ޚަބަރު

އެމެރިކާގެ ޙަމަލާއެއްގައި ސޫރިޔާގެ ޢާއްމުންގެ ބަޔަކު މަރުވި މައްސަލައެއް ފެންމަތިވެއްޖެ


އެމެރިކާގެ ޙަމަލާއެއްގައި ސޫރިޔާގެ ޢާއްމުންގެ ގިނަ ޢަދަދެއްގެ ބަޔަކު މަރުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ސޫރިޔާގައި ޙަރަކާތްތެރިވާ އައިއެސް ޖަމާޢަތާ ދެކޮޅަށް އެމެރިކާއިން 2019ވަނަ އަހަރުގެ ތެރޭގައި ދިން ޙަމަލާތަކެއްގައި 64 އަންހެނުންނާއި ކުޑަކުދިން މަރުވެފައިވާކަން ހާމަވީ އެމެރިކާގެ މަޝްހޫރު ނޫހެއްކަމަށްވާ ނިޔު ޔޯކް ޓައިމްސުން ޝާޢިރުކުރި ލިޔުމަކުންނެވެ. އެ ލިޔުމުގައިވާ ގޮތުން އެމެރިކާގެ ވައިގެ ސިފައިން ޙަމަލާދީފައިވަނީ ބާޢޫޒަށްކަން އެނގެއެވެ.

ސޫރިޔާގައި އެފަދަ ޙަމަލާއެއް ދިންކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ފުރަތަމަ ފަހަރަށް އެއްބަސްވެފައިވަނީ މީގެ ހަފުތާއެއް ކުރިންނެވެ. އެމެރިކާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޙަމަލާގައި މަރުވެފައިވަނީ 80 މީހުންކަމަށާއި އޭގެ ތެރޭގައި އައިއެސްގެ 16 ހަނގުރާމަވެރިންނާއި ޢާއްމުންގެ 4 މީހުން ހިމެނޭކަމަށެވެ. އަދި އެ ޙަމަލާގައި ދެން މަރުވި 60 މީހުންނަކީ އަންހެނުންނާއި ކުޑަކުދިންކަމެއް ކަށަވަރުނުވާކަމަށްވެސް އެމެރިކާގެ އަސްކަރިއްޔާއިންވަނީ ބުނެފައެވެ. އަދި މަރުވި އަންހެނުންނާއި ކުޑަކުދިންނަކީވެސް ހަނގުރާމަވެރިންނަށްވުން އެކަށީގެންވާކަމަށްވެސް އެމެރިކާގެ އަސްކަރިއްޔާއިން ބުނެއެވެ.

އެމެރިކާގެ އަސްކަރިއްޔާއިން އެ މައްސަލަ ތަޙްޤީޤުކުރި ނަމަވެސް މިނިވަންކަމާއެކު އެ ކަން ކޮށްފައިނުވާކަމަށް ނިޔު ޔޯކް ޓައިމްސުންވަނީ ބުނެފައެވެ.