ވިޔަފާރި

އެންމެ ބާރަށް ކުރިއަރަމުންދާ އިޤްތިސާދުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ: އަމީރު


ކޯވިޑަށްފަހު އެންމެ ބާރަށް ކުރިއަރަމުންދާ އިޤްތިސާދުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް ފިނޭންސް މިނިސްޓަރ އިބްރާޙީމް އަމީރު ވިދާޅުވެއްޖެއެވެ.

ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މާލީ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކާއި ކުރިއަށް ރޭވިފައިވާ ކަންކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ އައިއެމްއެފްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދުނިޔޭގެ 4 ވަނައަށް އެންމެ އަވަހަށް ކުރިއަރާނެ އިޤްތިސާދަކީ ރާއްޖެ ކަމަށެެވެ. އަދި ފިނޭންސް މިނިސްޓްރީން ލަފާކުރާގޮތުން 2 ވަނައަށް އެންމެ ބާރަށް ކުރިއަރާނެ އިޤްސާދަކީ ރާއްޖެކަމަށްވެސް ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

"އައިއެމްއެފްގެ ވޯލްޑް އިކޮނޮމިކް އައުޓުލުކުއިން އަޅުގަނޑުމެން ބަލާލާއިރު، އެބޭފުޅުންގެ އަންދާޒާއަކީ، ދުނިޔޭގެ 4ވަނައަށް އެންމެ އަވަހަށް ކުރިއަރާނެ އިޤްތިސާދަކީ ރާއްޖެ، އަޅުގަނޑުމެންގެ އަންދާޒާއަކީ 32 ޕަސަންޓާއެކު 2 ވަނައަށް އެންމެ ބާރަށް ކުރިއަރާނެ އިޤްތިސާދަކީ ރާއްޖެކަމަށް" ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެއިން މިފަދަ ކުރިއެރުމެއް ހޯދުމަށް މަގުފަހިވެގެންދިޔައީ ސަރުކާރުން ކޯވިޑާއި ދެކޮޅަށް އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން ރައްޔިތުންނާއި ވިޔަފާރިތަކަށް އެހީވުމަށް ކުރި މަސައްކަތްތަކުގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

"އިންކަމް ސަޕޯޓް އެލްވަންސްދީ، ވިޔަފާރިތަކަށް އެހީވެ، ޑެބް މޮރެޓޭރިއަމްސްދީ، އިލެކްޓްރިސިޓީ އަދި ވޯޓާ ބިލް އަށް ޑިސްކައުންޓުދީ، މި ހުރިހާ މަސައްކަތެއް ކުރެވި، ސިއްހީ ފަރާތްތަކާއި އެކު ކުރެވުނު މަސައްކަތްތަށް ކުރެވުނީމަ މިއަދު މި ހާލަތުގައި މިތިބީ،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވަނީ އަވަށްޓެރި އެހެން ޤައުމުތަކުގެ އިޤްތިސާދީ ހާލަތް ރާއްޖެއާއި އަޅާ ބަލާއިރު ރަނގަޅު ނޫންކަން ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ އިޤްތިސާދީގޮތުން ކުރިމަތިވި ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ދަރަންޏަށް ފައިސާ ނަގަން ޖެހުނު ކަމަށާއި، އެހެންނަމަވެސް އެފަދަ ހާލަތެއްގައިވެސް ރާއްޖޭގެ ދަރަނީގެ މިންވަރު ކުރީ ސަރުކާރަށްވުރެ މަދުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.