ޚަބަރު

ރަޝިޔާގެ ޙަމަލާއަކުން ޔޫކްރެއިން ދިފާޢުކުރަން ތައްޔާރު: ނޭޓޯ


ރަޝިޔާއިން ދީފާނެ އަސްކަރީ ޙަމަލާއަކުން ޔޫކްރެއިން ދިފާޢުކުރުމަށް ތައްޔާރަށް އޮތްކަމަށް ވިލާތުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއިން ބުނެފިއެވެ.

ޔޫކްރެއިންގެ ސަރަޙައްދީ ރޮނގަށް އާދަޔާ ޚިލާތު ގިނަ ޢަދަދެއްގެ ސިފައިންނާއި ބަރު ހަތިޔާރު ރަޝިޔާއިން ފޮނުވާފައިވާ ދަނޑިވަޅެއްގައި ޔޫކްރެއިންގެ ޚާރިޖީ ވަޒީރާއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޭޓޯގެ ސެކެޓުރީ ޖެނެރަލް ޔެންސް ސުޓޮލްޓެންބާގުވަނީ މަޞްރަޙު ފިނިކޮށް ކުރިމަތިލުމަކަށް ނުދިޔުމަށް ރަޝިޔާއަށް އިލްތިމާޞްކުރައްވައިފައެވެ. އަދި ރަޝިޔާގެ ނިޔަތް ސާފުވާން ޖެހޭކަމަށާއި އެ ޤައުމުން ޢަމަލުކުރަމުންދަނީ ޙަމަލާއަކަށް ތައްޔާރުވާފަދަ ގޮތަކަށްކަމަށް ސުޓޮލްޓެންބާގުވަނީ ފާހަގަކުރައްވައިފައެވެ.

ޔޫކްރެއިންނަށް ޙަމަލާދޭން އުޅޭކަމަށް ދެކެވޭ ވާހަކަތައް ރަޝިޔާއިންވަނީ ދޮގުކޮށްފައެވެ. ރަޝިޔާއިން ބުނެފައިވާ ގޮތުގައި ޔޫކްރެއިންގެ ސަރަޙައްދީ ރޮނގު ކައިރީގައި ސިފައިން ޙަރަކާތްތެރިވަނީ އެ ސަރަޙައްދުގައި ނޭޓޯގެ ޙަރަކާތްތައް އިތުރުވުމުންކަމަށެވެ. ޔޫކްރެއިނުން ބުނާ ގޮތުގައި އެ ސަރަޙައްދަށް ރަޝިޔާގެ 100،000އަށްވުރެ ގިނަ ސިފައިންވަނީ ޖަމާވެފައެވެ.

2014ވަނަ އަހަރުގެ ތެރޭގައި ރަޝިޔާއިންވަނީ އެ ޤައުމުގެ ބާރުގެ ދަށަށް ޔޫކްރެއިންގެ ކުރިމިޔާ ސަރަޙައްދު ގެންގޮސްފައެވެ. އެ ސަރަޙައްދުގެ ކަނޑުގެ ސަރަޙައްދީވެސް ރަޝިޔާގެ ބައެއްކަމަށްވަނީ ހަމަޖައްސައިފައެވެ. ނަމަވެސް ދުނިޔޭގެ ގިނަ ޤައުމުތަކުން އެ ނިންމުން ބަލައިގަނެފައެއް ނުވެއެވެ. އޭގެ އިތުރުން ޔޫކްރެއިންގެ ދޮންބަސް ސަރަޙައްދު އޮތީ ރަޝިޔާއިން ވާގިވެރިވާ ޔޫކްރެއިނުން ވަކިވެ ގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައެވެ.