ކުޅިވަރު

މެޗަކުން މޮޅުނުވެ ރާއްޖެ ލަންކާ މުބާރާތުން ކަޓައިފި


މެޗަކުން މޮޅުނުވެ ރާއްޖެ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕުން ކަޓައިފިއެވެ. ލީގް ބުރުގައި ރާއްޖެއިން ކުޅުނު ފަހު މެޗްގައި މިއަދު ވާދަކޮށްފައިވަނީ ސީޝެލްސްއާއެވެ. މިމެޗުން މޮޅުވެގެން ރާއްޖެއަށް ފައިނަލަށް ދިއުމުގެ ފުރުސަތު އޮތްއިރު، ސީޝެލްސްއަށް މެޗް އެއްވަރުކޮށްލައިވެގެންވެސް ފައިނަލަށް ދިއުމުގެ ފުރުސަތު އޮތެވެ. މިއާއެކު މެޗް އެއްވަރުވުމާއި ގުޅިގެން މިމުބާރާތުގެ ފައިނަލުން ސީޝެލްސްވަނީ ޖާގަ ހޯދާފައެވެ.

މިމުބާރާތުގައި ރާއްޖެއިން ތިން މެޗް ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި ލަންކާ އާއި ވާދަކުރި މެޗް ނިމިފައިވަނީ 4 ލަނޑު 4 ލަނޑުން އެއްވަރުވެގެންނެވެ. މިމެޗްގައި ލަންކާއިން 4 ލަނޑު ޖަހާފައިވަނިކޮށް ލަންކާއިންވަނީ ފަހަތުން އަރާ 4 ލަނޑު ޖަހައި މެޗު އެއްވަރުކޮށްފައެވެ. ދެވަނަ މެޗްގައި ބަންގްލަދޭޝުންވަނީ ރާއްޖޭގެ މައްޗަށް 2 ލަނޑު 1 ލަނޑުން ކުރި ހޯދާފައެވެ. މިއީ 18 އަހަރު ފަހުން ބަންގްލަދޭޝްއިން ރާއްޖޭގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރުއެވެ. ރާއްޖޭގެ ފަހު މެޗްގައި ސީޝެލްސްއިން ވަނީ 0-0 ކުން އެއްވަރުކޮށްފައެވެ.

މިމެޗަށް ރާއްޖެއިން ނިކުމެފައިވަނީ އާންމުކޮށް ރާއްޖެއިން ނެރޭ ފުރަތަމަ 11އަށް ބޮޑު ބަދަލްތަކެއް ގެނެސްގެންނެވެ. ވާރޭގެ ތެރޭގައި ކުޅުނު މިމެޗްގެ ސަބަބުން ދެ ޓީމަށްވެސް މާރަނގަޅު ކުޅުމެއް ދެއްކޭގޮތް ވަނީ ނުވެފައެވެ. މެޗްގެ 12ވަނަ މިނެޓްގައި ހަސަން ރާއިފް (ހަންނަ)އަށް ސީޝެލްސްގެ ކުޅުންތެރިން އޭރިޔާގެ ތެރެއިން ފައުލް ކުރިނަމަވެސް، ރެފްރީވަނީ އެއީ ޕެނަލްޓީއެއް ދޭވަރުގެ ފައުލްއެއް ނޫންކަމަށް ނިންމާފައެވެ. މެޗްގައި ދަނޑުގެ ހާލަތަކާއި ގުޅިގެން ބޯޅަ ތިރިކޮށްގެން ކުޅުމަށް ދެ ޓީމަށްވެސް އުދަގޫތަކާއި ކުރިމަތިވިއިރު ސީޝެލްސްގެ ޖީން ޔެވްސް ޕެރީ ރާއްޖޭގެ ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. މެޗްގެ 34 މިނެޓްގައި ރާއްޖޭގެ ހުސެއިން ނިހާނަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭގޮތެއް ނުވިއެވެ.

މެޗްގައި ރާއްޖެއިން ދެވަނަ ހާފްގައި ނިކުތީ ބަދަލްތަކަކާއެކުއެވެ. ދެވަނަ ހާފްގެ ވަރަށް ކުރީކޮޅުގައި ރާއްޖެއަށް ލިބުނު ހިލޭ ޖެހުން މުޙައްމަދު އުމެއިރު ފޮނުވާލި ނަމަވެސް، އެބޯޅަވަނީ ސީޝެލްސްގެ ކީޕަރު މަތަކޮށްފައެވެ. މެޗުގެ 55ވަނަ މިނެޓްގައި އަސަދުﷲ އަބްދުﷲއަށްވެސް ގޯލްއެއް ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ކީޕަރުގެ އަތުގައި ޖެހިފައި ނިކުތް ބޯޅަ އަސަދުﷲ ފޮނުވާލި ނަމަވެސް، އެބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ.

މެޗުގެ ދެވަނަ ހާފްގެ 75ވަނަ މިނެޓްގައި ރާއްޖޭގެ ހައިޝަމް ހަސަންއަށް ކުރި ފައުލްއަކާއި ގުޅިގެން ރެފްރީވަނީ ސީޝެލްސްގެ ޖުނީނިއޯ މެތިއަޓަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މެޗްގެ ދެވަނަ ހާފްގައި އަލީ އަޝްފާގްވަނީ ކުޅެން އަރުވާފައެވެ. އަޝްފާގަކަށްވެސް ދަނޑުގެ ހާލަތުގެ ސަބަބުން މާރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މެޗްގެ އެންމެ ފަހުކޮޅުގައި ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަސްއަދު އަލީ ވަނީ ބޯޅަ ނެތީސް ސީޝެލްސްގެ ކުޅުންތެރިއަކަށް ފައުލް ކުރުމާއި ގުޅިގެން، ސީދާ ރަތް ކާޑެއް ދައްކާފައެވެ. މެޗް ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.