ދުނިޔެ

ސައުދީ އިއްތިހާދުން ޔަމަނަށް ދޭ ހަަމަލާތަކާ މެދު ކަންބޮޑުވޭ - އދ.


ޔަމަނުގައި މިހާރު ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި، ސައުދީ ޢަރަބިއްޔާއިން އިސްވެ އޮވެ އެކުލަވާލާފައިވާ އިއްތިހާދުން ދޭ ވައިގެ ހަމަލާތައް ޔަމަނުގެ ޢާއްމުން އުޅޭ ސަރަހައްދުތަކަށް އަމާޒުވުން އާދަޔާއި ޚިލާފަށް އިތުރުވެފައިވާ ކަމަށް އިންސާނީ ހައްޤުތަކާއި ބެހޭ އދގެ ހައިކޮމިޝަނަރ ވިދާޅުވެއްޖެއެވެ.އދ. ގެ ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ހައިކޮމިޝަނަރ ޒައީދު ރަޢާދު ޢަލް ހުސެއިން ވިދާޅުވީ، ޔަމަނުގައި ހަނގުރާމައިގައި އެގައުމުގެ އާއްމުން އުޅޭ ސަރަހައްދުތަކާއި ސްކޫލުތަކާއި ހޮސްޕިޓަލުތަކަށް އަމާޒުކޮށް އެއްގަމު މަގުންނާއި ވައިގެ މަގުން ހަމަލާތައް ދެމުންދާ ކަމަށާއި މިއީ އދ. ން ކަންބޮޑުވާ ކަމެއް ކަމަށެވެ.ހަނގުރާމައިގައި ބައިވެރިވާ ހުރިހާ ފަރާތަކުންވެސް މިކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށާ އެހެން ނަމަވެސް ސައުދީން އިސްވެ އޮވެ އެކުލަވާލާފައިވާ އިއްތިހާދުން ޢާއްމުން އުޅޭ ސަރަހައްދުތަކަށް ދޭ ހަމަލާތައް ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާކަން އދ. ގެ ހައިކޮމިޝަނަރ ވިދާޅުވިއެެވެ. ޔަމަނުގެ 9 މަސް ދުވަސްވީ ހަނގުރާމައިގައި 5 ހާހަށްވުރެ ގިނަ މީހުން މިހާތަނަށް މަރުވެފައިވެއެވެ.