ޚަބަރު

ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖެހުނު 3 އަހަރު


ސިޔާސީ ޕާޓީތަކުގެ ވެރިކަމުގެ ނިޒާމުގެ ތެރެއިން ފާއިތުވެދިޔަ ސަރުކާރުތަކުން ފެނިގެންދިޔަ އެއް ކަމަކީ ވެރިންނަށް ލިބިފައިވާ ވެރިކަމުގެ ބާރުތައް ލާމަރުކަޒީ އުސޫލުން ދޫކޮށްލަން ފަސްޖެހުމެވެ. ވެރިކަން ދެމެހެއްޓުމަށްޓަކައި، ޤާނޫނުތަކާއި ޤަވާޢިދުތައް ބަދަލުކޮށް، ވެރިޔަކަށް ހުންނަ ބޭފުޅަކަށް ހެޔޮވަރު ކޯޓެއް ފަހާހެން ކަންކަން ރާވަމުންދިޔަތަނެވެ.

މިކަން ބަދަލު ކުރައްވާނެކަމުގެ ސާބިތު ވަޢުދުފުޅަކާއެކު، ނުކުންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމަށް އިންތިޚާބުކޮށް، ރައްޔިތުން އޭރު އޮތް ވެރިކަން ބަދަލުކުރީ ހެޔޮ ވެރިކަމެއްގެ އުންމީދުގައެވެ. މުޖުތަމައުގައި އޮތް ބައިބައިވުމާއި، ހަމަނުޖެހުން ނެތި އެއްބައިވަންކަމާއިއެކު ކުރިއަށްދެވޭނެ މަގެއް ހޯދުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމާ، ޙަވާލުވެވަޑައިގަތުމަށްފަހު މިވީ 3 އަހަރުދުވަހުގެ ތެރޭގައި ވެރިމީހާގެ ފަރާތުން ރައްޔިތުންނަށް ދެއްވި އެންމެބޮޑު ޔަގީންކަމަކީ، ވެރިކަމުގެ ބާރުތަކަކީ ރައްޔިތުންނާ ހަމާގައި އޮތްބާރެއްކަން ޔަގީންކޮށްދެއްވުމެވެ. މިކަން ކަށަވަރު ކޮށްދެއްވާފައިވަނީ ރާއްޖޭގެ މިވީ ދިގު ތާރީޚުގައިވެސް އެއްވެސް ވެރިއަކަށް ކުރަން ކެރިވަޑައިނުގަތް މަރުކަޒީ ބާރުތައް ރައްޔިތުންނާ ހަމައަށް ދޫކޮށްލައި ޤާނޫނީ ބާރުވެރިކަން ކައުންސިލްތަކަށް ދޫކޮށްލައިގެންނެވެ. މިއަދު ކޮންމެރަށަކީ، ކޮންމެ ސިޓީއަކީ ޤާނޫނީ ގޮތުން ބަސްބުނުމުގެ ބާރުލިބިފައިވާ، އަމިއްލަ މިލްކިއްޔާތާއި، އަމިއްލަ ފުދުންތެރިކަން އޮތް ބައެކެވެ.

އެކި ފިކުރުގެ އެކި ވިސްނުމުގެ އެންމެހާ ރައްޔިތުންގެ ރައީސްގެ ގޮތުގައި ރައީސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ސިފަކުރެވެނީ މިފަދަ އެތައް ސަބުތަކަކާހެދިއެވެ.

އެންމެ މުހިންމު އެއް ސަބަބަކީ މަލްޓިޕާޓީ ވެރިކަމުގެ ނިޒާމުގެ ތެރެއިން މިހާތަނަށް ކޯލިޝަންގެ ވެރިކަމެއް ދެމެހެއްޓުނު ހަމައެކަނި ސަރުކާރަކީވެސް މިސަރުކާރުކަމަށް ވުމެވެ. ތަފާތު ފިކުރުތަކުގެ ބޭފުޅުންނާއިއެކު 3 އަހަރު ކާމިޔާބު ވެރިކަމެއް ދެމިއޮތީ މަޝްވަރާއާއި އެއްބައިވަންތަ ކަމާއިއެކުގައެވެ. މިއާއިއެކު އިދިކޮޅު ފަރާތްތަކުގެ އަޑުވެސް އަހައި އެބޭފުޅުންނަށްވެސް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ހަމައަށް ކަންބޮޑުވުންތަކުގެ އަޑުތައް ގެންދިއުމުގެ ފުރުސަތު ވަނީ ދެއްވާފައެވެ. އަދި ކުރިން ހިފެހެއްޓިފައިއޮތް އެއްވެ އުޅުމާއި، މުޒާހަރާ ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލަދެއްވާފައެވެ.

ރިޔާސީ ނިޒާމެއްގައި ރައްޔިތުންނަށް އެންމެ ފައިދާހުރި ކަންކަން ހާސިލްކުރުމަށްޓަކައި، ސަރުކާރުން ވަނީ މުހިންމު ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައެވެ. ރާއްޖޭގެ ރައްޔިތުންނަކީ ނަޖިހުން ސަލާމަތްވެފައިވާ ރައްޔިތުންތަކަކަށް ހެދުމަށް، ފެނާއި، ނަރުދަމާގެ ނިޒާމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރެވެމުންނެވެ.

ކޮންމެ ރައްޔިތަކީވެސް އެމީހަކު އަދާކުރާ ވަޒީފާއިން ހައްގު މުސާރަ ލިބޭނެ ބަޔަކަށް ހެދުމަށް އެންމެ ކުޑައުޖޫރަ ކަނޑައަޅައި އަންނަ އަހަރުން ފެށިގެން ތަންފީޒު ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިއީވެސް ފާއިތުވެދިޔަ އެއްވެސް ވެރިޔަކަށް ކުރަން ކެރިވަޑައިނުގެން ފަހަތު ފަޔަށް ބުރަވެވަޑައިގެންނެވި މަސައްކަތެކެވެ.

މިނިމަން ވޭޖާއެކު ސިވިލްސަރވިސްގެ މުވައްޒަފުންގެ ތެރެއިން ގިނަ ޢަދަދެއްގެ މުވައްޒަފުންނަށް މުސާރައިގެ ކުއެރުން ލިބިގެންދާނެއެވެ. އަދި މިއާއެކު ޕްރައިވެޓް ސެކްޓަރގައާއި، ރިސޯޓް މުވައްޒިފުންގެ މުސާރައަށްވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވަނީ ދަރަނިކުޑަކޮށް، އިޤްތިޞާދު ކުރެވޭނެ ސިޔާސަތެއްގެ މައްޗަށެވެ. ކޯވިޑާއެކު މުޅި ދުނިޔެ ބަންދުވެފައި އޮތް ހާލަތުގައިވެސް އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަނުކޮށް، ދައުލަތުން ކުރަންޖެހޭ އެންމެހައި ޚަރަދުތައް އެއްވެސް ހުއްޓުމެއްނެތި ދިޔައީ ކުރައްވަމުންނެވެ. މިކަންކުރުމުގައި ފާއިތުވެދިޔަ ދައުރުތަކުގައި އުފުލިފައިވާ ދަރަނީގެ ނިސްބަތް ކުޑަކޮށް، އިޤްތިޞާދު މެނޭޖުކޮށް ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުނުވެ އެއްމިންގަނޑެއްގައި ހިފެހެއްޓިއެވެ.

ނިމިދިޔަ ވެރިކަމުގައި ރާއްޖެއަކީ ދުނިޔެއާ އެކަހެރިވެފައި އޮތް، ދުނިޔެއާއި ބީރައްޓިހި ޤައުމަކަށް ވީނަމަވެސް ރާއްޖެއިންވަނީ ބައިނަލް އަޤުވާމީ މައިދާނުގައި ބޮޑެތި ޤައުމުތަކާ އެއްހަމައެއްގައި ފައިހަރުކޮށް، ޚާރިޖީ އެންމެ މަތީ ކުރިބޯއްޓަށް ވާސިލްވެފައެވެ.

އދ.ގެ ޢާންމު މަޖިލީހުގެ ރައީސްކަން ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރު އަދާކުރެއްވުމާއި، ދުނިޔޭގެ އެތައް ޤައުމަކާއި ގުޅުން ގާއިމްކޮށް، ކޮމަންވެލްތާއި ގުޅުން ގާއިމްވެގެން ދިއުމަކީ ރާއްޖެއަށް އެތައް ގޮތަކުން ކާމިޔާބު ހާސިލްކުރުމަށް ބޮޑެތި ފަސޭހަތަކެއް ވެގެންދިޔަ ކަންކަމެވެ.

ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމާއެކު، ޤާނޫނީ ބާރުވެރިކަން ހޯދުމަށްވެސް މި 3 އަހަރަކީ ގިނަ ކަންތައްތަކެއް ހާސިލްކުރެވުނު ތިން އަހަރެވެ. މިދިޔަ 3 އަހަރުދުވަހުގެ ތެރޭގައި 102 ބިލެއް ވަނީ ސަރުކަރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައެވެ. އޭގެ ތެރެއިން 74 ބިލެއްގެ މަސައްކަތް މަޖިލީހުން ނިންމައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީޤު ކުރައްވަފައެވެ.

ޤާނޫނުތަކަށް ގެނެވުނު ބަދަލުތަކާއެކު، ފުލުހުންގެ މުއައްސަސާއަށް ވަނީ ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެނެވިފައެވެ. ޝަރުއީ މަރުހަލާ އިސްލާހުކޮށް ރައްޔިތުންގެ އިތުބާރު ގާއިމް ކުރުމަށްޓަކައި، ޝަރުއީ މަރުހަލާއާ ގުޅުންހުރި ޤާނޫނުތަކަށް ގެނެވުނު ބަދަލުތަކުން ކޯޓުތަކުން ނިންމޭ މައްސަތަކުގެ ޢަދަދު އިތުރުވެ، އަދުލު އިންސާފު ޤާއިމްކުރުމުގެ ދުވެއްޔަށް ވަނީ ހަލުވިކަމެއް އައިސްފައެވެ.

މިހުރިހާ ކަމަކާއިއެކު ސަރުކާރުން އެންމެ އިސްކަންދިން ކަމަކީ ސުލްހަވެރިކަމާއި، ހަމަޖެހުން ގާއިމް ކުރުމެވެ. އެކަން ކުރުމަށް މިވީ ތިން އަހަރު ހާސިލުކުރެވުނު ކާމިޔާބީއަކީ މިއަދު ޤައުމުން ފެނިގެންދާ ހަމަޖެހުމެވެ. ގޭންގު މާރާ މާރީތަކާއި، މީހުން މެރުމާއި، ވައްކަމާއި ފޭރުން ވަނީ ކުޑަކުރެވިފައެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ ރައްޔިތުންގެ ހަމަޖެހުމަށްޓަކައި އަވަށްޓެރި ފުލުހުންގެ ސިޔާސަތާއެކު ރާއްޖޭގެ ހަމަޖެހުން ޤާއިމްކޮށް ރައްޔިތުންގެ ވެރިކަމެއް ކޮށްދިނުމެވެ. އަދި ކުރިއަށް އޮތް ދެ އަހަކީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަވައި ނިންމެވުމަށް ކަނޑައަޅުއްވާފައިވާ ދެ އަހަރެވެ. ދިމާވި އެއްވެސް ހުރަހަކަށް ބެލުމެއްނެތި، ބަހަނާއެއްނެތި ނަތީޖާ ނެރޭނެ 2 އަހަރަށް ހެދުމެވެ.