ޚަބަރު

ބްރިޖްގެ ޢަމަލީ މަސައްކަތް ފެށުމުގެ އެންމެ ފަހު މަރުހަލާ


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އެޅުމުގެ އަމަލީ މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރެއިން، ކަނޑުއަޑީގެ ޙާލަތު މޮނިޓަރ ކުރާ ސެންސަރުތައް ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ ބްރިޖްގެ ކޮންޓްރެކްޓަރ ޗައިނާގެ ސީ.ސީ.ސީ.ސީ ހާބަރ އިންޖިނިއަރިން ކުންފުންޏާއި ހައުސިންގ މިނިސްޓްރީގެ އޮފިޝަލުންގެ އިތުރުން، އެމް.އެން.ޑީ.އެފް.ގެ އޮފިޝަލުން ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރުން، ބްރިޖްގެ ތަނބުތައް ޖެހުމުގެ ކުރިން ކަނޑުއަޑީގައި ނަގަން ޖެހޭ މިންތައް ނެގުމަށް ކުރަން ޖެހޭ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވިއެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއެކު މާލޭގެ މަގުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. މީގެ ތެރޭގައި މަގުތައް ރަނގަޅު ފެންވަރެއްގައި ހެދުމާ ބައެއް މަގުތަކުގައި ތާރު އެޅުންވެސް ހިމެނެއެވެ. މިހާރު ހަމަޖެހިފައިވާގޮތުން ބްރިޖްގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަދުވަހުއެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އެޅުމަށް މާލޭގެ ސައިޓް ހެދުމަށް ލޮނުޒިޔާރަށްކޮޅުން ބޮޑު ސަރަހައްދެއް މިހާރުވަނީ ބަންދުކޮށްފައެވެ.