ވިޔަފާރި

ޕައިލޮޓޭޖް ޗާޖު ކުޑަކުރަން މަޝްވަރާކުރަން ތައްޔާރު: އެމްޕީއެލް


އެމްޕީއެލްއިން ނަގަމުން އަންނަ ޕައިލޮޓޭޖް ޗާޖު ސަރަހައްދީ ޤައުމުތަކަށް ވުރެ ކުޑަ ކަމަށާއި، މިހާތަނަށް އެކަމާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ލިބިފައިނުވާކަމަށް އެމްޕީއެލްއިން ބުނެފިއެވެ.

އެމްޕީއެލްއިން މިކަން ފާހަގަކޮށްފައިވަނީ ރާއްޖެއަށް މިހާތަނަށް ކޯވިޑުގެ ޢާލަމީ ވަބާގެ ފަހުން ކްރޫޒްލައިނާ އައުން ހުއްޓި އަދި މިހާތަނަށް ފަތުރުވެރިކަން ފެށިފައިވާއިރުވެސް، ކްރޫޒްލައިނާއެއް ނާންނަނީ އެމްޕީއެލްގެ ޕައިލޮޓޭޖް ފީ ބޮޑު ކަމުން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރުމާއިއެކުއެވެ.

އެމްޕީއެލްއިން ވިދާޅުވީ، ޕައިލޮޓޭޖް ފީއަށް ބަދަލު ގެނައީ ދާއިރާގައި ހަރަކާތްތެރިވާ މީހުންނާއި މަޝްވަރާތަކަށް ފަހު ކަމަށެވެ. އަދި މިބަދަލާއި މެދު މިހާތަނަށް ޝަކުވާއެއް ލިބިފައިނުވާކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ.

ކްރޫޒް ލައިނާތައް އަޅާފައިވާ ސަރަހައްދަށް ވައްދައި ނިކުމެވޭނީ އެމްޕީއެލްގެ ޕައިލެޓުން އެ ކްރޫޒްލައިނާ ނުވަތަ ބޯޓަކަށް އަރައެވެ. މި ޙިދުމަތަށް ޕައިލޮޓޭޖް ފީ އެއް ނަގައެވެ. މި ފީއަށް މިދިޔަ ޑިސެމްބަރުމަހު ބަދަލު ގެނެސްފައިވާއިރު، ކްރޫޒް ލައިނާތައް ރާއްޖެ ނާންނަނީ މި ފީ ބޮޑުވެގެން ކަމަށް ރާއްޖޭގެ ބައެއް ޝިޕިން ކުންފުނިތަކާއި ހަވާލާދީ ބައެއް މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވެއެވެ.

އެމްޕީއެލްއިން ބުނެފައިވަނީ ކުރީގައި އެމްޕީއެލްއިން ނަގަމުން އައި ވަރަށް ކުރިން ކަނޑައަޅާފައިވާ ޓެރިފް ރޭޓުތަކަށް ކަމަށެވެ. ނަމަވެސް މިހާރު ބޯޓުތަށް ޓަނޭޖުން ގިންތިކޮށް ޓެރިފް ރޭޓަށް އެ ނިސްބަތުން ބަދަލު ގެނައުމުން މިހާރު ޙިދުމަތްތަކުގެ ރޭޓުވެސް އެގޮތަށް ބަދަލުވެފައިވާ ކަމަށެވެ.

މިއާއިއެކު މިހާތަނަށް ޝަކުވާއެއް ލިބިފައި ނެތަސް، މިކަމާއި ގުޅޭ ގޮތުން ދައިރާގެ ފަރާތްތަކާއި މަޝްވަރާތަށް ފަށާފައިވާކަމަށާއި، އަދި މިކަމާ ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ އެކަން ބެލުމަށް އެމްޕީއެލް ތައްޔާރަށް އޮތްކަމަށް އެކުންފުނިން ބުނެއެވެ.