ޚަބަރު

އެކްސްޕޯ 2015 އާއްމުންނަށް ހުޅުވާލައިފި


އެކްސްޕޯ މޯލްޑިވްސް ދެހާސް ފަނަރައަށް އާއްމުންނަށް ވަނުމުގެ ފުރުސަތު މިއަދު ހެނދުނުން ފެށިގެން ހުޅުވާލައިފިއެވެ. 

މިމައުރަޒު އާއްމުންނަށް ދައްކަން ހަމަޖެހިފައިވަނީ، ހެނދުނު 9 ން މެންދުރު 12 ށެވެ. އަދި މެންދުރު 2 ން ހަވީރު 6 ށާއި ރޭގަނޑު 8 ން 12 އަށް ކަމަށް މައުރަޒު އޮފީހުން މަޢުލޫމާތުދެއެވެ.

ދަރުބާރުގޭގައި ރޭ ހުޅުވިގެން ދިޔަ މިއެކްސްޕޯއިން ގިންތިތަކުން އެއްވަނަ ޙާޞިލްކުރި މީހުންގެ ތެރޭގައި، ޚާއްޞަ އެހީއަށް ބޭނުންވާ މީހަކު ހިމެނިގެން ދިޔަކަން ފާހަގަ ކޮށްލެވެއެވެ. ދަރުބާރުގޭގެ ރަންނަބަޑޭރި މާލަމުގައި ރޭ ފެށި މި މައުރަޒުގައި ދިވެހި އުފެއްދުންތެރިކަން ދައްކުވައިދޭ ތަފާތު އެކި ސްޓޯލްތައް ބަހައްޓާފައިވެއެވެ. މިގޮތުން 70 ސްޓޯލާއެކު ފެށި މި މައުރަޒުގައި ގާތްގަނޑަކަށް 3500 އައިޓަމް ހުންނާނެ ކަމަށް  މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމަންޓުން މަޢުލޫމާތުދެއްވައެވެ. މީގެ ތެރޭގައި މާލެ އާއި ރާއްޖޭގެ އެކި ސަރަޙައްދުގެ އެކި މީހުން އުފެއްދުންތައް ހިމެނެއެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި އެފަދަ ކުދިންގެ މަސައްކަތްތައްވެސް މި މަޢުރަޒުން ފެނިގެންދެއެވެ. 

މިމަޢުރަޒު ރެއިން ފެށިގެން 7 ދުވަހަށް ކުރިޔަށް ގެންދަވާނެކަމަށް މައުރަޒް އޮފީހުން ވިދާޅުވެއެވެ. އިކޮނޮމިކް މިނިސްޓްރީން ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާތަކާއި ގުޅިވަޑައިގެން ބާއްވަވާ އެކްސްޕޯ މޯލްޑިވްސް 2015 ގެ އިވެންޓް އޮގަނައިޒަރަކީ، ޕަބްލިކް ސަރވިސް މީޑިއާއެވެ.