ދުނިޔެ

ރެފިއުޖީންގެ މައްސަލާގައި އިޓަލީވިލާތާ ލުބުނާނުން މަޝްވަރާކޮށްފި


ވިލާތަށް ކުރިމަތިވެފައިވާ ރެފިއުޖީންގެ މައްސަލަ ހައްލުކުރެވޭނީ، ގައުމުތަކުން މީހުން ހިޖުރަކުރުމަށް މެދުވެރިވާ ސަބަބުތަކަށް ހައްލެއް ހޯދިގެން ކަމަށް އިޓަލީވިލާތުގެ ބޮޑު ވަޒީރު މަތާއޯ ރެންޒީ ވިދާޅުވެއްޖެއެވެ.ލުބުނާނުގެ ވެރިރަށް ބައިރޫތަށް ވަޑައިގެން އެގައުމުގެ ބޮޑުވަޒީރު ތަމާމް ސަލަމާ ބައްދަލުކުރައްވާ ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރެންޒީ ވިދާޅުވީ، ލުބުނާނަކީ އިޓަލީވިލާތަށް ވުރެ 15 ގުނަ ކުޑަ ގައުމެއް ނަމަވެސް، އިޓަލީވިލާތަށް ވުރެ 10 ގުނަ ގިނަ ރެފިއުޖީން ލުބުނާނުގައި މިހާރު ތިބި ކަމަށެވެ.އަދި މިކަން މިގޮތަށް ނުހިނގާ ކަމަށް ހެދުމުގެ ބޭނުމެއް ނެތް ކަމަށާއި ގައުމުތަކުން ލުބުނާނާއި އިޓަލީވިލާތަށް ހިޖުރަކުރުން މަދުކުރެވޭނީ ގައުމުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވާ މާލީ ހާލަތުތައް ބަދަލުކޮށްގެން ކަމަށެވެ. ސޫރިޔާގެ ހަނގުރާމަ ފެށިފަހުން އެގައުމުން އެންމެ ގިނަ ރެފިއުޖީން ހިޖުރަކޮށްފައިވަނީ، ލުބުނާނަށެވެ. މިގޮތުން ލުބުނާނުގައި އެއް މިލިއަން ރެފިއުޖީން ތިބިއިރު އާބާދީގެ ކޮންމެ ހަތަރު މީހުން އެކަކަކީ ރެފިއުޖީއެއް ކަމަށް ލުބުނާނުން ބުނެއެވެ.