ކުޅިވަރު

އާޖެންޓީނާ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ


އާޖެންޓީނާ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެއެވެ. އާޖެންޓީނާ ވޯލްޑްކަޕްއަށް ކޮލިފައިވީ ރޭ ބްރެޒިލް އާއި ކުޅުނު މެޗް 0-0ކުން އެއްވަރުވެ، އެކުއެޑޯއިން ޗިލީ ބަލިކުރުމުން އާޖެންޓީނާއަށް ވޯލްޑްކަޕުން ޖާގައެއް ކަށަވަރުވިއެވެ.

އާޖެންޓީނާއަކީ ދެކުނު އެމެރިކާއިން ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކުރި ދެ ވަނަ ޓީމެވެ. ސަރައްހަދުން އެންމެ ފުރަތަމަ ވޯލްޑް ކަޕުން ޖާގައެއް ހޯދީ ބްރެޒިލްއެވެ. ދެކުނު އެމެރިކާގެ ކޮލިފައިން ތާވަލަށް ބަލާއިރު، މެޗަކުން ބަލިނުވެ އެންމެ ކުރީގައި އޮތީ ބްރެޒިލެވެ. ބްރެޒިލަށް ވަނީ 13 މެޗުން 35 ޕޮއިންޓް ލިބިފައެވެ. އާޖެންޓީނާ ވެސް އަދި މެޗަކުން ބަލިނުވެއެވެ. އާޖެންޓީނާއަށް 13 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ. ތާވަލްގެ ތިން ވަނައިގައި އޮތް އެކުއެޑޯއަށް 14 މެޗުން 23 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ކޮލަމްބިއާއަށް 14 މެޗުން 17 ޕޮއިންޓް ލިބިފައިވެއެވެ. ދެކުނު އެމެރިކާ ސަރައްހައްދުން ވޯލްޑް ކަޕަށް ސީދާ ކޮލިފައިވަނީ 4 ޓީމެވެ. ފަސްވަނަ ޓީމް ޖެހޭނީ ޕްލޭއޯފް ކުޅޭށެވެ. ކޮލިފައިންގައި ބާކީ މިހާރު ކޮންމެ ޓީމަކަށްވެސް އޮތީ 4 މެޗެވެ.

މިމެޗަށް ބްރެޒިލް ނިކުމެފައިވަނީ އެޓީމުގެ ތަރި ނޭމާއާއި ނުލައެވެ. ދެ ޓީމަށްވެސް މިމެޗްގައި ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތު ލިބިގެންދިޔައެވެ. ނަމަވެސް އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.