ކުޅިވަރު

ސާބާގެ ފުރަތަމަ މެޗް ލަންކާއިން ކާމިޔާބުކޮށްފި


ސާބާ ޗެންޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރަތުގެ ފުރަތަމަ މެޗް ސްރީލަންކާއިން ކާމިޔާބުކޮށްފިއެވެ. ބަންގްލަދޭޝްގައި ފެށި މުބާރާތުގެ ފުރަތަމަ މެޗުގެ ކުރިން ވަނީ ހުޅުވުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. މިފަހަރުގެ މުބާރާތުގައި ވާދަކުރަނީ ބަންގްލަދޭޝާއި އިންޑިޔާ، ސްރީލަންކާ އަދި ދިވެހިރާއްޖެއެވެ. މިމުބާރާތުގައި އެންމެ ކާމިޔާބު ޓީމަކީ އަވަށްޓެރި އިންޑިޔާއެވެ. ސާބާ ޗެންޕިއަންޝިޕްގެ ފުރަތަމަ މެޗް ސްރީލަންކާއިން ކާމިޔާބުކޮށްފައިވަނީ ބަންގްލަދޭޝް އާއި ވާދަކޮށް 11 ޕޮއިންޓްގެ ތަފާތުންނެވެ.

ދެ ޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ކުއަޓަރގައި ދެ ޓީމްގެ ފަރާތުންވެސް ފެނިގެންގޮސްފައިވަނީ ވަރަށް އެއްވަރު ކުޅުމެކެވެ. ފުރަތަމަ ކުއަޓަރ ބަންގްލަދޭޝްއިން ކާމިޔާބުކޮށްފައިވަނީ 1 ޕޮއިންޓްގެ ތަފާތުންނެވެ. އެއީ 15 ޕޮއިންޓް 14 ޕޮއިންޓުންނެވެ. މެޗްގެ 2ވަނަ ކުއަޓަރގައިވެސް ދެ ޓީމްގެ ފަރާތުންވެސް ވަރަށް އަވަސް ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމުންވެސް ވަރަށް ބޮޑަށް ނަތީޖާއަށް ވިސްނައިގެން ކުޅެމުންދިޔަތަން ފެނިގެންދިޔައެވެ. މެޗްގެ ދެވަނަ ކުއަޓަރ ނިމިފައިވަނީ އެއްވަރު ވެގެންނެވެ. އެއީ 30 ޕޮއިންޓް 30 ޕޮއިންޓުންނެވެ. މެޗްގެ 3ވަނަ ކުއަޓަރގައި ބަންގްލަދޭޝްއިން ކުޅުން ރަގަނޅު ކުރިތަން ފެނިގެންދިޔައެވެ. އަދި ލަންކާއަށް ބަންގްލަދޭޝްގެ ކުޅުންތެރިން ހިފެހެއްޓޭގޮތެއް ނުވިއެވެ. މި ކުއަޓަރގައި ލަންކާއިން މެޗްގައި ލީޑްވެސް ކުރިއެވެ. ނަމަވެސް އެޓީމަށް ބަންގްލަދޭޝްގެ ކުޅުންތެރިން ހުއްޓުވޭ ގޮތެއް ނުވިއެވެ. އަދި ތިންވަނަ ކުއަޓަރގެ ފަހު ތިން މިނެޓްގެ ތެރޭގައި ބަންގްލަދޭޝްއިންވަނީ ލީޑްނަގާ، އެލީޑް ދަމަހައްޓާފައެވެ. 3ވަނަ ކުއަޓަރ ނިމުނުއިރު ލީޑް ކުރަމުންދިޔައީ 3 ޕޮއިންޓްގެ ތަފާތުންނެވެ. އެއީ 45 ޕޮއިންޓް 41 ޕޮއިންޓުންނެވެ. މެޗްގެ ފަހު ކުއަޓަރގައި ލަންކާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިކުއަޓަރގައި ބަންގްލަދޭޝަށް އެޓީމުން މެޗްގެ ފުރަތަމަ ކުއަޓަރގައި ދެއްކި މޮޅު ކުޅުންދެއްކޭ ގޮތެއް ނުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗްގެ ފަހު ކުއަޓަރގައި ލަންކާއިންވަނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް، މެޗްގެ އޮއިވަރު މުޅިހެން ބަދަލްކޮށްލާފައެވެ. ފަހު ކުއަޓަރ ލަންކާއިން ކާމިޔާބުކުރީ 11 ޕޮއިންޓްގެ ތަފާތުންނެވެ. އެއީ 67 ޕޮއިންޓް 56 ޕޮއިންޓުންނެވެ.

މިމުބާރާތުގެ ދެވަނަ މެޗްގައި މާދަމާ ރާއްޖެ ނިކުންނާނީ ސާބާގެ އެންމެ ކާމިޔާބު ޓީމު އިންޑިޔާ އާއި ދެކޮޅަށެވެ. މިމަހުގެ 17ވަނަ ދުވަހު ސްރީލަންކާ އާއި އިންޑިޔާ ވާދަކުރާއިރު އެދުވަހުގެ ދެވަނަ މެޗުގައި ވާދަކުރާނީ ބަންގްލަދޭޝް އާއި ދިވެހިރާއްޖެއެވެ. އަދި މިމަހުގެ 18ވަނަ ދުވަހު ރާއްޖެ އާއި ސްރީލަންކާ ވާދަކުރާއިރު، މުބާރާތުގެ ފަހު މެޗްގައި ވާދަކުރާނީ އިންޑިޔާ އާއި ބަންގްލަދޭޝްއެވެ. މުބާރާތް ކުރިއަށްދާނީ ލީގް އުސޫލުންނެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލްގައި ވާދަކުރާނެއެވެ.

ސާބް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ބާސްކެޓް ޓީމު ވަނީ ދުބާއީގައި ކޭންޕް ވެސް ކޮށްފައެވެ. އެކޭންޕުގައި ގައުމީ ޓީމް 3 މެޗް ކުޅެފައިވާއިރު، 3 މެޗުންވެސްވަނީ ބަލިވެފައެވެ.

ޤައުމީ ބާސްކެޓް ޓީމުގެ ކޯޗުންނަށް ހަމަޖައްސާފައިވަނީ ހުސް ދިވެހިންނެވެ. އެގޮތުން ކޯޗަކަށް ހަމަޖައްސާފައިވަނީ ޤައުމީ ޓީމަށް 15 އަހަރަށް ވުރެއް ގިނަ ދުވަހު ކުޅެ، އެޓީމުގެ ކެޕްޓަންކަންވެސްކޮށްފައިވާ އިލްޔާސް އިބްރާހިމެވެ. ތަޖްރިބާކާރު ކޯޗް އިލްޔާސާއެކު މަސައްކަތް ކުރުމަށް 3 އެސިސްޓެންޓް ކޯޗުން ހަމަޖައްސާފައިވާއިރު، މިތިން ކޯޗުންނަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ބާސްކެޓް ކުޅުންތެރިޔާ މުޙައްމަދު ޒިލާލާއި ގައުމީ ޓީމުގެ އެންމެ މޮޅު ޕޮއިންޓް ގާޑް ޢަލީ ފަޒްލްީއާ މުޙައްމަދު ނަސީރެވެ. މިއީ މިހާތަނަށް ޤައުމީ ބާސްކެޓް ޓީމުގައި މަސައްކަތް ކުރާ އެންމެ ޒުވާން ކޯޗިން ސްޓާފުންނެވެ.