އެކައުންޓިންގ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިތުރުން، ޕްރޮފެޝަނަލް އެކައުންޓެންޓުން އުފެއްދުމަށް ބޭނުންވާ ކޯސްތައް ސަރުކާރުން ކުރިއަށްގެންދާ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ތެރޭގައި، ހިމަނުއްވައިގެން މި ދާއިރާއަށް މީހުން ބިނާކުރުމަށް ސަރުކާރުން މަސައްކަތް ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީ.އޭ މޯލްޑިވްސް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މޯލްޑިވްސް އެކައުންޓްސް ފޯރަމް އިފްތިތާޙުކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
ކޯވިޑްގެ ނުރައްކާތެރިކަމާއެކު އައި ހީނަރުކަމަށްފަހު، ރާއްޖޭގެ ތަރައްޤީގެ ދުވެލި، މިހާރު ހުރީ ރަނގަޅު މިޞްރާބުގައިކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ޤައުމީ އާމްދަނީއާ ގުޅިފައިވާ ޞިނާޢަތްތައް މިހާރު ކުރިއަރަމުން އަންނަނީވެސް އުއްމީދު އާކޮށްދޭ ގޮތެއްގައިކަމަށެވެ.
މިއަދު ރާއްޖެ މިއޮތީ، ދިވެހި އެކައުންޓަންޓުންނާއި އޮޑިޓަރުން އުފައްދައި ތަމްރީނު ކުރުމަށް، ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ޙާލަތެއްގައިކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، ސަރުކާރުން ފަށައިގެން ކުރިއަށްގެންދާ، ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުގެ ޕްރޮގްރާމަކީވެސް، ރާއްޖެއަށް ބޭނުންވާ ފަންނީ ދާއިރާތަކުން ތަޢުލީމީ ޒުވާނުން ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށެވެ. އަދި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި އެކައުންޓަންޓުން އުފެއްދުމަށް ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ތެރެއިން މަސައްކަތްކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"ހިލޭ ޑިގްރީ ޕްރޮގްރާމްގެ ތެރޭގައި، މިހާރުވެސް އެކައުންޓިންގ ދާއިރާގެ ކޯސްތައް އެބަ ހިމެނޭ. އަދި މީގެއިތުރުންވެސް، ތިޔަބޭފުޅުންގެ މަޝްވަރާއާ އެކީގައި، މި ދާއިރާއަށް މީހުން ބިނާކުރުމުގައި، މި ޕްރޮގްރާމްގެ ތެރެއިން އަޅުގަނޑުމެންނަށް ސަރުކާރުން ކޮށްދެވެން ހުރި ކަންތައްތައް އިރާދަކުރެއްވިއްޔާ ކޮށްދީ، މަގުފަހިކޮށްދޭނަން" ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސީއޭ މޯލްޑިވްސްގެ ރައީސް، އަދި އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވީ، ޤާނޫނުގައިވާ ގޮތަށް އެ އިންސްޓްޓިއުޓުން ދިވެހި ޕްރޮފެޝަނަލް އެކައުންޓެންޓުން އުފެއްދުމަށް ސަރުކާރާއި ގުޅިގެން މުހިއްމު މަޝްވަރާތަކެއް ކުރައްވާފައިވާކަމަށެވެ. އަދި ސިއޭ މޯލްޑިވްސްއިން ހެދި ދިރާސާއެއްގެ އަލީގައި އޭނާ ވަނީ މިދާއިރާގެ މަތީފަންތީގެ ވަޒީފާތަކަށް ޕްރޮފެޝަނަލް ކައުންޓެންޓުން ބޭނުންވެފައިވާ މިންވަރު ހާމަކުރައްވާފައެވެ.
"އަލުގަނޑުމެން ހެދި ދިރާސާއަކުން ދައްކާގޮތުން، ރާއްޖޭގެ ޕްރައިވެޓް ސެކްޓަރގައި ގާތްގަނޑަކަށް 4500އެއްހާ ބިދޭސީ އެކައުންޓެންޓުން ހަރަކާތްތެރިވޭ. އަދި އިންކަމް ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް %15 ފަރާތްތަކަކީ އެކައުންޓިންގ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް. މީގެ ތެރެއިން %80 އަކީވެސް ބިދޭސީ ފަރާތްތައް. މިނަންބަރުތަކުން ހާމަވެގެންދަނީ އެކައުންޓިންގ ދާއިރާއަށް މީހުން ބިނާކުރަށް ޖެހިފައިވާ މިންވަރު" ނިޔާޒީ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވަނީ އެކައުންޓިންގ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ގިނަ އަހަރުތަކެއް ވަންދެން ކުރަމުންދިޔަ އުންމީދުތަކާއި އެއްގޮތަށް ޗާޓަޑް އެކައުންޓެންޓުންގެ ޤާނޫނު ވުޖޫދަށް ގެނައުމަށް ސަރުކާރުން އިސްކަންދީ، އެޤާނޫނުގެ ދަށުން އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އުފެދި އަހަރެއް ފާއުތުވެފައިވާތީ، ރާއްޖޭގެ އެކައުންޓިންގ ދާއިރާ ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވަވަމުން ގެންދަވާ އެއްބާރުލުން ފާހަގަކޮށް އެމަނިކުފާނަށް ހަނދާނީ ފިލައެއް އަރުވާފައެވެ.
މި ރަސްމިއްޔާތުގައި މީގެ ގާތްގަނޑަކަށް 67 އަހަރު ކުރިން ރާއްޖޭގެ އެކައުންޓިންގ ތާރީޚު ފެށިގެން އައިގޮތާއި މިހާރު ލިބިފައިވާ ކުރިއެރުން ދައްކުވައިދޭ ޙާއްސަ ހުށައެޅުމެއްވެސް ގެނެސްދީފައިވެއެވެ.