޭގެ ބޭރުގައި ފާރައަށް ހުރީ ދަޢުވާލިބޭ އިސްމާއިލް ރަޝީދު ކަމަށް ދައުލަތުން ވަނީ ޝާރީއަތުގައި ބުނެފައެވެ.

މިމައްސަލަ ރައްދުވާ 6 މީހުންގެ ފަރާތުން ވަކީލުންވަނީ ދައުވާގެ ބަރުދަނެއް ނެތް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވި ކަމަށް ބެލޭނީ އަމަލީ ގޮތުން އެކަމުގައި ބައިވެރިވުމުން ކަމަށްވާއިރު، އަމަލީ ގޮތުން ނޫން ގޮތަކަށް ބައިވެރިވެެއްޖެ ނަމަ، އެއީ އެހެން ކުށެއް ކަމަށް ޤާނޫނުގައިވާކަމް ބައެއް ވަކީލުންވަނީ ބުނެފައެވެ.

އަދި ޙައްދު ކަނޑައެޅޭ ކުށްތައް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާން ޖެހޭއިރު މި މައްސަލާގައި އެ މިންވަރަށް ހެކި ލިބިފައިނުވާކަންވެސް މިމައްސަލައިގައި ހިމެނޭ ބައެއް މީހުންގެ ވަކީލުންވަނީ ބުނެފައެވެ.


މި އަދުގެ އަޑުއެހުން ނިންމަވާލައްވޗަމުން މައްސަލަ ބައްލަވާ ޤާޟީ ވަނީ އަޑުއެހުންތައް ނިމުނުކަން ޢިއުލާންކުރައްވައި. މައްސަލަ ދިރާސާ ކުރެއްވުމަށަފަހު އަންނަ މަހު ޙުކުމްކުރަން މަސައްކަތްކުރާނެކަމަށް ވިދާޅުވެފައެވެ.