ކުޅިވަރު

އިންގްލަންޑާއި ސްވިޓްޒަލެންޑު ކޮލިފައިވެ، ސްކޮޓްލެންޑް ޕްލޭއޮފަށް


މިއަންނަ އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވާރލްޑް ކަޕުން އިންގްލަންޑް ޖާގަހޯދައިފިއެވެ. މިމުބާރާތަށް އިންގްލަންޑް ކޮލިފައިވީ ވާރލްޑް ކަޕް ކޮލިފައިންގ ޔޫރަޕް ސަރަހައްދުގެ ގްރޫޕް އައިގައި ސެން މަރީނޯ އާއި ބައްދަލުކުރިމެޗް ފަސޭހަ ކަމާއެކު ކާމިޔާބުކޮށްގެންނެވެ.

ސެން މަރީނޯގައި ކުޅުނު މިމެޗް އިންގްލަންޑް ކާމިޔާބުކުރީ 10 ލަނޑު ސުންލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ 1964 ވަނަ އަހަރަށް ފަހު އިންގްލަންޑުން މެޗެއްގައި 10 ލަނޑު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މިމެޗްގައި އިންލަންޑްގެ ކެޕްޓަން ހެރީ ކޭން ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 6 ވަނަ މިނެޓްގައި ހެރީ މެގުއަރ ކާމިޔާބުކޮށްދިން އިރު އެޓީމްގެ ދެވަނަ ލަނޑަކީ ސެން މަރީނޯގެ ފިލީޕޯ ފެބްރީއަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިމެޗްގައި އިންގްލަންޑްގެ ތިންވަނަ ލަނޑު މެޗްގެ 27 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކޭން ކާމިޔާބުކޮށްދިން އިރު ހަތަރު ވަނަ ލަނޑު މެޗްގެ 31 ވަނަ މިނެޓްގައި ޖަހަދިނީވެސް ކޭންއެވެ. އަދި މިމެޗްގައި ކޭންގެ ހެޓްރިކް އޭނާ ފުރިހަމަ ކުރީ މެޗްގެ 39 ވަނަ މިނެޓްގަޕއި ލިބުނު ޕެނަލްޓީއަކުންނެވެ. އަދި އިންގްލަންޑްގެ ހަވަނަ ލަނޑު މެޗްގެ 42 ވަނަ މިނެޓްގައި ޖަހައިދިނީވެސް ކޭންއެވެ. މިލަނޑާއެކު މިހާރު ކޭން އިންގްލަންޑަށް ޖަހާދީފައިވާ ލަނޑުގެ އަދަދު މިވަނީ 48 އަށް އަރާފައެވެ. އަދި އިންގްލަންޑްގެ ރިކޯޑް އޮންނަ ޥޭން ރޫނީގެ 53 ލަނޑާ އަރާ ހަމަކުރުމަށް އޭނާއަށް މިހާރު ބޭނުންވަނީ ފަސް ލަނޑެވެ. މިއީ ކޭން ޖެހިޖެހިގެން ހެޓްޓް ރިކް ހެދި ދެވަނަ މެޗެވެ. މިމެޗްގައި އިންގްލަންޑްގެ ހަތްވަނަ ލަނޑު މެޗްގެ 58 ވަނަ މިނެޓްގައި އެމީލް ސްމިތު ރޯ ކާމިޔާބުކުރިއިރު އަށްވަނަ ލަނޑު ޖަހައިދިނީ ޓައިރޯ މިންގްސްއެވެ. އަދި ފަހު ދެ ލަނޑު މެޗްގެ 78 ވަނަ މިނެޓްގައި ޓެމީ އަބްރަހަމް ކާމިޔާބުކޮށްދިންއިރު ފަހު ލަނދު މެޗްގެ 79 ވަނަ މިނެޓްގައި ޖަހާދިނީ ބުކާޔޯ ސާކާއެވެ.

މިކާމިޔާބީއާއެކު އިންގްލަންޑް ވާރލްޑް ކަޕަށް ކޮލިފައިވެފައިވަނީ ކުޅުނު 10 މެޗުން އަށް މެޗް ކާމިޔާބުކޮށް ދެމެޗުން އެއްވަރުވެ 26 ޕޮއިންޓާއެކުއެވެ. މި ގްރޫޕުން 20 ޕޮއިންޓާއެކު ޕްލޭ އޮފްގެ ޖާގަ ހޯދާފައިވަނީ ޕޯލަންޑެވެ. ނަމަވެސް ޕޯލަންޑްވަނީ ރޭ ހަންގޭރީ އައި ބައްދަލުކުރިމެޗުން ދެ ލަނޑު އެއްލަނޑުން ބަލިވެފައެވެ.

ފީފާ ވާރލްޑް ކަޕުން ސްވިޓްޒަލަންޑުވެސް ވަނީ ޖާގަހޯދާފައެވެ. ވާރލްޑް ކަޕުން ސްވިޓްޒަލަންޑް ޖާގަހޯދީ އިޓަލީވިލާތާއި އެއް ގްރުޕެއްގައި ހިމެނި އެންމެ ފަހު މެޗްތަކުގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.

ޔޫރަޕް ސަރަހައްދު ގްރޫޕް ސީގައި ރޭ ސްވިޓްޒަލަންޑްވަނީ ބަލްގޭރިއާ އާއި ވާދަކޮށް އަމިއްލަ ޤައުމުގައި މޮޅުވެފައެވެ. މިމެޗް ސްވިޓްޒަލަންޑް ކާމިޔާބުކުރީ 4 ލަނޑު ސުންލަނޑުންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ދެވަނަ ހާފްގައި ސްވިޓްޒަލަންޑުންވަނީ ބަލްގޭރިއާގެ ޑިފެންސް ފޫއަޅުވާލާފައެވެ. މިގޮތުން އެޓީމްގެ ފުރަތަމަ ލަނޑު މެޗްގެ 48 ވަނަ މިނެޓްގައި ޖަހައިދިނީ ނޯއާ އޮކަފޯއެވެ. އަދި ދެވަނަ ލަނޑު 57 ވަނަ މިނެޓްގައި ރުބެން ވާގާސް ޖަހައިދިންއިރު ތިންވަނަ ލަނޑު ޖަހައިދިނީ 72 ވަނަ މިނެޓްގައި ޗެޑްރިކް އިޓެންއެވެ. އަދި ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހައިދިނީ ރޭމޯ ފްރެއުލަރއެވެ.

މިކާމިޔާބީއާއެކު ޑެންމާކަށް ގްރޫޕް ސީގެ އެއްވަނަ ލިބިފައިވަނީ ކުޅުނު 8 މެޗުން ލިބިފައިވާ 18 ޕޮއިންޓާއެކުގައެވެ. އިޓަލީވިލާތް ދެވަނައަށް ދިޔައީ 16 ޕޮއިންޓާއެކުގައެވެ.

ވާރލްޑް ކަޕް ކޮލިފައިންގ ޔޫރަޕް ސަރަހައްދުގެ ގްރޫޕް އެފް ގައި ސްކޮޓްލަންޑާއި ޑެންމާކް ބައްދަލުކުރިމެޗް ކާމިޔާބުކޮށް ޔޫރަޕް ސަރަހައްދުގެ ޕްލޭ އޮފުން ސްކޮޓްލަންޑް މިވަނީ ޖާގަހޯދައިފައެވެ. ސްކޮޓްލަންޑްގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ މިހާރުވެސް ވާރލްޑް ކަޕުން ޖާގަހޯދާފައިވާ ޑެންމާކްގެ ޓީމުންނެވެ. ނަމަވެސް މިކަންތައްތަކާއެކުވެސް މިމެޗްގައި ޑެންމާކަށް ލަނޑެއް ކާމިޔާބު ކުރެވެގޮތެއްނުވިއެވެ. މިމެޗްގައި ސްކޮޓްލަންޑުން ޖެހި ފުރަތަމަ ލަނޑު މެޗްގެ 35 ވަނަ މިނެޓްގައި ޖަހައިދިނީ ޖޯން ސައުތަރއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗްގެ 86 ވަނަ މިނެޓްގައި ޖަހައިދިނީ ޝޭ އެޑެމްސްއެވެ. މިއީ ސްކޮޓްލަންޑް ޖެހިޖެހިގެން މޮޅުވި ހަވަނަ މެޗެވެ. އަދި މިމެޗާއެކު މިފަހަރުގެ ކޮލިފައިންގ ސައްތައިން ސައްތަ ރިކޯޑަކާއެކު ނިންމާލުމުގެ ފުރުސަތު ވަނީ ޑެންމާކަށް ގެއްލިފައެވެ.

މިކާމިޔާބީއާއެކު ޑެންމާކަށް ގްރޫޕް އެފްގެ ދެވަނަ ލިބިފައިވަނީ ކުޅުނު 10 މެޗުން ލިބިފައިވާ 23 ޕޮއިންޓާއެކުގައެވެ. ޑެންމާކް ގްރޫޕްގެ އެއްވަނަ ހޯދީ 27 ޕޮއިންޓާއެކުގައެވެ.