ދުނިޔެ

ވިލާތަށް މިއަހަރު އެއް މިލިއަން ރެފިޖުއީން ހިޖުރަކުރި!


މެދު އިރުމަތީގެ ގައުމުތައް ކަމަށްވާ ސޫރިޔާއާ ޔަމަނުގައި ހިނގަމުންދާ ހަނގުރާމައާއި އަފްޣާނިސްތާނުގެ ދުވަސްވީ ހަނގުރާމައިގެ އިތުރުން އެފްރިކާ ބައްރުގެ އެކިއެކި ގައުމުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އެގައުމުން އެހެން ގައުމުތަކަށް ހިޖުރަކުރާ މީހުން މިއަހަރުގެ ތެރޭގައި ވަނީ އާދިޔާ ޚިލާފަށް އިތުރުވެފައެވެ.ޙާއްސަކޮށް ވިލާތުގެ ގައުމުތަކަށް ހިޖުރަކުރާ މީހުންގެ އަދަދު މިއަހަރުގެ ތެރޭގައި ވަރަށް ބޮޑުތަން އިތުރުވެފައިވާކަން އެގައުމުތަކުން ދަނީ ފާހަގަކުރަމުންނެވެ. އަހަރު ނިމެން ދާއިރު، 2015 ވަނަ އަހަރު ވިލާތަށް 1 މިލިއަން މީހުން ހިޖުރަކޮށްފައިވާކަމަށް ހިޖުރަކުރުމާއި ބެހޭ ބައިނަލްއަޤްވާމީ ޖަމާޢަތާއި، އަދި ރެފިއުޖީންނާ ބެހޭ އދ. ގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވިލާތުގެ 6 ގައުމަކަށް ރެފިއުޖީން ހިޖުރަކޮށްފައިވާކަމަށާއި އެންމެ ގިނަ ރެފިއުޖީން ހިޖުރަކޮށްފައިވަނީ ގްރީސްއަށް ކަމަށް އެދެ ޖާމާޢަތުން ބުނެއެވެ.މިގޮތުން މިއަހަރުގެ ތެރޭގައި 8 ލައްކައަށް ވުރެ ގިނަ ރެފިއުޖީން ގްރީސްއަށް ވަދެފައިވެއެވެ. ގްރީސްގެ އިތުރުން، ބަލްގޭރިޔާ، ސައިޕްރަސް، ސްޕެއިން، އިޓަލީވިލާތް އަދި މޯލްޓާއަށް ވެސް ރެފިއުޖީން ހިޖުރަކުރިއިރު، މީގެ ތެރެއިން 49 އިންސައްތަ މީހުންނަކީ ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިން ސަލާމަތްވުމަށް ހިޖުރަކުރި މީހުން ކަމަށް އދ. ގެ ރެފިއުޖީންނާއި ބެހޭ އިދާރާއިން ބުނެއެވެ. ހިޖުރަކުރި މީހުންގެ 20 އިންސައްތަ މީހުންނަކީ އަފްޣާނިސްތާނުގެ މީހުން ގޮތުގައި ކަނޑައަޅާފައިވާއިރު، އިރާޤުން ވިލާތަށް ހިޖުރަކުރި މީހުންގެ ނިސްބަތް 8 އިންސައްތައަށް އަރައެވެ.ވިލާތަށް ހިޖުރަކުރުމުގައި 3600 މީހުން މަރުވެފައި، ނުވަތަ ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށާއި މީގެ ތެރޭގައި ކަނޑުމަތީގައި ހިނގި އެކްސިޑެންޓްތަކުގައި މަރުވި މީހުންގެ އަދަދު 422 ށް އަރާކަމަށް ހިޖުރަކުރުމާއި ބެހޭ ބައިނަލްއަޤްވާމީ އިދާރާއިން ބުނެއެވެ. އަދި ކުރިއަށް އޮތް 2016 ވަނަ އަހަރު ވިލާތަށް ރެފިއުޖީން ހިޖުރަ ކުރާ މިންވަރަށް ބަދަލެއް އަންނާނެ ކަމަށް ނުފެންނަ ކަމަށް ވެސް އެޖަމާޢަތުން ދެކެއެވެ. ހިޖުރަކުރުމާއި ބެހޭ ބައިނަލްއަޤްވާމީ ޖަމާޢަތުން ބުނެފައިވަނީ ކުރިއަށް އޮތް އަހަރު ސޫރިޔާގެ ދާޚިލީ ހަނގުރާމައަށް ސުލްޙަވެރި ހައްލެއް އައިސް، އަވަށްޓެރި ގައުމުތަކަށް ރެފިއުޖީން ބެލޭނެ ޤާބިލްކަން ލިބޭނެ ފަދަ ހައްލެއް، ވިލާތުން ހޯދައިފިނަމަ ވިލާތަށް ރެފިއުޖީން ދާ މިންވަރު ދަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.